26 Apr 2020, 15:59
ޑެލިވަރީ ވެހިކަލްތަކަށް ފުލުހުން ދީފަައިވާ 17 ހުއްދައެއް ގަވައިދާ ހިލާފަށް ބޭނުންކުރުމުން ބާތިލްކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ 17 ވެހިކަލް ޕާމިޓް ކެންސަލް ކޮށްފައިވަނީ ހުއްދަ ދެވިފައިވާ ކެޓަގަރީގެ ވެހިކަލް ނޫން ވެހިކަލް ދުއްވުމުގެ ސަބަބުންނާއި ލައިސަންސް ނެތް ފަރާތްތަކުން ވެހިކަލް އޮޕަރޭޓު ކޮށްފައިވާތީ ކަމަށެވެ.
"ވެހިކަލް އަށް ޕާމިޓް ދޫކުރެވުނު ނަމަވެސް ޕާމިޓް ބޭނުންކުރައްވަން ވާނީ އެ ހުއްދަ ދެވިފައިވާގޮތަށް، ގާނޫނީ އިމުގެ ތެރެއިން،" ނަވީން ވިދާޅުވި އެވެ.
ނަވީން ވިދާޅުވީ މިހާތަނަށް ޖުމްލަ 4353 ޑެލިވަރީ ހުއްދަ ދޫކޮށްފައިވާނެ ކަމަށެވެ.
މާލެ ސަރަހައްދުގައި ލޮކްޑައުން އިއުލާނުކޮށްފައިވާއިރު ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުދަލާއި ކާބޯތަކެތި ޑެލިވަރީ ކުރުމުގެ ހުއްދަ ފުލުހުން އަންނަނީ ދެމުންނެވެ. ފިހާރަތަކާއި ރެސްޓޯރެންޓުތަކަށް ޑެލިވަރީގެ ހިދުމަތް ދެވޭނީ މި ފާސް ލިބިގެންނެވެ.
ލޮކްޑައުން އާއި ހިލާފުވި 167 މީހެއް މިހާތަނަށް ޖޫރިމަނާކޮށްފައިވާއިރު 49 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.