ދެވަނަ ސިކުންތުކޮޅުގައި މާޒިންގެ ފަހު ޖުމްލަ އޭނަގެ ހިތުގައި ހިނގައިގަތް ހިތްދަތިކަމުގެ ޖަޒުބާތުތަކުގައި އަލިފާން ރޯކޮށް ރުޅިވެރިކަމުން ފުރާލައިފިއެވެ. އޭނައަށް އެ އިވުނީ ރަގަޅަށް ބާވައޭވެސް ހިތަށް އެރިއެވެ. ކޮންމެ އެހެން މީހެއްގެ ނަން އިވުނަސް އޭނަގެ ނާރުތަކުގައި ރުޅީގެ އަސަރު އެހާ ބޮޑަށް ދުވެނުލާނެކަން ޔަގީނެވެ. ފުރަތަމަ ނަޒަރުންވެސް ކިބުރުވެރި ފޮނިމީހެއްކަމަށް އޭނައަށް ދެކެވުނު ހިތުގައި އެމީހަކަށްޓަކާ ނަފްރަތުގެ ހުޅުކޮޅެއް ދިއްލުނު މީހަކާއެކު އެންމެ ސިކުންތުކޮޅަކަށްވެސް ހުރެވޭނީއެއް ނޫނެވެ.

"ކީކޭ؟ ޑިޑް އައި ހިއަ ޔޫ ރައިޓް؟ އަރްސަން؟ މޮޔަވީތަ މާޒިން؟ " އާލިއާ ތަންކޮޅެއް ބާރަށް އެހިއެވެ.

"ހޫމް އާލިއާއަށް ތިއިވުނީ ރަގަޅަށް. އަރްސަންއާއި އާލިއާ އިންނަން ޖެހޭނީ..................." މާޒިން ހިނިތުންވެލިއެވެ. " އަރްސަންއަށް ތިކަހަލަ ރަގަޅު ކުއްޖަކު މިވަގުތު ބޭނުންވެފައިވޭ. ހީޒް ހާޓް ބްރޯކެން. ސޯ ހެލްޕް ހިމް. ހީލް ހިމް. .................."

"މާފުކުރޭ. ހިތްހަލާކުވާ ކޮންމެ މީހަކަށް އެހީވާކަށް ނޫޅެވޭނެ. އަންހެންކުއްޖަކަށްވި ނަމަ ޔަގީނުންވެސް ނޫނެކޭ ނުބުނާނަން..." އާލިއާ ދާން އެނބުރުނެވެ.

"ލުކް އާލިއާ. ރީއްޗަށް ބުނެގެން އެއްބަސްނުވަންޏާ....." މާޒިންގެ ޖުމްލައިން އާލިއާގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނަ އެނބުރި ބަލާލައިފިއެވެ. މާޒިންގެ މޫނަކަށް ނޫނެވެ. ނަޒަރުހުރީ އެއަށްވުރެ ދުރަށެވެ. މާޒިންގެ ނިޔަތް އެނގުމުން ކޮށްފައިވާ އަސަރުތައް އެތައްގުނަ އިތުރުވިއެވެ. އޭނަ ޔަގީންކުރީ ހަޔާތުގެ ބައިވެރިއެއްގެ މަގާމަށް އަންނާނީ މާޒިންކަމުގައެވެ. ނޭގި ނަމަވެސް ހުވަފެންތަކެއްވެސް ދެކެވުނެވެ. ނަމަވެސް އެންމެ ނަފްރަތުކުރާ އަރްސަން އެހުރިހާ އުފަލެއް ފޭރިގެންފިއެވެ.

"ތްރެޓެއްތަ؟ " އާލިއާ އެހިއެވެ.

"އަހަރެން އަތުގައި ހުރި ފޮޓޯތަކާއި ވީޑިއޯތައް ލީކްކުރުވަން ބޭނުންނޫނިއްޔާ ބުނާގޮތަށް ހަދާ.....އައިމް ސޮރީ އެކަމަކު އަހަރެން އަރްސަންދެކެ ވަރަށް ލޯބިވޭ. އެ ކެހިވެރި އަންހެންކުއްޖާ އަރްސަން ދެރަކޮށްލީ އެތައް ބަޔެއްގެ ކުރިމަތީގައި. އެއްވެސް ކުށަކާ ނުލާ. އެވަރުކޮށްލީމަ ދުވަހަކު އަންހެންކުއްޖަކަށް އިތުބާރެއްނުކުރެވޭނެ. އަރްސަންގެ ހިތަށް ޝިފާއެއް ދީ ރަގަޅު މަގަށް އަޅުވާލެވޭނެ ހަމައެކަނި އަންހެންކުއްޖަކީ ތިއީ. ޑޫ ދިސް. ﷲ ރަހުމަތް ލައްވާނެ. ފޮޓޯތައް ލީކްވީމަ މަށަށް ބްލޭމް ނުކުރާތި ތިމަންނައަށް ވޯނިން ނުދެއޭ ނުބުނާތި. ވަން މޯ ތިންގް. ޕޭޖު އަލުން ހުޅުވާފައި ދީނަށް ދައުވަތު ދިނީތީ އެކަމަށް ޝުކުރުވެރިވަން. ރަމަޟާން މުބާރަކް......................." މާޒިން ކާރުގެ ބިއްލޫރިގަނޑު މައްޗަށް ނެގުމުން ބުދެއްފަދައިން ހިރިލާން ނޭގި ހުރިއިރު ލޮލަކުން ކަރުނައެއްވެސް ނައެވެ.

