ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކަށް މިހާތަނަށް 595 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކަރަންޓީން ފެސިލީޓެގެ ގޮތުގައި އެންމެ ފުރަތަމަ ހަމަޖެއްސީ ހުޅުމާލޭގެ މަރުކަޒަކާއި އަދި އެސްޓީއޯގެ ތެޔޮ ރައްކާ ކުރާ ރަށް ފުނަދޫގެ އިތުރުން ރިޔާސީ ރަށް ކ. އާރަށެވެ. ނަމަވެސް ފަހުން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކަރަންޓީން ފެސިލިޓީތައް ގާއިމްކޮށްފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ރިސޯޓުތަކެވެ.

ކަރަންޓީން ފެސިލިޓީތަކާއި ގުޅޭ ގޮތުން މަދުން ނަމަވެސް ޝަކުވާތައް ފެންމަތިވަމުން އަންނައިރު މި ފަހުން އެންމެ ބޮޑު ބަހުސްއެއް އުފެދުނީ އެ ތަނުން ރޯދަ ވީއްލަން ދިން ކާނާއާ ގުޅޭ ގޮތުންނެވެ.

ވެބް މެދުވެރިކޮށް އޮންލައިންކޮށް ބޭއްވި މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން ރައީސް ނަޝީދު ވަނީ އެކަމަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވާފަ އެވެ.

އެގޮތުން ކަރަންޓީން އެކި ފެސިލިޓީތަކުގެ ރޯދަ ވީއްލަން ހުރި ތަކެތީގެ ލިސްޓެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަން ފާހަގަކުރެއްވި އެވެ. އޭގެ ތެރެއިިން އެއް ތަނުން އިއްޔެ ދީފައިހުރި ތަކެތީގެ ލިސްޓު ވަނީ ވިދާޅުވެދެއްވާފަ އެވެ. އޭގައި ހުރީ ދެ ޗަޕާތީ، ކުކުޅު ރިހަ، ކުޅިމަސް، ބަތް ކޮޅެއް، ޕިއްޒާ ފޮއްޗެއް، ކޭކު ކޮޅެއް، ބިސް ގަނޑެއް އަދި ޖޫސް ހިމެނޭ ކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ.

"މިހާރު ކަރަންޓީނު ފެސިލިޓީތަކަށް 595 މިލިއަން ރުފިޔާ ހަރަދު ވެއްޖެ. ދެން ކަރަންޓީން ފެސިލިޓީތަކުގައި ރޯދަ ވީއްލުމުގެ ކަންކަން ރަނގަޅަށް ގެންދިއުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރައްވާ އެބަ. ހުރިހާ ވަޒީރުން އެކަމުގައި ވަރަށް އަވަދި ނެތި އުޅުއްވާ،" ނަޝީދު ވިދާޅުވި އެވެ.

ކަރަންޓީން ފެސިލިޓީތަކާއި ހަވާލުވެވަޑައިގަތް ހުންނެވި މިނިސްޓަރު ވެސް ރޯދަ ވީއްލަވަނީ ހަމަ އެކަނި އެ ފެސިލިޓީތަކުން ލިބެން ހުރި ތަކެތި ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. އަދި އެ ޔަގީންކަން މިނިސްޓަރު ދެއްވި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެއީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ.

ކަރަންޓީނު ފެސިލިޓީތަކުގެ ރޯދަ ވީއްލުމުގެ ބަހުސް ފެށިފައި މިވަނީ، އެ ތަނުން ރޯދަ ވީއްލުމަށް ބަތާއި މުގުރިހަ ދީފައި ހުރި ކަމަށް ބުނެ މީހަކު ކުރި ޓްވީޓްކާއި ގުޅިގެންނެވެ. ކާތަކެއްޗާއި ގުޅޭ ގޮތުން ޝަކުވާ ކުރަން ބޭނުން ނުވާ ކަމަށް ބުނެ އޭނާ ކުރި ޓްވީޓްގައި ބުނެފައިވަނީ އެފަދަ ކެއުމަށް މީގެ ކުރިން ދުވަހަކު ވެސް ރޯދަ ވީއްލަން ކާފައި ނުވާނެ ކަމަށެވެ. އަދި ދިރުވަން ވެސް އުނދަގޫ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މާޗް މަހުގެ 21 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިން ފިޔަވާ ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެންވެސް 14 ދުވަހު ކަރަންޓީންގައި މަޑުކުރުމަށް ވަނީ ލާޒިމްކޮށްފައެވެ. ރާއްޖޭގައި މިހާތަނަށް 12 އަށް ވުރެ ގިނަ ކަރަންޓީން ފެސިލިޓީތައް ވަނީ ގާއިމްކޮށްފަ އެވެ. އެތަންތަނުގެ ޖާގައިގެ ގޮތުގައި 1،100 އަށް ވުރެން މަތިވާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.