އިއްޔެ އެންމެ ބޮޑު ސިހުމެއް ގެނުވި އެއް ހަބަރަކަށްވީ މާލެ އިން ފުރައިގެން އުތުރުގެ އަތޮޅުތަކަށް ދަތުރުކުރި ބޮޓެއްގެ ކެޕްޓަން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވި ހަބަރެވެ. މާލެއިން ބޭރުވި ފަހުން ކޮރޯނާ ޖެހުނުކަން ޔަގީންވި ދެވަނަ މީހާ އަކީ ށ. ނަރުދޫ އަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ މީހެކެވެ. ހއ.ގެ އިތުރުން ށ. އަދި ނ. އަތޮޅުގެ މީހުން ވެސް ދަތުރުކުރާ އަމާޒު ބޯޓުގެ ކެޕްޓަން ބައްޔަށް ޕޮޒިޓިވް ވުމާ އެކު މި އަތޮޅުތަކުގެ ގިނަ ރަށްތަކެއް މިހާރު ވަނީ މޮނީޓަރިންގެ ހާލަތުގަ އެވެ.

ނަރުދޫ ކައުންސިލްގެ ރައީސް އަހުމަދު އާރިފް ވިދާޅުވީ ރަށުގެ ރައްޔިތުން ތިބީ "ބިރުވެރި ކަމެއްގެ ތެރޭގައި" ކަމަށެވެ. އެ ރަށުގެ މީހަކު ބައްޔަށް ޕޮޒިޓިވްވުމާ އެކު ރަށް ލޮކްޑައުންކޮށްފައިވާ އިރު، އެ ރަށުގެ 90 ވަރަކަށް މީހުން އަމާޒު ބޯޓުން ދަތުރު ކުރި ކަމަށް އާރިފް ވިދާޅުވި އެވެ. އެ ބޯޓުން ދަތުރުކުރި ހަތަރު މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި ސާމްޕަލް ނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމާޒު ބޯޓު މާލެއިން ފުރާފައި ވަނީ މާލެ ލޮކްޑައުން ކުރި ދުވަހު އެވެ. އެ ބޯޓުން 150 މީހުން ދަތުރުކުރި އިރު ބޯޓުގެ ކެޕްޓަން ރޯގާ ޖެހިގެން އެރަށުގެ ސިއްހީ މަރުކަޒަށް ވަނީ ދައްކައިފަ އެވެ. އޭނާގެ ސާމްޕަލް ނެގީ އޭގެ ދުވަސްތަކެއް ފަހުންނެވެ.

ހަ ސަތޭކައެއްގައި މީހުންގެ އާބާދީއެއް އޮންނަ ނަރުދޫގެ ރައްޔިތުން މިވަގުތު ތިބީ ކޮވިޑްގެ ބިރުވެރިކަމާ އެކު ގޭގޭގަ އެވެ. ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދެނީ ޓާސްކްފޯސް ޑެސްކުގެ ފަރާތުންނެވެ.

ދަނޑުވެރި ނަރުދޫ އިން މި އަހަރުގެ ރޯދަމަހަށް ވެސް ރަށުގެ ދަނޑުތައް ފައްކާ ކުރި އެވެ. ނަމަވެސް ރާއްޖެއަށް ކޮރޯނާގެ ރާޅު ބިންދާލުމާ އެކު ދަނޑުވެރިންގެ މަސައްކަތުގެ މޭވާ، ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކުރި އޮތް ފަސޭހަތައް ނެތިގެން ދިޔަ އެވެ.

ނަރުދޫ ކައުންސިލުގެ ރައީސް އާރިފް ވިދާޅުވީ ކޮރޯނާގެ ކޭހެއް އެ ރަށުން ފެނުމުގެ ކުރިން ދަނޑުވެރިންގެ ބައެއް އުފެއްދުންތައް ވިއްކުނު ކަމަށެވެ.

"އެކަމަކު މިހާރު މިރަށުގެ އުފެއްދުންތައް ގަންނަން ވެސް ބިރުގަންނާނެ ކަންނޭނގެ. އަދި ވެސް ދަނޑުވެރިންގެ އުފެއްދުންތައް ބައިވަރު އެބަހުރި. އެކަމަކު ވިކޭނެ ކަމުގެ އުއްމީދެއް ނެތް،" އާރިފް ވިދާޅުވި އެވެ.

އަމާޒު ބޯޓުން ދަތުރުކުރި މީހުން އުތުރުގެ ތިން އަތޮޅެއްގައި އެބަތިއްބެވެ. އެގޮތުން ނ. އަތޮޅުން، މާފަރު، ހެނބަދޫ، މިލަނދޫ، ވެލިދޫ، ކެދިކުޅުދޫ އަދި ހޮޅުދޫ. ށ. އަތޮޅުން ނަރުދޫ، ފުނަދޫ، ފީވައް، މިލަންދޫ، މާއުނގޫދޫ ގައި އެ ބޯޓުން ދަތުރުކުރި މީހުން ތިބި އިރު ހއ. ދިއްދޫ އާއި އުތީމުގައި ވެސް އެ ބޯޓުން ދަތުރުކުރި މީހުން އެބަތިއްބެވެ.

މި ހުރިހާ ރަށެއް ވެސް މިވަގުތު އޮތޯ ލޮކްޑައުންގަ އެވެ.

މީގެ ތެރެއިން ބައެއް ރަށްރަށަށް ގުޅާލުމުން ރަށު ކައުންސިލުން ބުނެފައިި ވަނީ ރަށުގެ އާންމު ހާލަތު ރަނގަޅު ކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމަށް ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދޭއިރު ބޯޓުން ދަތުރުކުރި މީހުންގެ ހާލަތު ސިއްހީ ކަމާ ބެހޭ ފަރާތްތަކުން ބަލަމުންދާ ކަމަށް އެ ރަށްރަކުން ބުންޏެވެ.

މީގެ ކުރިން މާލެއިން ބޭރުން ކޮވިޑް ޖެހިފައިވާ މީހަކު ފެނިފައި ވަނީ، ހއ. އުލިގަމުންނެވެ. އެ މީހާ އަކީ ވެސް، މާލެއަށް ދަތުރުކޮށްފައި ދިޔަ ފަހުން ކޮވިޑްގެ އަލާމާތްތައް ފެނިގެން ޓެސްޓް ކުރުމުން ބައްޔަށް ޕޮޒިޓިވްވި މީހެކެވެ.

ރާއްޖެއިން މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 177 އަށް އަރައިފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 17 މީހެކެވެ.