އާލިއާއަށް ލޯ ބޮޑުކޮށްލެވުނީ ބިރެއް ފެނުނުފަދައިންނެވެ. މާޒިންގެ އިންޒާރުން އޭނަގެ ހިތް ގުނޑުވާލައިފިއެވެ. އެދުވަހު ޖެއްސުނު ވައްތަރުތައް ސޯޝަލްމީޑިއާއަށް ލުމުން އެތައް ބަޔަކު އޭގެ ސަބަބުން ހިތްހަމަޖެހުން ހޯދައިގަންނާނެއެވެ. އެހެންކުދިން އަމިއްލައަށްވެސް މަޖާ ފޮޓޯތަކާއި ވީޑިއޯތައް ލުން އާއްމުކަމެކެވެ. ލިބޭ ތައުރީފުތަކާއި ލައިކްސްތަކުން އުފާވެރިކަން ލިބިގަނެއެވެ. ބައެއްކުދިން ފިލްމުތަކާ ޓިކްޓޮކްގެ ތަރިންނަށްވެސް ވަނީތާއެވެ. ނަމަވެސް އޭނަ ތަފާތެވެ. އޭނަގެ ނަޒަރިއްޔާތުގައި އެހުރިހާކަމެއްވެސް ގޯހެވެ. ސަބަބަކީ އޭނަ ބޮޑުވެފައިވަނީ އެފަދަ ކަންތައްތަކަށް ނަފްރަތުކުރެވިފައި ހުރެއެވެ. ތޮށްޓެއްގެ ތެރޭގައެވެ. ފަރުދާގެ ނިވަލުގައެވެ. ހަމައެކަނި ހަޔާތަށް އަންނަ ފިރިމީހާއަށްޓަކާ ނޫނީ އޭނަގެ ލޮލެއްވެސް އެހެންމީހަކަަށް ފެންނާން ހިތް އެދޭ ކުއްޖެއްނޫނެވެ. އޭނައަށް ހަށިގަނޑުން އެވަރު ތަންކޮޅެއް ފެނުމުންވެސް އެއްޗެއް ނުލައި އުޅެވޭކަމުގެ އިހުސާސްކުރެވުނީ އޭނަގެ ތަފާތުކަމުންނެވެ. ތަފާތީއެއް ނޫނެވެ. ހިތުގައި މާތްﷲގެ ރުއްސެވުމާއި ލޯބިފުޅުގެ އެދުން ހުރިހާ އެހެން ކަމަކަށް ވުރެ ބޮޑީއެވެ.

އަދާއާއި މިންކާ ބާބެކިއު ގްރިލްއަށް ކުކުޅުފަޔާއި ސޮސެޖް އަދި އަލުތްވާއި މާޝްމެލޯ ލައިގެން ފިހެމުންދާއިރު އަރާ މީރުވަހުންވެސް މީހަކު ބަނޑުފުރިދާނެއެވެ. އެކުދިންނަށްވެސް މިރޭ ލިބިފައިވަނީ ތަފާތު އުފަލެކެވެ. އަދާގެ ލޯ ދޭތެރެއަކުން ހޯދައިލަނީ އަޔާޒްގެ ފެނިލާތޯއެވެ. މިންކާ ހިތްހަމަޖެހެނީ އޭނަގެ ގޭ މީހުންނާއެކު ދަތުރު ނުގޮސް އާލިއާއާއެކު ހޭދަކޮށްލެވުނީމައެވެ. އާލިއާ ހީހީފައި އުޅުނަސް އޭނަގެ ހުރީ އެހާ އުފަލަކުންނޫނެވެ. އެތެރެހަށީގައި ކިތަންމެ ބޮޑު ތޫފާނެއް އުތުރިއެރިޔަސް އެކުއްޖާ ކެތްކުރަންދަނެއެވެ. މާތްﷲއަށް އިތުބާރުކުރެއެވެ. މާޒިންގެ ހިތްވެސް ބަދަލުނުވާނެކަން އޭނައަށް އެނގެނީއެއް ނޫނެވެ. އަދި އެންމެފަހުން ބުނެލި ޖުމްލައިން ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ދިއްލުނެވެ. ޕޭޖު ހުޅުވާފައި އަލުން ދައުވަތު ދިނުމުން ރުޅިއައުމުގެ ބަދަލުގައި މާޒިން އެކަމަށް މަރުހަބާ ކީއެވެ. އެއީ ހެޔޮ ފާލެކެވެ.

