27 Apr 2020, 09:39
އަހަރުމެން އެންމެން ވެސް މިތިބީ ލޮކްޑައުންގައި ގޭގައި ބަންދުވެފަ އެވެ. ބޭނުންހާ އިރަކު ބާޒާރަށް ގޮސް ތަކެއްޗެއް ނުގަނެވެ އެވެ. އަދި ފިހާރައަށް ދެވުނަސް ބޭނުންހާ އެއްޗެއް ގަންނާކަށް ނުލިބޭނެ އެވެ. އެކަމަކު އެއާ ނުލާ ނޫޅެވޭނެ އެއްޗިހިތަކެއް އެބަހުއްޓެވެ.
ކުޑަކުދިންގެ ނެޕީއާއި، އަންހެނުންގެ ޕީރިއަޑް ދުވަސްތަކުގައި ބޭނުންކުރާ "މެންސްޓްރުއަލް ހައިޖީން ޕްރޮޑަކްޓްސް" އަކީ ކޮންމެހެންވެސް އެއަށް ބޭނުންވާ އަދި އެއާ ނުލާ ނޫޅެވޭނެ ބައެއް ތަކެއްޗެވެ. އެކަމަކު އެ ބާވަތްތައް ގަންނަން ވެސް ދަތި އެބަ ހުއްޓެވެ. އަދި ބާޒާރުން އެތަކެތި ގަންނަން ނުލިބުމުގެ މައްސަލަ އެބަ އޮތެވެ.
މިފަދަ ދަނޑިވަޅެއްގައި ކުދިންގެ ނެޕީ، ފޮތި ނެޕީއަށް ބަދަލުކުރެވިދާނެ އެވެ. ނަމަވެސް ޕެޑް، ޓެމްޕޮން، ނުވަތަ މެންސްޓްރުއަލް ކަޕްސް ނުލިބިއްޖެނަމަ ދެންވާނެ ގޮތަކާއި ދޭތެރޭ ވިސްނާލެވިއްޖެ ހެއްޔެވެ؟
ރާއްޖޭގެ ކުޑަ ތިން ވިޔަފާރިއެއްކަމުގައިވާ ޒީރޯ ވޭސްޓް މޯލްޑިވްސް އާއި ޑްރީމާސް މޯލްޑިވްސް އަދި ޕްރީލަވްޑް ގުޅިގެން ހިންގާ ފެހިފަތި އިން މިވަނީ މީގެ ހައްލެއް ހޯދައިދީފަ އެވެ. ކުއްލިއަކަށް ޕީރިއަޑްވެ، އެއްވެސް ވަރަކަށް ޕެޑް އަތުގައި ނެތިއްޖެނަމަ ފެހިފަތިން ބުނަނީ ފޮތިން ތައްޔާރުކުރެވޭ، އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކުރެވޭ "ރީޔޫސަބަލް ޕެޑް" އެއް ބޭނުންކުރެވިދާނެ ކަމަށެވެ.
ރީޔޫސަބަލް ޕެޑް އެކޭ ހަމައެކަނި ބުނެލުމަކުން އަދި މި އުފެއްދުމުގެ ވާހަކަ ކިޔައިދެވޭނެ ހެނެއް ހިޔެއް ނުވެ އެވެ. ފެހިފަތިން މިވަނީ ވަރަށް ތަފްސީލުކޮށް އަމިއްލަ ގޭގައި ތިބެގެން މި ޕެޑް ހަދާނެ ގޮތްވެސް ކިޔައިދީފަ އެވެ.
"ޒީރޯވޭސްޓް އިން ރީޔޫސަބަލް އެއްޗަކަށް މި ބޭނުންކުރަމުން އައީ މެންސްޓްރުއަލް ކަޕް. އެކަމަކު ލޮކްޑައުންގެ ހާލަތަކަށް އައިއިރު، އަޅުގަނޑުމެން އަތަކު އެވަރަށް ސްޓޮކްއެއްވެސް ނެތް. އަދި ރަށްރަށަށް ފޮނުވޭނެ ގޮތެއްވެސް ނެތް. އެހެންވީމަ ލިބެމުން އައި ރިކުއެސްޓް ތަކާއިއެކު ހިތަށް އެރީ އެމީހަކު ތިބި ތަނެއްގައި ތިބެގެން ރީޔޫސަބަލް ޕެޑް އެއް ހަދާނެ ޓިއުޓޯރިއަލްއެއް ދައްކާލަންވީ އޭ" ޒީރޯ ވޭސްޓް މޯލްޑިވްސް ގެ ކޯ ފައުންޑާ މަރިޔަމް ހަމްޝާ ހުސެއިން ބުންޏެވެ.
