ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި ދުވަސްވަރު ޗައިނާއިން ގެއްލުނު ނޫސްވެރިޔާ ފެނިއްޖެ އެވެ.

ޗައިނާގެ ނޫސްވެރިޔާ ލީ ޒެހުއާގެ ހަބަރެއްވީ ދެ މަސް ފަހުންނެވެ. މި ހުރިހާ ދުވަހަކު ފުލުހުން އޭނާ ބެހެއްޓީ ކަރަންޓީނު ކޮށްފައިކަމަށްވެސް ނޫސްވެރިޔާ ބުންޏެވެ.

ޗައިނާގެ ވޫހާން ސިޓީއިން ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށީ ދުވަސްވަރު އެކަން ރިޕޯޓްކުރި ތިން ނޫސްވެރިންގެ ތެރޭގައި ލީ ހިމެނެއެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު ޔޫޓިއުބަށާއި ޓުވިޓާ އަދި ވެއިބޯއަށް އަޕްލޯޑްކުރި ވީޑިއޯއެއްގައި ބުނީ އޭނަ ކާރު ދުއްވަމުން ދަނިކޮށް ބަޔަކު އޭނާއަށް ފާރަލަމުންދާ ކަމަށެވެ. އަދި އޭނާ އެނބުރި އެޕާޓްމަންޓްއަށް ދިއުމުން ޗައިނާގެ ޕަބްލިކް ސެކިއުރިޓީގެ ބަޔަކު އައިސް އޭނާ ފުލުހުންގެ އިދާރާއަކަށް ހާޒިރު ކުރި ކަމަށް ލީ ބުންޏެވެ.

"ބަލި ފެތުރޭ ސަރަހައްދަކަށް އަހަރެން ދިޔަ ކަމަށް ބުނެ ފުލުހުން އަހަރެން ގެންގޮސް ކަރަންޓީނުކުރީ،" ލީ ބުންޏެވެ.

ކަރަންޓީނުކޮށްފައި ބެހެއްޓިއިރު އޭނާއަށް ފުލުހުން ވަރަށް ރަނގަޅު ކަމަށާއި އަދި ބަރާބަރަށް ކާންދިންކަމަށްވެސް ލީ ބުނެފައިވެއެވެ.

ލީ ވޫހާންއަށް ދިޔައީ އެ ސަރަހައްދަށްދިޔަ އެހެން ނޫސްވެރިއެއްވެސް ގެއްލުމާ ގުޅިގެންނެވެ. މީގެ ކުރިން އޭނާ އަޕްލޯޑް ކުރި ވީޑިއޯތަކުގައި ވަނީ ބަލިޖެހިފައިވާ މީހުންނާ އިންޓަވިއުވެސްކޮށްފައެވެ. އަދި ބަލި ޖެހޭ މީހުންގެ އަދަދު އޮޅުވާލަމުންދާކަމަށްވެސް އޭނާާ ބުނެފައިވެއެވެ.

ކޮރޯނާ އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާގެ ވޫހާން ސިޓީގައި ބަލި ޖެހުނު ހުރިހާ އެންމެން މިހާރު ވަނީ ހޮސްޕިޓަލްތަކުން ދޫކޮށްލައިފައެވެ. -- ގާޑިއަން