26 Apr 2020, 13:11
ވެރި ރަށް މާލޭގައި ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުންދާއިރު، ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔަ ގޮތުގެ ޖިނާއީ ތަހުގީގެއް ހިންގުމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރ. މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ސަރުކާރަށް ގޮވާލައިފި އެވެ.
ވެބް މެދުވެރިކޮށް މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ގައުމުގެ ހާލަތު މިހާރު އޮތް ގޮތް ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށާއި ކޮވިޑް-19ގެ ކޮމިއުނުޓީ ސްޕްރެޑެއް ފެށިފައިވާއިރު ހުރިހާ ފަރާތްތަކުން ހާސްކަން ބޮޑުވެފައިވާ ކަމަށެވެ.
"ކޮމިއުނިޓީ ސްޕްރެޑަށް މި ދިޔަގޮތް އެއީ އަޅުގަނޑު ދެކޭ ގޮތުގައި އެންމެން ވެސް ކަންބޮޑުވި ކަމެއް. އެހެންވީމަ މިއަދު އަޅުގަނޑު ގޮވާލަން ސަރުކާރަށް ކޮމިއުނިޓީ ސްޕްރެޑަށް ދިޔަ ގޮތުގެ ޖިނާއީ ތަހުގީގެއް ކުރައްވައި އެކަން ވެގެން ދިޔަ ގޮތެއް ރައްޔިތުންނަށް ހާމަ ކޮށްދެއްވުމަށް" އާދަމް ޝަރީފް ވިދާޅުވި އެވެ.
ކޮވިޑް-19 މާލޭގައި ފެތުރެން ފެށިފަހުން އަދި މިވީ ދެހަފްތާ ކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ ގިނަ ބަޔެކު ވެރި މި ރަށުގައި ހާލުގައި ޖެހިފައި އެބަ ތިބި ކަމަށެވެ.
މި ހާލަތުގައި ވެސް ރައްޔިތުން ބަޑަށް ޖެހިގެން ނުވާނެކަން ފާހަގަކޮށް މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ވަސީލަތްތަކާއި ހިދުމަތްތައް މެދު ނުކެނޑި ލިބެންޖެހޭނެ ކަމަށެވެ. އެކަމަށް ބޭނުންވާ ސާމާނާއި ފައިސާ ވެސް ދައުލަތުން ހޯދަން ޖެހޭނެ ކަން އާދަމް ޝަރީފް ވިދާޅުވި އެވެ.
އެކަން ހާސިލްކުރުމަށް ސަރުކާރުން ހިޔާރުކުރީ އެންމެ ކަން ފަސޭހަ ގޮތްކަން އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ. އެގޮތުން މަނިޓަރީ ބޭންކުން ފައިސާ ނަގައިފި ނަމަ ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ވެސް ބޮޑުވެގެން ދާނެ ކަމުގެ އިންޒާރު އާދަމް ޝަރީފް ދެއްވި އެވެ. ރާއްޖޭގެ އިގްތިސޯދު މިހާރަށް ވުރެން ގޯސްވެ ހުރިހާ ގެއްލުމެއް ވެސް ލިބިގެން ދާނީ ރައްޔިތުންނަށް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.
"ރައްޔިތުންނަށް ބޭނުންވާ ފައިސާ ހޯދަން ޖެހޭނެ އެކަމަށް އަޅުގަނޑު ވެސް ތާއިދު ކުރަން. އެހެން ނަމަވެސް ހަމަ އަތް އުރާލާފައި ތިބެގެން މިކަން ކުރުމަކީ ހަމަޖެހޭ ގޮތެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން" އާދަމް ޝަރީފް ވިދާޅުވި އެވެ.
ރާއްޖެއަށް ބޭނުންވާ ފައިސާ ހޯދަން ޖެހޭ އިރު އަވައްޓެރި އިންޑިއާ، ޕާކިސްތާނު އަދި އެމެރިކާ، އިނގިރޭސިވިލާތް ސައުދިއަރަބިއްޔާ، ޗައިނާ ގެ އެހީތެރިކަމަށް އެދެފި ނަމަ އެ ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަން އާދަމް ޝަރީފް ވިދާޅުވި އެވެ.
"ސަރުކާރު މިހާރު މި އޮތީ ނޭވާ ހޮޅިއަށް އެޅިފައި. މި ހާލަތުގައި އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުން ސަރުކާރު މިހާތަނަށް ފެއިލްވެގެން މިދިޔައީ ގަސްތުގައި ބަޔަކު މިކަން ކޮށްގެން ކަމަށް ގަބޫލު ކުރެވެނީ. މި ހާލަތުން އަރައިގަތުމަށްޓަކައި އަޅުގަނޑު ދަންނަަވާނީ ދެން އަޅުގަނޑުމެންގެ މި ގައުމަށް އޮތީ ހަމަ އެންމެ އަވަހަށް ވެސް ރަނގަޅު ގޮތެއް އޮތީ އަވަސް އިންތިހާބަކަށް ދިއުމޭ،" އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ އަދި ވަނީ މި ސަރުކާރަށް ކަންކަން މެނޭޖް ނުކުރެއްވޭ ކަަމަށާއި ވީހާ އަވަހަށް އަވަސް އިންތިހާބެއް ބާއްވާ އާ ސަރުކާރެއް ގެނައުމަށް ވެސް ގޮވާލައްވައިފަ އެވެ.