20 Dec 2011, 17:34
ޗެލްސީ އަށް ކުޅެމުންދާ ސްޕެއިންގެ ފޯވާޑް ފެނާންޑޯ ޓޮރޭސް އަކީ ކަންނެތް ކުޅުންތެރި އެއް ނޫން ކަމަށް ޓޮޓެންހަމް ހޮޓްސްޕާގެ ޓޯގޯ ފޯވާޑް އެމަނުއެލް އަޑެބަޔޯ ބުނެފި އެވެ.
ޗެލްސީގެ ދެ ފޯވަޑުން ކަމަށްވާ ޑިޑިއާ ޑްރޮގްބާ އާއި ފެނާންޑޯ ޓޮރޭސް އަށް ރަނގަޅު ކުޅުމެއް ނުދެއްކެނީ ޕްރެޝަރުތަކެއްގެ ސަބަބުން ކަމަށް ބުނެ އަޑެބަޔޯ ވަނީ އެދެކުޅުންތެރިން ދިފާޢު ކޮށްފަ އެވެ.
އުމުރުން 27 އަހަރުގެ ފޯވާޑް އަޑެބަޔޯ އާސެނަލް އަށް ކުޅުމަށް ފަހު ދާއިމީ ގޮތެއްގައި މެންޗެސްޓާ ސިޓީއަށް ބަދަލުވުމަށް ފަހު ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުމުގެ ފުރުސަތު ހަމަވުމުން ލޯނުގެ ދަށުން ކުލަބުތަކާއި ގުޅެން ފެށިއެވެ. އެގޮތުން މިދިޔަ ސީޒަނުގައި ލޯނުގެ ދަށުގައި ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުމަށް މިސީޒަނުގައި ލޯނުގެ ދަށުން ކުޅެމުންދަނީ ޓޮޓެންހަމް އަށެވެ.
"ޓީމަކުން ނުވަތަ ކޯޗަކު ކުޅުންތެރިއަކު ފޮނުވާލަން އެކުޅުންތެރިއަކަށް ހީވަންޏާ ރަނގަޅު ކުޅުމެއް ދައްކަން ވަރަށް އުނދަގޫވާނެ. އެއީ ކަންނެތް ވުމެއް ނޫން. އެއީ އެހިޔާލުތައް ބޮލުތެރޭގައި ހުންނާތީ. އަދި އަމިއްލަ ދަނޑުގައި 60،000 ސަޕޯޓަރުންގެ ދިމާކުރުންތައް އަމާޒުވަންޏާ ވެސް އެހެންވާނެ. އެއީ އާސެނަލް ދޫކޮށް އަހަރެން ދިއުމުން ދިމާވި އެންމެ ބޮޑު ކަންތައް." އަޑެބަޔޯ ބުންޏެވެ.
ޑްރޮގްބާ ދައްކަމުންދަނީ މޮޅު ކުޅުމެއް ކަމަށާއި އޭނާ އަށް ކުރެވުނު ކުށަކީ މީގެ ދެމަސް ދުވަސް ކުރިން ކުރިން ހޯދި ރަތް ކާޑު ކަމަށް އަޑެބަޔޯ ބުންޏެވެ.
"ޑްރޮގްބާ ދައްކަމުން އެދަނީ މޮޅު ކުޅުމެއް. އެކަމަކު މީގެ ދެމަސްކުރި އޭނާ ހޯދި ރަތްކާޑުގެ ފަހަތުގައިވާ ޓެކުލް އަކީ ކުރިން އޭނާ ކޮށްފައިނުވާ ވަރުގެ ފައުލް އެއް. އެއީ އޭނާގެ ބޮލުތެރޭގައި ކޮންމެވެސް ކަހަލަ ޕްރެޝަރެއް އުޅޭތީ ކަމަށް ބޮޑަށް ބެލެވެނީ." އަޑެބަޔޯ ބުންޏެވެ.