"އަޔާޒުއާއި މާމަވެސް ބައިވެރި ކުރަންވާނެއްނު..." އަދާއަށް އެންމެ ފަހުން ބުނެލެވިއްޖެއެވެ.

"ހޫމް މާމަގެ ނަން ކޮންމެހެން ކިޔާނެކަމެއް ނެތޭ...." މިންކާ ދިމާކޮށްލުމުން އަދާ ހިނިއައެވެ.

"މިންކް. އެހެން ބުނި އެއްޗެއް ނޫނޭ. ސީރިޔަސްކޮށް އަޅުވާ ނުކިޔާ. އައި ރެސްޕެކްޓް ހިމް އެލޮޓް. ވަރަށް ކައިންޑްހާޓެޑް މީހެއްނު.." އަދާ ތައުރީފުކުރިއެވެ.

"އަދާ ގެ ވާހަކައަށް ވަރަށް ތާއީދު. ދޮންބެހާ ހިތްހެޔޮ ކުލުނު ހުންނަ މީހަކާއި އަދި ދިމަލެއްނުވޭ. މަންމައާއި ބައްޕަ ނެތުމުގެ އުނިކަން ފިލުވާދިން މީހަކީ ދޮންބެ. އެކަމަކު.......ދޮންބެގެ..." އާލިޔާ އެއްޗެކޭ ބުނަން އުޅެފައި ހުއްޓާލައިފިއެވެ.

"ޕްލީޒް ބުނެބަލަ. ކީކޭ ޕްލީޒް. އަހަރެމެން މީހެއްގެ ގާތު ނުކިޔާނަމޭ..." އަދާ އާދޭސްކުރަންފެށިއެވެ.

"ދޮންބެގެ ވައިފް ދެކުދިން ގޮވައިގެން ފިލައިގެން ދިޔައީ. މައްސަލައަކަށްވީ ދީނީ ޚިޔާލު ތަފާތުވުން. އެއީ ސްޓައިލިޝްކޮށް އުޅޭ އަންހެންކުއްޖެއްވީމަ އެހެންވެސް ވާނެދޯ. އެނީވޭސް ދޮންބެ އަދާ އަދި މިންކާއާއި ދޭތެރޭވެސް ދެކޭނީ ހަމަ އަމިއްލަ ދަރިންހެން...." އާލިޔާ އެކުދިންނަށް ބަލާލާފައި ހިނިތުންވެލުމުން އަދާއަށް މަޖާވިއެވެ.

"ޑޭމިޓް.." އަދާ އަމިއްލަ ނަފުސަށް އިވޭވަރަށް ކިޔައިލިއެވެ.

ކުކުޅު ފައިތައް ފިހެވުމުން މިންކާ އެތިކޮޅެއް ނައްޓާލައިގެން ރަހަ ބެލުމަށްފަހު ލޯބޮޑުކޮށްލިއެވެ.

"އާލިޔާގެ ކުޅަދާނަކަންދޯ. ކެއްކުމުގެ ހުނަރުވެސް އެބަހުއްޓޭ. ހުރިހާ ރަހައެއް ބަރާބަރު..." މިންކާ ބޮޑުވާ އިނގިލި އުފުލައިލަމުން އާލިޔާއަށް ތައުރީފުކުރިއެވެ. ލޮނު މިރުސްގަނޑު ތައްޔާރުކޮށްލަދިނީ އާލިއާއެވެ. އަދާ ކޮންމެ ބާވަތަކުން ހަމަކޮށް ދެތަށި ފުރާލުމަށްފަހު ތެދުވުނެވެ.

"މާމަމެން ބާކީކޮށްފައި މަށަކަށް ނުކެވޭނެ..." އަދާ ތެދުވެގެން ހިނގައިގަތެވެ.

"އަދާ މަޑުކުރޭ. އަހަންނޭ ދޮންބެމެންނަށް ތަށިތައް ގެންދާނީ. ދޮންބެ ހިތްހަމައެއް ނުޖެހޭނެ.." އާލިޔާ ކުކުޅުފައިތަކެއް ތަށްޓަކަށް ލަމުން އެނބުރި ބަލައިލިއެވެ. އަދާ މަޑުވެސް ކޮށްނުލާ ލޯމަތިން ގެއްލުމުން މިންކާ ހޭންފެށިގޮތަށް ލޮލުންފެން އަންނާންދެން ހުނެވެ.

