ލަންޑަން (26 އެޕްރީލް 2020) : ކޮރޯނާވައިރަސް "ކޮވިޑް-19"ގެ ހަގިގީ މައުލޫމާތު ޗައިނާއިން އޮޅުވާލި ކަމަށް ބުނެ އެކަން ތަހްގީގްކުރުމަށް އެމެރިކާ ގޮވާލާ ގޮވާލުންތަކަށް އެއްބާރުލުން ނުދޭނެ ކަމަށް ޗައިނާ ބުނެފި އެވެ.

އެމެރިކާއަށް އެއްބާރުލުން ނުދޭނެކަން ހާމަކުރައްވަމުން އިނގިރޭސިވިލާތުގައި ހުންނަވާ ޗައިނާގެ ސަފީރު ލިޔު ޗިއާއޮ ވިދާޅުވީ އެމެރިކާގެ މަގްސަދަކީ އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރު ނުކުޅެދުމުން އެކަމުގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުންކަމުގަ އެވެ. އެހެންކަމުން އެމެރިކާގެ މަގްސަދަކީ ސިޔާސީ ކުޅިގަނޑެއް ކުޅުން ކަމަށާ އެކަމަށް ޗައިނާ އެއްބާރުލުން ނުދޭނެކަމުގަ އެވެ.

ޗައިނާގެ ސަފީރުގެ އިތުރުން އިނގިރޭސިވިލާތުގައި ހުންނަ ޗައިނާ އެންބަސީގެ އިސް ޑިޕްލޮމެޓެއް ކަމަށްވާ ޗެން ވެން ވެސް ވަނީ މިމޭރުމުން ވާހަކަ ދައްކަވާފަ އެވެ. ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ޗެން ވިދާޅުވީ ކޮވިޑް-19 މައުލޫމާތު ޗައިނާއިން އޮޅުވާލި ކަމަށް ބުނެ އެކަން ތަހްގީގްކުރުމަށް އެމެރިކާ ކުރަނީ ސިޔާސީ ޑިމާންޑެއް ކަމަށާ އެމެރިކާގެ މަގްސަދަކީ ކޮވިޑް-19 އާ ދެކޮޅަށް ޗައިނާ ހޯދި ކާމިޔާބަކީ އަގެއްނެތް އެއްޗަކަށް ހަދައި ޗައިނާގެ ނަންހުތުރު ކުރުން ކަމުގައެވެ.

ކޮވިޑް-19ގެ ކުރިމަތީގައި އެމެރިކާގެ ސިއްހަތާބެހޭ ނިޒާމު ނުކުޅެދި އެ ރޯގާއިން އެމެރިކާގެ ރައްޔިތުން ސަލާމަތްކުރުމުގައި އެމެރިކާ ނާކާމިޔާބުވެފައިވާ މަންޒަރު ދުނިޔެއަށް ފެނުމުން ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލަން ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކުރާކަމަށްވެސް ޗެން ވެން ތުހުމަތު ކުރެއްވިއެވެ.

އެމެރިކާ ޗައިނާގެ ކިބައިން ޑިމާންޑްކުރާ ކަންތައްތަކުގެ ތެރޭގައި ކޮވިޑް-19 ގެ ހަގިގީ މައުލޫމާތު ޗައިނާއިން އޮޅުވާލި ކަމަށް ބުނާ މައްސަލަ ތަހްގީގްކުރުމުގެ އިތުރުން އެ ވައިރަސްގެ ފެށުމަކީ ކޮބައިތޯ ބެލުމަށް ތަހްގީގެއް ހެދުމުގައި ޗައިނާގެ އެއްބާރުލުން ހޯދުންވެސް ހިމެނެއެވެ.

