26 Apr 2020, 16:49
ކެންސަރަށް ދޭ ފަރުވާއެއް ކަމަށްވާ ކީމޯ ތެރެޕީގެ ހިދުމަތް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަށައިފި އެވެ.
އެގޮތުން އިއްޔެ ފުރަތަމަ ފަހަރަށް ދެ މީހަކަށް އެ ހޮސްޕިޓަލްގައި ވަނީ ކީމޯ ތެރެޕީގެ ހިދުމަތް ދީފަ އެވެ.
އައްޑޫ ހޮސްޕިޓަލްގެ ކަށީގެ ޑޮކްޓަރު މުހައްމަދު މުންޝިދު "ސަން" އަށް ވިދާޅުވީ މީގެ ކުރިން ކީމޯ ތެރެޕީގެ ހިދުމަތް ނަގަން ވެއްޖެ ނަމަ އަންނަން ޖެހެނީ މާލެއަށް ކަމަށެވެ.
"ދެ ހަފްތާ ނޫނީ ތިން ހަފްތާއިން އެބަ ޖެހޭ ޕޭޝަންޓްއިން މާލެއަންނަން. ނަމަވެސް މިހާރު އެ ތަކުލީފް ވަރަށް ބޮޑަށް ލުއިވެގެން ދިޔައީ." މުންޝިދު ވިދާޅުވި އެވެ.
ކީމޯ ތެރެޕީ ދޭން ފެށި ނަމަވެސް އައްޑޫގެ ހޮސްޕިޓަލްގައި ކެންސަރުގެ ސްޕެޝަލިސްޓުންގެ ޑޮކްޓަރުން ނުތިބެ އެވެ. އެހެންކަމުން ކީމޯތެރެޕީ ދީފައިވަނީ އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ އިރުޝާދުގެ ދަށުންނެވެ.
އައްޑޫގައި މިވަގުތު ކީމޯތެރެޕީގެ ފަރުވާ ބޭނުންވާ ހަތަރު މީހުން ތިބިކަމަށް މުންޝިދު ވިދާޅުވި އެވެ.
ފުރަތަމަ ފަހަރަށް ކީމޯތެރަޕީގެ ޚިދުމަތް 25 އޭޕްރިލް ވީ ހޮނިހިރު ދުވަހު ފެށިފަ އެވެ. މިގޮތުން ކެންސަރަށް ފަރުވާކުރަމުންދާ ދެބޭފުޅަކަށް ފަރުވާ ވަނީ ދެވިފަ އެވެ.
"އުއްމީދަކީ މުސްތަގުބަލުގައި ކީމޯތެރެޕީގެ ހިދުމަތް ފުޅާވެގެން ގޮސް ސްޕެޝިލްސްޓް އޮންކޮލޮޖިސްޓްއިން ތިބޭތައް މި ހޮސްޕިޓަލްއިން ފެނުން." މުންޝިދު ވިދާޅުވި އެވެ.
މާލެއިން ބޭރުގައި ގާއިމްކުރި ފުރަތަމަ ޓާޝިއަރީ ހޮސްޕިޓަލް، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ހިދުމަތް ދޭން ފެށީ މިއަހަރު އެވެ.