"އަދާއަށް ނޭގުނަސް ޝީ ހޭޒް އެ ކްރަޝް އޮން ހިމް. ބުރުގާ އެޅީވެސް އަޔާޒުގެ ސަމާލުކަން އަތުލަން ހެން ހީވޭ. އެދެމީހުން ގުޅުވަން އާލިއާ މަސައްކަތްކޮށްދީ....." މިންކާ ސީދަލަށް ބުނެލީ ނިކަން ހަމަޖެހިލާފައެވެ.

"އަސްތަޣުފިރުﷲ. ތިކަހަލަ ޚިޔާލު ކުރަކަށްނުވާނެ. ބުރުގާ އަޅަންވީ މީހެއްގެ ސަމާލުކަން ހޯދާކަށް ނޫން. ވާޖިބަކަށް ވީތީ. މިގެއަށް އަންހެންކުދިން ނުވެސް ގެންނަން ހުންނަނީ. އެއީ ހުރިހާކުދިން ހެން ދޮންބެ ސްމާޓްކަމުގެ ވާހަކަދައްކާތީ. ބެލުންތިރި ކުރަން އަންގަވާފައިވާ ސަބަބަކީ މިއީ. އެގޮތަށް ކައިވެނި ހުއްދަނޫން މީހުންނާއި އަޅައިގަނެ އެމީހުންގެ ރީތިކަމަށް މޮޔަވެ އެނޫން ޚިޔާލެއް ނުކުރެވެންޏާ އެދެން ގޯސްވީ. އަދާގެ ލޯބިވެރިޔަކީ އަރްސަން. ކީއްވެ އެދެމީހުން ވަކިވީ؟ އަހަންނަށް ހީވާގޮތުން އަދާ އޭނަގެ ވާންއުޅޭ ފިރިމީހާއާއި ޖެހުނު މައްސަލަ ހައްލުކޮށް އެކަން ރަގަޅުކުރަން އަހަރެމެން އެހީވާންވީ. އެދެމީހުން ވަރަށް ކްލޯޒްކަމަށް އެންމެން ކިޔާނީ ސަބަބެއް އޮތީމަ..." އާލިޔާ އަވަހަށް ބުނެލިއެވެ. އޭނައަށްވެސް އަރްސަންގެ ކިބައިން ސަލާމަތްވާން އޮތީ އަދާގެ ހިތްވަރުންނެވެ.

"އެތައް އަހަރެންވާންދެން އެކީ އުޅެ ފަސްދަރިން ލިބޭފަހުން ވަރިވާ މީހުން އެބަތިބި. ވީއިރު އަހަރެމެން ގޮތްކިޔާކަށް ނުވާނެ. އެބަޔަކަށް އެ ބަޔަކު ވަކިވީ ސަބަބު އެނގޭނީ. ފޯސްކުރާކަށް ނުވާނެ. އެމީހަކު ބޭނުން ބައިވެރިޔަކު ޚިޔާރުކުރުމުގެ ފުރުސަތު ދެމާ...." މިންކާ ބޭނުމީ އަޔާޒުއާއި އަދާގެ ލޯބީގެ ގުޅުމެއް އޮތުމެވެ. އަދާއަކީ ހުރިހާ ރީތި ސިފަތައް ލިބިފައިވާ އަންހެންކުއްޖެކެވެ. ކޮންމެ ފިރިހެނަކުވެސް މޮޔަވެގެން އުޅޭ ކުއްޖާއާއިހެދި އަޔާޒު ވަކި ނޫޅެންވީ އޭނަގެ އިހުސާސްތައް ލައްވާފައި ނުވަނީހެއްޔެވެ؟ ގޭ މީހެއް ހެއްޔޭ އަހަން އުޅެފައިވެސް މިންކާއަށް ދުލުގައި ދައިގަނެވުނެވެ. އޭނަވެސް އަޔާޒުއަށް އަދަބުވެރިވުން މަޖުބޫރުކުރުވާފަދަ ގޮތެއް އެމޫނުގައި ހުރެއެވެ. މާތް ރަގަޅު ސޯލިހު ފާޑުގެ ޒުވާނެކެވެ. އަލި މޫނެެއްގެ ވެރިއެކެވެ. ވަރުގަދަ ޝަޚުސިއްޔަތެކެވެ.

މިންކާއަށް ބަލައިލެވުނުއިރު އާލިޔާ ހުރީ އަލިފާންގަނޑަށް މާޝްމެލޯއެއް ލައިގެންނެވެ. އެއަޅި ދެލޮލަށް އަލިފާނުގެ މަޑު އޮރެންޖް އަލި އެޅުމުން ހަމަ އަރްސަންގެ ލޮލުގެ މަތިން ހަދާންވެގެން ހިތަށް ތަދުވިއެވެ. މޭގައި ފިރުމާލެވުނެވެ.

"ހެޔޮނުވާނެ. ތި ދެލޯ ފޮރުވައިގެން އުޅެބަލަ..." މިންކާ ހިތުން އޭނަ ބުނީ އަމިއްލަ ނަފުސަށް އިވޭވަރަށެވެ.