މިގޮތުން އެތަށް ރިސާޗެއް ކުރުމަށްފަހު ލިބުނު އެންމެ ރަނގަޅު ހިޔާލަކަށްވީ ތަފާތު ތިން ލޭޔަރެއް ހިމެނޭ ރީޔޫސަބަލް ޕެޑް އެއް ހެދުމެވެ. ފަހަރެއްގައި ދިވެހިންނާއި ތަންކޮޅެއް ދުރު ކަމެއް ނަމަވެސް، ދެވަނަ ފަހަރަށް ބޭނުންކުރެވޭ އަދި ދޮވެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޕެޑްތަކަކީ ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް ބޭނުންކުރާ އެއްޗެކެވެ.
ތަފާތު 3 ފަށަލަ އެއް ހިމެނޭނެ!
ޕެޑް ގެ އެންމެ ފުރަތަމަ ފަށަލައަކީ ބެޑްޝީޓް ކޮޓަން، ޓީޝާޓް މެޓީރިއަލް ނުވަތަ ފްލެނަލް އެވެ.
ދެވަނަ ފަށަލައަކީ އެބްސޯބަންޓް ލޭޔާރ އެވެ. މި ލިޔޭގައި ބޭނުންކުރަނީ ބޭބީ ބްލެންކެޓް ކޮޓަން އާއި، ތުވާލި، ނެޕީ ޓަވަލްސް، ވޮޝް ކްލޯތްސް ފަދަ ބާވަތްތަކެވެ. އެންމެ ލައިޓްކޮށްނަމަ މީގެ 2 ލޭޔަރ، މެދުމިނެއްނަމަ 4 ލޭޔަރ، ނުވަތަ ގިނައިން ލޭ އަންނަ ފަރާތެއްނަމަ ހަ ލޭޔަރ އަދި ވިހެއުމަށްފަހު ކަމުގައިވާނަމަ 8 ލޭޔަރ ބޭނުންވާނެ އެވެ.
އެންމެ ފަހު ލޭޔަރ ގައި ހިމެނެނީ ވޯޓާ ޕްރޫޕް މެޓީރިއަލް އެކެވެ. މިގޮތުން ރެއިންކޯޓާއި، ބޭބީ ބިބްސްއާޢި ފްލީސް ނުވަތަ ވޫލް ބޭނުންކުރެވިދާނެ އެވެ.
ދޮންނާނީ ކިހިނެއް؟
ހަމްޝާ އިތުރަށް ބުނީ ޕެޑް ބަދަލު ކުރާއިރު އެންމެ ފުރަތަމަ ފިނި ފެނުން ދޮވެލުމަށްފަހު ޑިޓާޖެންޓާއި އެކީ ރަނގަޅަށް ދޮވެ ސާފުކޮށްލުމަށެވެ. މިގޮތުން އަތުންވެސް ފުރަތަމަ ފަހަރު ދޮވެވިދާނެ އެވެ. އެއަށްފަހު އަވީލާ ހިއްކުމަށްފަހު ދެން މެޝިނުން ދޮވެލާނީއެވެ.
ލޭ ހޭކިފައި ހުރުމުން ބައެއް ފަހަރު ލައް އެއްކޮށްނުފިލާ ކޮންމެވެސް ވަރަކަށް ކުލައިގެ އަސަރު ހުރިނަމަވެސް މިފަދައިން ދޮވެލުމުން އެއްކޮށް ސާފުވާނެ ކަމަށް އޭނާ ބުންޏެެވެ.
ފެހިފަތި ހިންގަމުން އަންނަ ތިން ވިޔަފާރިއަކީވެސް ތިމާވެއްޓާއި ރަށްޓެހި، އަދި ސަސްޓެއިނަބަލް ދިރިއުޅުމަކަށް ލޯބިކުރާ ބައެކެވެ. މިފަދައިން ހަދާ ޕެޑް ކަމުގޮސްފިނަމަ އެއްފަހަރު ބޭނުންކޮށްފައި އުކާލާކުނިވެސް މަދުވެ. ތިމާވެއްޓާއިވެސް ރަށްޓެހި ގޮތެއް ހިޔާރުކުރެވުނީތާ އެވެ.