26 Apr 2020, 15:35
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ކޮމެޓީއަށް ފޮނުވައިފި އެވެ.
ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވަނީ ފަސްކޮށްފަ އެވެ. މިހާރުތިބި ކައުންސިލްތަކުގެ ދައުރު ހަމަވާނީ، ޖޫން ތިން ވަނަ ދުވަހަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020 ހުށަހެޅުއްވީ، ތުޅާދޫ ދައިރާ މެމްބަރު ހިސާން ހުސައިންނެވެ. އެ ބިލް ބަލައިގަތުމަށް 60 މެންބަރުން ވޯޓު ދެއްވި އިރު ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
މި ބިލަކީ، އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ހާލަތެއް ނެތް ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ނޫނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވޭނެ ގޮތައް ހެދުމަށް ހުށަހަޅާފައިވާ ބިލެކެވެ.
އެޓާނީ ޖެނަރަލްގެ އޮފީހުން ފަރުމާކުރި އެ ބިލުގައި ބުނާގޮތުން، ބިލް ފާސްވެ އަމަލުކުރަން ފެށުމާއި އެކު އަންނަ މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އިންތިހާބު ފަސްކުރެވުނީ އެވެ. އަދި އިންތިހާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަންޖެހޭނީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ
ބިލުގައިވާ ގޮތުގައި، އަންނަ އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވާ ނިންމަން ވާނެ އެވެ. އެހެން ކަމުން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު އަންނަ ޖެނުއަރީ މަހުގެ 6 އަށް ދިގު ދެމިގެން ދިޔުމުގެ ފުރުސަތު އެބަ އޮތެވެ.