ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް 75 ރުފިޔާ އަށް 3 ޖީބީގެ ޑޭޓާ ލިބޭ ވެލިއު ޕެކެއް ތައާރަފުކޮށްފި އެވެ.

އަލަށް ތައާރަފުކުރި މި ޕެކޭޖަކީ ކޮވިޑް19ގެ މި ދުވަސްވަރު ކަސްޓަމަރުންނަށް ލުޔެއް ހޯދައިދިނުމަށްޓަކައި ތައާރަފުކުރި ޕެކޭޖެއް ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު އެޕްލިކޭޝަން މެދުވެރިކޮށް އެކްޓިވޭޓު ކުރެވޭ މި ޕެކޭޖުގެ މުއްދަތަކީ ހަތް ދުވަހެވެ. މި އޮފާ ކުރިއަށްގެންދިއުމަށް ރާވާފައިވަނީ އަންނަ މެއި މަހުގެ ނިޔަލަށެވެ.

ދިރާގުން ބުނީ ކޮވިޑް19 ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި ރޯދަ މަހުގެ އާންމު އާދަކާދަތައް ދޫކޮށް، އާންމުން ގޭގައި މަޑުކޮށްގެން ތިބޭ ތިބުމުގައި ޑިޖިޓަލް ކަނެކްޓިވިޓީގެ ހިދުމަތްތަކަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާ ކަމަށެވެ.

އެގޮތުން މިދިޔަ މަސްތަކުގައި ޑޭޓާ ބޭނުންކުރި މިންވަރު، ކުރިން ނުދާހާ މައްޗަށް ގޮސްފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

މި ދުވަސްވަރު ޑޭޓާ ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ބަލައި ދިރާގުން ވަނީ މީގެ ކުރިން ވެސް ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ފަހިކޮށްދީފަ އެވެ.

އެގޮތުން މި މަހާއި އަންނަ މެއި މަހު ޕްރީޕެއިޑް ކަސްޓަމަރުން ގަންނަ ޑޭޓާ ބަންޑްލްތަކުން 50 ޕަސެންޓު އިތުރަށް ޑޭޓާ ދިނުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ދިރާގުގެ ހޯމް ބްރޯޑްބޭންޑް އެޑްއޮންތަކުން މި މަހުގެ ނިޔަލަށް 50 ޕަސެންޓުގެ ޑިސްކައުންޓެއް އެކުންފުނިން ދަނީ ދެމުންނެވެ.