މ. ކޮޅުފުށީގައި އިއްޔެރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ޕީޕީއެމުން މިއަދު ފަންޑު ފޮއްޓެއް ހުޅުވައިފި އެވެ.

މިއަދު ހަވީރު ޕީޕީއެމް ޖަގަހާގައި އޮތް މިރަސްމިއްޔާތުގައި ފަންޑު ފޮށި ހުޅުވައިދެއްވީ ޕީޕީއެމްގެ ޕާލިމްންޓް ގުރޫޕްގެ ރައީސް އަދި މުލަކު ދާއިރާގެ މަޖިލިހުގެ މެންބަރު އަބުދުﷲ ޔާމީން އަބުދުލްގައްޔޫމެވެ.

ފަންޑް ފޮށި ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ކޮޅުފުށީގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ސުނާމީ ކާރިސާ އަށް ފަހު އެ ރަށުގައި ހަދާފައިވާ ވަގުތީ ހިޔާވަހި އެއްކޮށް އެނދުމުގެ ސަބަބުން 40 އާއިލާއެއް ނިކަމެތިވެފައިވާ ކަމަށެވެ.

އެފަރާތްތަކަށް އެހީ ތެރިވުމުގެ ގޮތުން ޕީޕީއެމް އިން އިސްނަގައިގެން މިއަދު ހުޅުވާ ފަންޑު ފޮށީގެ ސަބަބުން އެ އާއިލާތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއްލިބިގެން ދާނެ ކަމަށާއި ކޮޅުފުށީގެ ރައްޔިތުންނަށް އެހީތެރިވުމަށް ވިޔަފާރިވެރިންގެ ކިބައިން އެދިވަޑައިގަންނަވާނެ ކަމަށް ވެސް ޔާމިން ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ކޮލުފުށީގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ސަރުކާރުން އެހީހޯއްދެވުމަށް މާލޭގައި މިވަގުތު ތިއްބެވި އެ ރަށުގެ ބައެއް ބޭފުޅުން ފިނޭންސް މިނިސްޓްރީ އަށް ދެ ފަހަރު ދިޔުމުން ވެސް އެ މިނިސްޓްރީގެ އިސްވެރިޔަކާ ބައްދަލް ކުރެވިފައި ނުވާ ކަމަށެވެ.

"މިއަދު ކޮޅުފުށީގެ ބައެއް މީހުން ދެ ފަހަރަށް ފިނޭންސް މިނިސްޓްރީގެ އިސްވެރިންނާ ބައްދަލްކުރަން އެމިނިސްޓްރި އަށް ދިޔަ. އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ބައްދަލުކުރަން ކޮޅުފުށީގެ ބޭފުޅުން އެދިޔައީ ކޮންމެވެސް އެހީއެއް ހޯދަންކަން. އެކަމަކު މިއަދު ފިނޭންސްގެ އިސް ބޭފުޅުންނާ ބައްދަލެއް ނުކުރެވުނު. މިއީ އޯގާތެރި ސަރުކާރުގެ ހާލަތު މިއަދު ހުރި ގޮތް،" ޔާމިން ވިދާޅުވި އެވެ.

މީގެ އިތުރަށް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ކޮލުފުށީގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ދީފައި ވަނީ 20 ގޮދަޑި ކަމަށް ވެސް ޔާމިން ވިދާޅުވި އެވެ.

ޕީޕީއެމްގެ ފަރާތުން ކޮޅުފުށީގެ ހާލުގައި ޖެހުނު މީހުންނަށް ފައިސާ ހޯދުމަށް ހުޅުވި ފަންޑު ފޮއްޓަށް ގިނަ އަދެއްގެ ބަޔަކު ވަނީ އެހީތެރިވެފަ އެވެ. މީގެ އިތުރަށް މިއަދު ވަނީ އެ ރަސްމިއްޔާތުގެ ތެރޭގައި އެ ރަށުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ބިސްކޯދާއި ނޫޑްލްސްގެ އިތުރަށް ލުއިބުއިންތައް ވެސް ޕީޕީއެމްއާ ހަވާލްކޮށްފަ އެވެ.
އިއްޔެ ރޭ 1:30 ހާއިރު ކޮޅުފުށީގެ ވަގުތީ ހިޔަލުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މުޅި އިމާރާތު ތެރޭގައި ހުރި ހުރިހާ މުދަލާއި އަންނައުނާއި ފައިސާ އާއި ޕާސްޕޯޓް ފަދަ މުހިންމު ލިޔެކިޔުންތައް ވެސް ވަނީ އަނދައިން ގޮސްފަ އެވެ.