27 Apr 2020, 08:30
އިންޑިއާގެ ބައެއް ސަރަހައްދުތަކުގެ ލޮކްޑައުން އިތުރަށް ދަންމާލުމާމެދު ވިސްނަން ފަށައިފިއެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތިން އިންޑިއާގެ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފައިވާއިރު އަންނަ މަހުގެ ތިނަކާ ހަމައަށް ލޮކްޑައުން އޮންނާނެއެވެ.
އިންޑިއާގެ މަހާރަޝްތާ ސްޓޭޓްގެ ސަރުކާރުގެ އޮފިޝަލަކާ ހަވާދީ އެގައުމުގެ ނޫހެއް ކަމަށްވާ އިންޑިއަންއެކްސްޕްރެސްއިން ބުނީ އިންޑިއާގެ ޕޫނޭ އަދި މުމްބާއީގެ ލޮކްޑައުން އަންނަ މަހުގެ 15 އާ ހަމައަށް ދަންމާލަފާނެ ކަމަށެވެ.
އިންޑިއާގެ މަހާރަޝްތާ ސްޓޭޓުން އިއްޔެ އެކަނިވެސް 811 ކޭސް ފެނުނުއިރު ޖުމްލަ ކޭސްވަނީ 7682 އަށް އަރައިފައެވެ. އެ ސްޓޭޓްގެ މުމްބާއީން 5049 ކޭސް ފެނުނުއިރު ޕޫނޭއިން 1030 ކޭސް ވަނީ ފެނިފައެވެ. އެ ސްޓޭޓްއިން މަރުވި މީހުންގެ އަދަދު ވަނީ 300 އިން މައްޗަށް އަރައިފައެވެ.
މުޅި އިންޑިއާއިން ކޮރޯނާ ޖެހުނު މީހުންގެ އަދަދު ވަނީ 26,917 އަށް އަރައިފައެވެ.
ބަލި ފެތުރޭތީ "ކޮންޓެއިންމަންޓް" ޒޯންގެ ގޮތުގައި 700 ޒޯން ސަރަހައްދު މުމްބާއީގައި އެކަނިވެސް ވަނީ ފާހަގަކޮށްފައެވެ. ބަލި ފެތުރޭތީ ޕޫނޭއިން ވަނީ މާރުކޭޓް ސަރަހައްދުތައް އަންނަ މަހު ހަތަކާ ހަމައަށް ބަންދުކުރަންވެސް ނިންމައިފައެވެ.
ލޮކްޑައުން އިތުރުކުރިޔަސް ރަށްފުށުގެ ހިސާބުތައް ހުޅުވާލަން ބޭނުންވާ ކަމަށް ސަރުކާރުން ބުނެއެވެ. ހާއްސަކޮށް އޮރެންޖް އަދި ގްރީން ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ހިމެނެއެވެ. ބަލި ޖެހޭ މީހުންގެ އަދަދު ލޮކްޑައުންއާއެކު މަދުވި ނަމަވެސް އިގްތިސާދީ ހަރަކާތްތައްވެސް އިތުރުކުރަން ޖެހޭކަމަށް ސަރުކާރުން ބުނެއެވެ.
މައުލޫމާތު: އިންޑިއަންއެކްސްޕްރެސް