20 Dec 2011, 17:13
ލ. ގަމުގައި ހަދާފައިވާ އެކްސަސް ރޯޑްގެ މަސައްކަތާ ގުޅޭ ގޮތުން އެ މަގު ހެދި ކުންފުނިން ހޯދުމަށް މަސައްކަތް ކުރާ 992،000 ޑޮލަރު ]15.29 މިލިއަން ރުފިޔާ[ އެ ފަރާތަށް ދޫ ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފިނޭންސް މިނިސްޓްރީ އަށް އަންގައިފި އެވެ.
އެ ފައިސާ ހޯދުމަށް އެ މަސައްކަތް ކުރި ކުންފުނިން އޭސީސީ އަށް ހުށަހެޅި މައްސަލަ ބަލައި ތަހުގީގު ކުރުމަށް ފަހު މިއަދު އާންމު ކުރި ބަޔާނުގައި ބުނަނީ ގަން އާރާސްތު ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެ ރަށުގައި އިމާރާތް ކުރި 240ގެ ހެދުމަށް ސަރުކާރާ އެކުވި އެއްބަސްވުމުގައި އަލަށް ހަދާ ސަރަހައްދަށް ދާން އޮންނަ މަގާއި އަދި އެ ބިން ސާފުކުރުމަށް ސަރުކާރާއެކު އެ ކުންފުނިން ވި އެގްރިމެންޓްގައި އެއްބަސްވެފައި ނުވާ ކަމަށެވެ.
އެ ކުންފުނިން މަސައްކަތް ކުރަނީ މަސައްކަތުގެ ވޭރިއަޝަނެއްގެ ގޮތުގައި އެ މަސައްކަތްތަކަށް ވާ 15.3 މިލިއަން ރުފިޔާ ހޯދުމަށެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް އޭސީސީ އަކުން ނުބުނެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ލ. ގަމުގައި ގެތައް އެޅުމުގެ މަސައްކަތް ކުރީ މޯވޭ ކޮންސްޓްރަކްޝަނުންނެވެ.
އޭސީސީގެ ބަޔާނުގައި އެ ގެތައް އެޅި ކުންފުންޏާ ހަވާލާދީ ބުނެފައި ވަނީ، އެ ކުންފުނިން އެ މަސައްކަތްތައް ކުރީ ސަރުކާރުގެ ކަމާ ބެހޭ އިދާރާއަކުން އެ މަސައްކަތް ނުކުރުމުން ކަމަށެވެ.
އޭސީސީން ބުނީ އެ މަސައްކަތްތައް އެ ކުންފުނިން ކުރި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރި އިރު ހައުސިން އިންފްރާސްޓްރަކްޗާ ރި ޑިވެލޮޕްމަންޓް ޔުނިޓް (ހިރު) އަދި ޕްރޮޖެކްޓް ކޯޑިނޭޓް ކުރި ފްރެންޗް ރެޑް ކުރޮސް(އެފްއާރްސީ)ގެ އެއްވެސް ލިޔެކިޔުމަކުން އެ މަސައްކަތްތަކަކީ ޕްރޮޖެކްޓް ވޭރިއޭޝަންގެ ތެރޭގައި ހިމެނިފައިވާ މަސައްކަތްތަކެއް ކަމަށް ފެންނަން ނެތް ކަމަށެވެ. އަދި ބުނަނީ އެ މަސައްކަތްތަކަށް އެ ކުންފުނިން ފޮނުވާފައިވާ އިންވޮއިސް އަކީ އެފްއާރްސީން ވެސް އަދި ޑިޒާސްޓާ މެނޭޖްމަންޓުން ވެސް ގަބޫލުކުރާ އެއްޗެއް ނޫން ކަމަށެވެ.
ސަރުކާރުން އެ ކުންފުންޏާ އެކު ކޮށްފައިވާ އެގްރިމެންޓާ އެ ކުންފުނި ހިލާފުވުމުން އެގްރިމެންޓް ބާތިލް ކުރަން ޖެހުމުން ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލުގައި އެ ކުންފުނިން ދައްކަން ޖެހޭ 2.2 މިލިއަން ޑޮލަރު އޮތް އިރު ސަރުކާރުން އެ ކުންފުންޏަށް ފައިސާ ދޭން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ވެސް އޭސީސިން ބުންޏެވެ.
"މަދަނީ ކޯޓުން 8 ނޮވެމްބަރު 2007ގައި ކޮށްފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވީ ނަމަވެސް މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފްކޮށްފައިވާ މައްސަލައެއްގައި މަތީ މަރުހަލާގެ ކޯޓަކުން ދަށު މަރުހަލާގެ ކޯޓުގެ ހުކުމާ މެދު ވަކި ގޮތެއް ނުނިންމާހާ ހިނދަކު ދަށު ކޯޓުގެ ހުކުމަށް އަމަލުކުރަން ޖެހޭނެތީ އެ އެއްބަސް ވުމުގެ ދަށުން މަގު ހެދި ކުންފުންޏަށް ދައުލަތުން އެއްވެސް ފައިސާއެއް ދޭންޖެހޭނެ އެއްވެސް ސަބަބެއް ނެތެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.