"ކިހިނެއްވީ. މަގޭ ދެލޯ ފެނުނީމަ މިންކާވެސް.." އާލިޔާ ހޭންފެށިއެވެ.

"ރީތިވީމަ...ހަހަ މަ ވަރަށް އެސްފީނާ ޖަހަން މޮޅު..." މިންކާ ބުނެލީ ހެމުންނެވެ. ލަދު ގަތަސް އޭނައެކަން ފޮރުވިއެވެ. އާލިއާއަށް އޭނަ އެހެން ބުނީ އާލިއާއަށް އިއްވަން ނޫންކަމެއް ނޭގޭނެތާއެވެ. އޭނަގެ ހިތް އަދިވެސް ހެވެއްނޫނެވެ. ނަމަވެސް ކުރިންހާ ހަސަދަ އެހިތުގައި ނޯންނަހެން ހީވާފަހަރުވެސް އާދެއެވެ. އަމިއްލަ އާއިލާއަށްވުރެ މިގޭގައި އުޅުމުން އުފާވެރިކަމާއި ހިތްހަމަޖެހުމުގެ އިހުސާސްތައް އިތުރުވެއެވެ.

އަދާ އެކޮޓަރިއަށް ވަން އިރު ގުރުއާނުގެ ހިތްގައިމު އަޑު ކޮޓަރިތެރޭ ހަރުލާފައިވިއެވެ. ކިރިޔާ އިވޭވަރަށެވެ. އަޔާޒްއިނީ އޭނަގެ މަންމަގެ ފައިތިލަ ސާފު ތުވާލިކޮޅަކުން ފޮހެދޭށެވެ. މާމަގެ ބަލީގެގޮތުން ވަރަށް ގިނައިގެން ފާޚާނާއަށް ގޮސް ފެން އަޅާ ކަމަށް އާލިޔާ ބުނެއެވެ. އަޔާޒު ނޫން މީހެއްނަމަ ތަކުރާރުކޮށް ފާޚާނާއަށް ގެންގޮސްދޭނެ ހެއްޔެވެ؟ ފާޚާނާ ކުރުމުގެ ބަހަނާގައި ގިނައިން ވަންނަނީ ފަޔަށް ފެން އަޅަންކަން އެނގޭއިރުވެސް އަޔާޒް އޭނަގެ މަންމައަށްޓަކާ ހުސްވެގެން އެހުންނަނީއެވެ. ސޯލިހު ދަރިންނަކީ މިއީއެވެ.

އަދާ ހިތާހިތުން ތައުރީފުކުރިއެވެ.

"ރަމަޟާން މުބާރަކު...." އަދާ އިރުކޮޅަކު ބަލަން ހުރެފައި ކަރުކެހިލީ އޭނަ ހުރިކަން އަޔާޒްއަށް އެންގުމުގެ ގޮތުންނެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި ހުއްޓަސް ހުއްދަ ހޯދާ ސަލާމް ގޮވަން އޭނަ ހަދާންނެތުނީއެވެ. އަޔާޒް އެނބުރި ބަލައިލިއިރުވެސް އޭނަގެ މޫނަކަށް ނަޒަރު އަމާޒެއް ނުކުރިއެވެ.

"މިހިރީ މާމަ އާއި ޑޮކްޓަރ އަޔާޒުއަށް ގެނައި އެއްޗެހި...."އަދާ ބުނެލިއެވެ.

"ޖަޒާކަﷲ ޚައިރަން..........." އަޔާޒު ތެދުވެގެން އައިސް ތަށިތައް އަތުލިއެވެ. ދެންމެ ފެންވަރާލައިގެން އައިހާ ތާޒާ ލުއި ވަހެއް އޭނަގެ ގައިން ދުވައެވެ. ސްވެޓްޕޭންޓާއި ކަޅުކުލައިގެ ޓީޝާޓުގައި ހުރިއިރު ކަސްރަތީ ހަށިގަނޑުގެ މަސްތައް ފާޅުވާން ހުއްޓެވެ. އެފަދަ ނަޒަރަކުން އަޔާޒްއަށް ބެލުމަކީވެސް ފާފައެއް ކަމަށް އަދާއަށްވެސް ހީކުރެވުނެވެ. އާލިޔާގެ ފަރާތުން "ހަލާލް ގުޅުން" އެ މައުޟޫއަށް އެތައް ވާހަކަތަކެއް އެނގިފައިވާތީއެވެ.

"މާމަ ކިހިނެއް....މިއީ މާމަގެ ޓަވަލް ކަލެކްޝަންތަ؟ " މާމަ ކައިރީ އިށީދެ އެނދުމަތީ ހުރި ކުލަކުލައިގެ ތުވާލިކޮޅުތަކަށް ބަލައިލަމުން އޭނަ އެހިއެވެ. އަޔާޒް ތަށިތައް މޭޒުމަތީ ބެހެއްޓިއެވެ. ފޯނު ހުޅުވައިގެން ހުރެ އާލިޔާއަށް މެސެޖްކުރަނީކަން ނޭގެއެވެ. އޭނަ ކުށްވެރިކުރާނެކަން ޔަގީނެވެ.

