26 Apr 2020, 13:19
ލަންޑަން (އޭޕްރިލް 26): ކޮވިޑް-19 ބަލި އެއް ފަހަރު ޖެހިފައިވާ ކަން އަންގައިދޭ 50 މިލިއަން އެންޓިބޮޑީ ޓެސްޓިން ކިޓު އުފައްދަން އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމާފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
އިނގިރޭސި ސަރުކާރުން އެ ޓެސްޓު ކިޓުތައް އުފައްދަން އަންގާފައި ވަނީ އެ މަސައްކަތަށް ހާއްސަކޮށްފައިވާ ޔޫކޭ ރެޕިޑް ޓެސްޓިން ކޮންޒޯޓިއަމްއަށެވެ. ސިއްހީ އާލާތްތައް އުފައްދާ ކުންފުނިތަކާއި ޔުނިވާސިޓީތައް ހިމެނޭ އެ ކޮންޒޯޓިއަމްގައި އޮކްސްފޯޑް ޔުނިވާސިޓީވެސް ހިމެނެ އެވެ. އަދި އިނގިރޭސި ސަރުކާރުން އޯޑަރު ކޮށްފައި ވަނީ އޮކްސްފޯޑުގެ ސައިންޓިސްޓުން އުފައްދާ ޓެސްޓެކެވެ.
އިނގިރޭސި މީޑިއާތަކުގައިވާ ގޮތުން އެންމެ 12 ޑޮލަރަށް ގަނެވޭނެ ކަމަށް ބެލެވޭ އެ ޓެސްޓު ކިޓުތައް އަންނަ ޖޫން ހިސާބުގައި ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ.
އެންޓިބޮޑީ އަކީ ބަލި ޖައްސާ ބެކްޓީރިއާ އާއި ވައިރަސް ފަދަ ތަކެތި ހަށިގަނޑަށް ވަނުމުން، އޭތި ނައްތާލުމަށް ދިފާއީ ނިޒާމުން އުފައްދާ ޕްރޮޓީންއެކެވެ. އަދި ދެވަނަ ފަހަރަށް އެ ވައިރަސް ހަށިގަނޑަށް ވަނުމުން އެ އެންޓިބޮޑީ ކުރިއަށް ވުރެ އަވަހަށް ހަރަކާތްތެރިވެ، އެ ބެކްޓީރިއާ ނުވަތަ ވައިރަސް ނައްތާލަ އެވެ.
ކޮވިޑް-19ގެ އަލާމާތްތައް ނުފެނުނު ނަމަވެސް އެ ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް އެތައް އެންޓިބޮޑީ ޓެސްޓުތަކެއް މިހާރުވެސް ވަނީ އުފައްދާފަ އެވެ. ނަމަވެސް އޭގެއިން އެއްވެސް ޓެސްޓެއް އާއްމުކޮށް ބޭނުން ކުރެވޭ ވަރަށް، ސައްހަ ނަތީޖާތައް ދައްކާ ކަމަށް އިނގިރެސީ ޕަބްލިކް ހެލްތުން އަދި ނިންމާފައި ނުވެ އެވެ. އަދި އެ ޓެސްޓުތަކުން 'ފޯލްސް ޕޮޒިޓިވް' ނުވަތަ އެންޓިބޮޑީ ހަށިގަނޑުގައި ނެތީސް އެންޓިބޮޑީ ހުރި ކަމަށް ދައްކާ ކަމުގެ ޝަކުވާތައް ވަނީ ފާހަގަ ކުރެވިފަ އެވެ.
އިނގިލި ކުރިން ލޭ ނަގައިގެން ހައްދާ އެ ޓެސްޓަކީ މީހުން އަލުން ވަޒީފާއަށް ނުކުތުމަށް ހުއްދަ ހޯދުމަށް ހެދިދާނެ ޓެސްޓެއް ކަމަށް ބައެއް ގައުމުތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ ކޮރޯނާވައިރަހުގެ އެންޓިބޮޑީތައް ހުރި މީހުންނަށް ދެވަނަ ފަހަރު ބަލި ނުޖެހޭނެ ކަމުގެ އެއްވެސް ހެއްކެއް އަދި ނެތް ކަމަށް ބުނެފަ އެވެ. އަދި އެންޓިބޮޑީ ހުރިތޯ ބެލުމަށް ފަހު އެ މީހަކަށް ބަލި އަލުން ނުޖެހޭނެ ކަމަށް ނިންމާ، އެ މީހުން ވަޒީފާއަށް ނެރުމަކީ ވައިރަސް ފެތުރުން އިތުރުވެދާނެ ކަމެއް ކަމަށް ބުނެފަ އެވެ.
އިނގިރޭސިވިލާތުގައި މިހާތަނަށް 148،000 މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި މަރުވި މީހުންގެ އަދަދު އިއްޔެ ވަނީ 20،000އަށް ވުރެ އިތުރުވެފަ އެވެ.