26 Apr 2020, 20:46
ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކުގައި ދޭ ހިދުމަތްތައް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ގާތުން ބައްލަވާ ކަމަށް، ޑިފެންސް މިނިސްޓަރު މާރިިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ، ކޮވިޑް19 އާ ގުޅިގެން ފެސިލިޓީތަކުގައި އެކަހެރިކޮށްފައި ތިބި މީހުންގެ ކެއުންބުއިމުގެ ކަންކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ޝަކުވާތައް ގިނަވެފައިވާ ދަނޑިވަޅެއްގައެވެ.
މާރިޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފެސިލިޓީތަކުގައިދޭ ހިދުމަތްތައް، ވަކިން ހާއްސަކޮށް ކެއުން ބުއިމުގެ ކަންކަން ވަރަށް ގާތުން ބައްލަވާ ކަމަށެވެ.
"އަދި އެތަންތާ ތިބޭ މީހުންގެ ޝަކުވާތައް އެޑްރެސް ކުރަންވެސް އަންގަވާ. އަދި ގިނަ ބަޔަކު ފެސިލިޓީގެ ހިދުމަތްތައް ރަނގަޅުވެ ޝުކުރު އަދާކުރޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން މިހާރު ކަރަންޓީން ފެސިލިޓީތަކުގައި 1371 މީހަކު އެބަތިއްބެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުން އައި ދިވެހީންނާއި، ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓުން ހިމެނެއެވެ. މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި 140 މީހުން އެބަތިއްބެވެ.
މާޗް މަހުގެ 21 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިން ފިޔަވާ ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެންވެސް 14 ދުވަހު ކަރަންޓީންގައި މަޑުކުރުމަށް ވަނީ ލާޒިމްކޮށްފައެވެ. ރާއްޖޭގައި މިހާތަނަށް 12 އަށް ވުރެ ގިނަ ކަރަންޓީން ފެސިލިޓީތައް ވަނީ ގާއިމްކޮށްފަ އެވެ.
ކަރަންޓީން ފެސިލިޓީތަކާއި ގުޅޭ ގޮތުން މަދުން ނަމަވެސް ޝަކުވާތައް ފެންމަތިވަމުން އަންނައިރު މި ފަހުން އެންމެ ބޮޑު ބަހުސްއެއް އުފެދުނީ އެ ތަނުން ރޯދަ ވީއްލަން ދިން ކާނާއާ ގުޅޭ ގޮތުންނެވެ.
މިހާތަނަށް ރާއްޖެއިން 191 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އަދި އެމީހުންނާ ގުޅުންހުރި މީހުން އަންނަނީ އެކަހެރިކުރަމުންނެވެ.
މިހާރު ފެނިފައިވާ ކޭސްތަކުގެ އަދަދުތަކުން އަލާމަތް ހުންނަ މީހުން އަދި ބަލި ހުރި މީހުން ވެސް ގޭގައި ކަރަންޓީނު ކުރުމަށް ވެސް ވިސްނަން ޖެހިދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.