"އިއާން އެއޮތް ރoނީ. އެކުއްޖާ ވެއްޓިދާނެ.." ކުއްލިއަކަށް މާމަ އެނދުގެ ފައިލާކޮޅަށް ބަލައިލީ ބިރެއްފެނިގެން ފަދަ ގޮތަކަށެވެ.

"އިއާން...."މާމައަށް އެފެނުނު ޚިޔާލީ އިއާން އެއް އަދާއަކަށް ނުފެނުނެވެ.

"އޯކޭ މާމާ. އިއާން ވެއްޓުނަ ނުދީ މި ނަގަނީ..." އަދާ މާމަ ބަލަން އިން ދިމާލަށް ދިޔައެވެ.

"ދަރިފުޅު ހިރާ އަތަށް ގެންގޮސްދީ ބަލަ. ކާންނުދީ އޮތީމަ ބަޑުހައިވެ ހާންތިވެފައި ތިއޮތީ..." މާމަ އެދުނެވެ. އަދާ މާމަ ގާތުގައި އިށީދެފައި ކުޑަކޮށް ބައްދައިލިއިރު މިންކާ ދޮރާއި އަރާ ހަމަވީއެވެ.

އޭނަ ފޯނުން އެ މަންޒަރު ނެގިއެވެ.

އަޔާޒްވެސް އެ ފޮޓޯއަށް އަރުވަން މިންކާ އިސްކަން ދިނެވެ. އޭނަ މިފޮޓޯ ފޮނުވައިލާނީ ސީދާ އަރްސަންއަށެވެ. އަޔާޒްއާއި އަދާގެ ގުޅުމެއް އޮތްކަން ހީކުރެވުމުން އޭނަގެ ސިކުނޑިއަށް އަންނާނެ ޒަލްޒަލާއެއްވެސް ނޭގެއެވެ. ބޯ ގޮވާނެއެވެ. އެވަގުތު އާލިޔާވެސް ދޮރުން ބޯދިއްކޮށްލިއެވެ. އަދާ ގިނައިރުވާން ފެށީމަ އެކުދިން އެކޮޓަރިއަށް އައީއެވެ. އަޔާޒް ދޮންބެ އެބައަންނަމޭ ކިޔާފައި ނުކުތުމުން ނުރުހިގެން ދިޔައީކަމުގައި އަދާ ޔަގީންކުރިއެވެ. ނަމަވެސް އެ ސުވާލު ހިތުގައި ބޭއްވީއެވެ. އަޔާޒް އުޅޭގޮތުން ހިތް ކިޔާގޮތެއް ވަނީއޭ ހިތަށް އަރާފައި އަދާ ހިނި އައެވެ

އާލިޔާ އިމާމުވެ ހުރެ ތަރާވީހު ކުރިއެވެ. މިންކާއަށް ކުރެވުނީ އަށް ރަކުއަތެވެ. އޭނަ ބަލިވެގެން ހުއްޓައިލިއެވެ. އަދާ ހިތްވަރުކޮށްލާފައި ވިހި ރަކުއަތް ފުރިހަމަވާންދެން ހުއްޓެވެ.

"އަދިވެސް މަގޭ ފައިގާ އެބަ ރިއްސާ. ކަލޭމެން ވާ ކެތްގަދަ..." މިންކާ އިނީ ފޯނުން އެފްބީ ހާވާށެވެ.

