ރޯދަމަހަކީ އާންމުކޮށްވެސް ތަފާތު އެކިވައްތަރުތަކުގެ ފަނިތަކާއި ޖޫސްތަކުން އަހަރެމެންގެ ސުފުރާމަތި ފަޅުފިލުވާލާ މަހެކެވެ. އެހެންނަމަވެސް އެހާ ގިނަ އަދަދަކަށް ހަކުރު އެކުލެވޭ ބާވަތެއްގެ ބަދަލުގައި މިއަދުގެ "ސަން ބަދިގޭގައި" އަހަރެމެން ރަހަ ބަލާލާނީ "ލެމަންގްރާސް ޕެންޑަން ޑްރިން"ގެއެވެ. ޕެންޑަން ކޭކް ކަމުދާ ފަރާތްތަކުން ކޮންމެހެންވެސް އަޖުމަ ބަލާލަންވާނެ އެވެ.

ބޭނުންވާ ތަކެތި

  • ½ ލުނބޯ ހުތް

  • ލެމަން ގްރާސް ފަތް
  • ރާނބާފަތް ކޮޅެއް
  • ½ މޭޒުމަތީ ސަމްސާ މާމުއި (އޮޕްޝަނަލް)
  • ފެން

ތައްޔާރުކުރާނެ ގޮތް

ރާނބާފަތް އަދި ލެމަންގްރާސް ފަތް ތެއްޔަކަށް އެޅުމަށްފަހު ފެން އަޅައި މަތިޖެހުމަށްފަހު 10-15 މިނިޓާއި ދެމެދު ކައްކާލާށެވެ. ނޫނީ ފަތްތަކުގެ ކުލަ ފެނަށް އެޅެންދެން ކައްކާލާށެވެ. އެއަށްފަހު ފެން ފުރާނާލާށެވެ. އަދި ފެން ހިހޫވަންދެން ބަހައްޓާށެވެ.

އެއަށްފަހު އައިސްކިއުބް ނުވަތަ ކްރަޝްޑް އައިސް ތަށްޓަކަށް ނުވަތަ ޖަގަކަށް އަޅާ ލުނބޯހުތް އަޅާލާށެވެ. ހުތް ގަދަ ކުރަންބޭނުންނަމަ އެއް ލުނބޯ އެއްކޮށްވެސް އެޅިދާނެ އެވެ. އެއަށްފަހު މާމުއިކޮޅު އަޅާލާށެވެ. އެއަށްފަހު ކުރިން ކެއްކި ފެން އަޅާލާ ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށްފަހު 4 ގަޑިއިރުވަރު ފިނިކޮށްލާށެވެ. ބޭނުންނަމަ ފޮނިތޮށިކޮޅެއްވެސް އިތުރުކޮށްލެވިދާނެއެވެ. ހޫނުގަދަ އަދި ކަރުހިއްކާފައި ހުންނަ ދުވަހަކަށް މި ބުއިން ވަރަށް ކަމުދާނެ އެވެ.