މާލެއިން އިތުރު ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ، މިއަދު އެކަނި ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 50 އަށް އަރައިފިއެވެ.

މިއީ ރާއްޖޭގައި ކޮމިޔުނިޓީ ސްޕްރެޑެއް ފެށުނު ފަހުން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކުރި ގޮތުގައި، ފަހުން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ޕާކިސްތާނު މީހަކާއިި ދެ ދިވެހީންނެވެ. އެމީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިއަދު ފަތިހު ވެސް 36 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން ހާމަކުރިއެވެ. އަދި މެންދުރުފަހު 14 މީހަކު ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ.

އެއް ދުވަހެއްގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 50 އަށް އެރިއިރު، މާލެ ތެރެއަށް ކޮރޯނާވައިރަސް ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް ބެލެވޭ ކަމަށާއި، އެހެންކަމުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ވީހާ އަވަހަކަށް ބަލި ހުރި މީހުން ދެނެގަތުމަށް ޓެސްޓު ހަދައި އެ މީހުން އެކަހެރިކުރަން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، މާލޭގައި ބަލި ފެތުރިފައިވާ ބައެއް ސަރަހައްދުތައް މިހާރުވެސް ފާހަގަވެފައިވާ ކަމަށާއި މިހާރު ޓެސްޓު ކުރުމުގެ ކަންކަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސާވަޔަލަންސް ޓެސްޓްތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވި 50 މީހުންނާއެކު، މިހާރު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 191 އަށް އަރައިފަ އެވެ.

ރާއްޖޭގެ ކޮވިޑް-19 ކޭސްތައް އިތުރުވަމުންދާއިރު، 98 މީހުންނާ އެކު ދަތުރު ކުރި "އަމާޒު" ބޯޓުގެ ކެޕްޓަން އިއްޔެ ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެހެންކަމުން އެ ބޯޓުން މި މަހުގެ 15 ވަނަ ދަތުރު ކުރި ދަތުރުކުރި މީހުން އެކަން އެޗްޕީއޭއަށް އަންގަން އެ އެޖެންސީއިން ވަނީ އެދިފަ އެވެ.

މި ކޭސްއާ ގުޅިގެން 13 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.