އާލިޔާ ސެޓްޑްނެކް ޖެލް އުރައެއްގެނެސް އޭގެ އެތިކޮޅެއް ހާކާލާފައި މިންކާގެ ފައި މަސާޖްކޮށްލަދިނެވެ. ނަމާދުގެ ފޮނި މީރުކަން އިހުސާސްކުރެވުމުން އަދި ވުޟޫކޮށްގެން ނަމާދުގަޑިއަށް ބަލަބަލާ ހުންނާނެ ދުވަހެއް އަންނާނެ ކަމަށް އާލިއާ ބުނެލިއެވެ. ތަރާވީހަކީ ރަމަޟާނަށް ޚާއްސަ އަޅުކަމަކަށް ވުމުން އެމީހަކަށް ކުޅަދާނަވީވަރަކުން ކުރަންވާނެ ކަމުގައި އާލިޔާ ބުނެލިއެވެ. އަދި ރޯދަމަހު އުޅެންވާގޮތުގެ ލިސްޓެއް ކިޔާދިނެވެ. ފަރުޟު ނަމާދުގެ އިތުރުން ދަމު ނަމާދު ތަރާވީސްފަދަ ސުންނަތް ނަމާދުތައް ކުރުމާ ގުރުއާން ކިޔެވުން ގިނަކުރުން ސަދަގާތް ކުރުން ޒިކުރުކުރުން ސަދަގާތްކުރުން އިސްތިޣުފާރުކުރުން ދުޢާކުރުން ސަލަވާތްކިޔެވުން އަދި ތައުބާވުންފަދަ ކިތަންމެ ކަމެއް ހިމެނެއެވެ. މިސްކިތްތަކުގައި ބޭއްވޭ ދަރުސްތަކުގައި ބައިވެރިވުމާއި މީސްމީޑިއާގައި އިލްމި ފެތުރުން ނަބިއްޔާގެ ސުންނަތް ފެތުރުން މީސްތަކުންނަށް ނަސޭހަތް ދިނުމާއި ނަސޭހަތްއަޑުއެހުން ފަތިސްނަމާދަށްފަހު އިރު އަރަންދެން ގުރުއާން ކިޔެވުން ނުވަތަ ޒިކުރު ކުރުމުގައި މުސައްލަ މަތިން ނުތެދުވެ އިނުންފަދަ ހެޔޮކަންތައްތަކަކީވެސް ސަވާބު ލިބޭނެ ކަންތައްތަކެވެ.

އިރުކޮޅަކުން ބަލައިލިއިރު މިންކާ އޮތީ ބާލީހުގައި ބައްދާލައިގެން ނިދާލާފައެވެ.

"އާލިއާގެ ދަރުސް މާ ދިގުވީ...ހެހެ " އަދާވެސް ބޭނުންވީ ކުރުކޮށްލާފައި ކޮންމެވެސް އެހެން ވާހަކައެއް ފަށާށެވެ. "އެކަަމަކު އާލިއާ ކޮންމެވެސް ކަމަކާ ވިސްނާކަން އެނގޭ. އޭރު މާޒިން ބުނީ ކީކޭ؟ "

މާޒިންގެ ނިންމުން ބަދަލުކޮށް އޭނަގެ ބޭބެ އަރްސަންއާއި ކައިވެނި ކުރަން ބްލެކްމެއިލް ކުރާ ކަމަށް ބުނަން ކެރޭނީ ކިހިނެއްހެއްޔެވެ؟ އަރްސަންއަކީ އަދާގެ ކުރީގެ ލޯބިވެރިޔާއެވެ. އެދެމީހުން ވަކިވީ ކޮން ސަބަބަކާ ހުރެކަން އަދިވެސް އެކުވެރިންނަށްވެސް އަރަތަކަށްވެ އެމީހަކަށް ފެންނަ އެއްޗެއް ބުނަމުންދަނީއެވެ.

އާލިއާ ދޮގުހަދާކަށް ބޭނުމެއްނުވިއެވެ. ސީދާ އަރްސަންގެ ވާހަަކަ ބުނެފިއްޔާ އަދާ ރުޅިއަތުވެދާނެހެންވެސް ހީވެ އެހެން ބުނާކަށްވެސް ނުކެރުނެވެ.

"އެއީ ކައިވެންޏާ ބެހޭގޮތުން. ފަހުން އެކަމާ ވާހަކަ ދައްކާނީ...." އާލިޔާ ގަދަކަމުން ކަހަލަ ގޮތަކަށް ހީލިއެވެ. މާޒިންގެ ސަބަބުން މި ބަރަކާތްތެރި ރަމަޟާންގައި ލިބިފައިވާ އުފާވެރިކަމާއި ހިތްހަމަޖެހުން ގެއްލިގެންދާކަށް އޭނަ ނޭދެއެވެ.

އާލިޔާގެ ފޯނަށާއި ޕޭޖަށް މެދުކެނޑުމެއްނެތި ރަމަޟާން މުބާރަކާއި މެސެޖްތައް އޮހެމުންދިޔައެވެ. ބަރަކާތްތެރި ރަމަޟާންމަސް އައީ އާލިޔާފަދަ ދީނަށް ލޯބިކުރާ ކުދިންގެ އިތުރުން އެހެން މީހުންނަށްވެސް ޚާއްސަ ދުވަސްވަރެއްގެ ގޮތުގައެވެ.

