ޕޯޗުގަލްގެ ބެންފީކާގެ އުރުގުއޭ ޑިފެންޑަރު މެކްސީ ޕެރޭރާގެ ކޮންޓްރެކްޓް އާކޮށްފި އެވެ.

ބެންފީކާ އަށް ކުޅުމަށް ޕެރޭރާ އާކުރި މި ކޮންޓްރެކްޓްގެ ދަށުން 2015 އާއި ހަމައަށް އެކުލަބަށް ކުޅޭނެ އެވެ. އެހެންކަމުން އެހެން ކުލަބުން ޕެރޭރާ ގެންދިއުމަށް މަސައްކަތް ކުރާ ކުލަބަކުން ޕެރޭރާ އަށް ބޮޑު އަގެއް ހުށަހަޅަން ޖެހޭނެ އެވެ.

ބެންފީކާ އާއި ޕެރޭރާ ގުޅުނީ 2007 ވަނަ އަހަރު ތިން މިލިޔަން ޔޫރޯގެ އަގަކަށެވެ. ބެންފީކާ އާއި ޕެރޭރާ ގުޅުނު ފުރަތަމަ އަހަރު ކުޅުނީ އެކުލަބުގެ ކުރިއަށެވެ. ނަމަވެސް މިހާރު އެކުލަބުގައި އޭނާ އަދާކުރަނީ ޑިފެންޑަރެއްގެ ދައުރެވެ.

"ޕެރޭރާ ވަނީ ކުލަބާއި އެކު 2015 ވަނަ އަހަރާއި ކުޅުމަށް ކޮންޓްރެކްޓް އާކޮށްފައި. ކުލަބުގެ ކާމިޔާބީގެ ފަހަތުގައި ޕެރޭރާގެ ކޮށްދިން ޚިދުމަތް ފާހަގަކުރަން." ބެންފީކާގެ ވެބްސައިޓުގައިވާ ބަޔާނެއްގައި ވެއެވެ.

ޕެރޭރާ ވަނީ އުރުގުއޭ ގައުމީ ޓީމަށް ވެސް 59 މެޗު ކުޅެފަ އެވެ. މިއަހަރުގެ ކޮޕާ އެމެރިކާ އުރުގުއޭ އަށް ކާމިޔާބު ކޮށްދިނުމުގައި ޕެރޭރާ ވަނީ އިސް ދައުރެއް އަދާކޮށްދީފަ އެވެ.