***

ސްކައިޕެލެސްގެ އާއިލާއާއި އެކުވެރިންނާއި ތިމާގެ މީހުންވެސް ފަޅުރަށަކަށް އައީ އެދުވަހުގެ އުފަލުގއި ބައިވެރި މަޖާކޮށްލުމަށެވެ. އެއީ މައިމޫނު ގަނެފައިވާ ރަށެއްކަމުން އެމީހުންނަށް މިނިވަންކަން އޮތެވެ. ހުޅަނގުގެ ކުލަ ޖެހިފައިވާ ގޮނޑުދޮށެކެވެ. ގިނަޒުވާނުން ތިބީ ޓައިޓާ ސޯޓްކޮޅު ބާރު ޓޮޕްކޮޅުފަދަ ހެދުންތަކުގައެވެ. ސުކައިނާވެސް ޓައިޓަކާއި އަތްކުރު ޓޮޕެއްގައެވެ. މުޅިންވެސް ނިވާކަން ކުޑަ ހެދުންތަކެވެ. ފިރިހެންކުދިންވެސް ރީތި ހަށިގަނޑުތައް އިޝްތިހާރުކޮށްލައިގެން އަވީ ލައިގެންނެވެ. ސަންބެޑްތަކާއި ގޮނޑުދޮށުގައިވެސް ބައެއް ޖޯޑުތައް ގައިގޯޅިކޮށް އުޅޭތަން ފެނެއެވެ. އެއްދިމާލެއްގައި ޝީޝާ ބުއިމުގެ ފޯރީގައި ތިބިއިރު ބައެއް ކުދިން އަތުގައި ހުރި ތުނި ބިއްލޫރިތަށިތަކުގައި ހުރީ ރަލެވެ.

މަޣުރިބާއި އިޝާ ގަޑީގައި ވަކިން ފޯރިގަދަވިއެވެ. އަލިފާންގަނޑުތައް ރޯކޮށްލައިގެން ބާބެކިއު ހެދުމާއި މިއޒުކްގައެވެ. ނެށުމުގައެވެ. އެކަކުވެސް ނަމާދުގެ މަތިން ހަދާނެއްނެތެވެ. އަރްސަންވެސް އިނީ ޝީޝާއަދި ތާސްކުޅުމުގެ އަވައިގާ ޖެހިފައެވެ.

މާތްﷲގެ ފަރުޟެއް ދޫކޮށްލާފައި ދުނިޔޭގެ އުފަލާ މަޖަލުގެ ތެރެއަށް ގެނބިގެން ދާއިރު ކޮންމެ ވަގުތަކުވެސް މަރުވެދާނެކަން ހަދާނެއް ނުވޭތަ ސޭމް؟ މިހެން ބުނަނީ ލޯބިވާވަރުން. ލޯބިވާ މީހަކު ނަރަކައިގެ ދަރުގަނޑަކަށްވާން އެދޭނީ ކާކުތަ؟ " މިންކާގެ ވައިބާ މެސެޖެއް ލިބުމުން އަރްސަން ހިނި އައެވެ. މިކުއްޖާގެ މެސެޖްތައް ބޮންތަކެއް ހެން އޮއްސާލާ ފޯނު އެބަ ފުރާލައެވެ. ހަމަ ފޫހިނުވާނީހެއްޔެވެ؟ އަޖައިބެކެވެ. އަރްސަންގެ އުފާވެރިކަން އެއްކޮށް ނެތިގެން ދިޔައީ މިންކާ ދެން ފޮނުވައިލި ފޮޓޯގަނޑަކުންނެވެ. އަދާ އާލިޔާގެ މާމަގެ ގައިގާ ބައްދާލައިގެން އިންއިރު އަޔާޒް ހުރީ މޭޒުކައިރީގައެވެ. ކުރިމަތީގައި ކުކުޅުފަޔާއި އެއްޗެހިލާފައި ހުރި ތަށިތަކެވެ. އަރްސަންގެ މުޅި ހަށިގަނޑުގައި ހުޅުހިފިހެން ހީވިއެވެ. ކުރިމަތީގައި އަޔާޒް ނެތީ އޭނަގެ އުމުރުގައި ތަން ހުރިކަމުންނެވެ. ރުޅިގަދަވެގެންގޮސް މޫނަށް ރަތްކުލަވެރިވެގެން ދިޔުމާއެކު އޭނަ ދުރަށް ދާން ހިނގައިގެންފިއެވެ. ފާލަމުގެ އެންމެ ކޮޅުގައި ހިޔަންޏެއްފަދައިން އަރްސަން އަނދިރީގައި ފެންނަން ހުރިއިރު އޭނަ ރުއިވަރު އިންސާނަކަށް ނޭގޭނެއެވެ. އަދާ އޭނައަށް ބޭފަވާތެރިވީ އެހެން ފިރިހެނަކަށްޓަކާކަމެއް ކުރިއަކުން ހިޔެއް ނުކުރެއެވެ. މިންކާގެ މެސެޖްތައް އޭނަ ހީކުރީ ދޮގުކަމަށެވެ. ނަމަވެސް ހަގީގަތް މިއޮތީ ފެންނާށެވެ.

"އަހަންނަށް ކެހިދީފައި ވަކި ހަމަޖެހިގެން އުޅެވޭނެތަ؟ ޔޫ ވިލް ރިގްރެޓް.. އައި ސްވިއާ....." އަރްސަން މޫދަށް ފުންމާލާފައި ފަތައިގަތީ ރަށާ ދުރަށެވެ.

ނުނިމޭ