އެމެރިކާއިންވަނީ ކޮވިޑް-19 އަކީ ވުހާން ސިޓީގެ ބައިލޮޖިކަލް ލެބޯޓްރީއަކުން ޗައިނާ ލީކުކޮށްލައިގެން އުޅޭ ވައިރަސް އެއްކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް މިތުހުމަތަށް ދައްކާނެ ހެއްކެތް އެމެރިކާއަށް ލިބިފައެއް ނުވެއެވެ. އެމެރިކާ މިގޮތަށް ވާހަކަ ދެއްކުމުން ޗައިނާވެސްވަނީ ކޮވިޑް-19 ވައިރަސްއަކީ ވުހާން ސިޓީއަށް ތަމްރީނަކަށް އައި އެމެރިކާ ސިފައިންގެ ބަޔަކު ގެނައި ވައިރަސް އެއްކަމާއި އެއީ ޗައިނާއަށް ބައިލޮޖިކަލް ހަމަލާއެއް ދިނުމަށް އެމެރިކާ ކުރި ކަމަކުން ވުހާން ސިޓީގައި ފެތުރުނު ވައިރަސް އެއްކަމަށް ތުހުމަތުކޮށް އެމެރިކާއަށް ރައްދު ދީފައެވެ.

ކޮވިޑް-19 ގެ ހަގިގީ މައުލޫމާތު ޗައިނާއިން އޮޅުވާލި ކަމަށް ބުނެ އެމެރިކާ ކުރާ ތުހުމަތު ތަކަށް ރައްދު ދެމުން ޗައިނާގެ މިޑިއާއިން ބުނެފައިވަނީ ކޮވިޑް-19 ގެ މައުލޫމާތު އެނގުމުން އެއީ މާބޮޑު ރޯގާއަކަށް ނުހަދައި އެކަމާމެދު ފަރުވާކުޑަކުރައްވައި ޓްރަމްޕް ދެއްކެވި ވާހަކަތަކަށް އިޝާރާތް ކޮށްފައެވެ. އަދި ޗައިނާއިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރި ބުރަ މަސައްކަތަށް ތައުރީފް ކުރައްވައި ފެބްރުއަރީމަހު ޓްރަމްޕް ދެއްވި ބަޔާންތައްވެސް ޗައިނާގެ ބައެއް ނޫސްތަކުންވަނީ ގެނަސްދީފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯވަނީ ކޮވިޑް-19 ގެ މައުލޫމާތު ޗައިނާއިން އޮޅުވާލި ކަމަށް ތުހުމަތު ކުރައްވައި އެކަމުގައި ޗައިނާ ޒިންމާ ކުރުވާނެކަމުގެ އިންޒާރު އެތަށްފަހަރަކު ދެއްވާފައެވެ. ނަމަވެސް ވެނެޒުއެލާފަދަ ކުދި ގައުމުތަކާއި ތާލިބާނުންފަދަ ޖަމާއަތްތައްވެސް ޒިންމާ ކުރުމަށް ނުކުޅެދިފައިވާ އެމެރިކާއަށް ޗައިނާ ޒިންމާ ކުރުވާނި ހިކިނެތްތޯ މުހައްލިލުން ވަނީ ސުވާލު އުފައްދާފައެވެ. މިމައްސަލާގައި ޗައިނާ ޒިންމާ ކުރުވާނެކަމަށް ވިދާޅުވެ ޓްރަމްޕާއި ޕޮމްޕެއޯ ދައްކަވަނީ އެމެރިކާ ރައްޔިތުންގެ ރުޅިމަތަ ކުރުމުގެ ސިޔާސީ ވާހަކަތަކެއްކަމަށްވެސް މިކަމާބެހޭގޮތުން ވާހަކަ ދެއްކެވި ބައިނަލްއަގްވާމީ މުހައްލިލުން ވިދާޅުވެފައިވެއެވެ.

އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރު ނުކުޅެދިފައިވާއިރު އެމެރިކާގެ 16 ހާހަށްވުރެ ގިނަ މީހުން ފާއިތުވި 24 ގަޑީއިރު ތެރޭގައިވެސް އެރޯގާ އަށް ޕޮޒިޓިވްވެ އެއްހާސް ތިންސަތޭކައަށްވުރެ ގިނަ މީހުން އެ މުއްދަތުގައި އެމެރިކާގައި މަރުވެފައިވެއެވެ. އިއްޔެއަކީ އެމެރިކާގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް އެންމެ މަދުން މީހުން މަރުވި ދުވަހެވެ.

އެމެރިކާގައި މިހާތަނަށް މިލިޔަނެއްހާ މީހުން (9 ލައްކައަށްވުރެ ގިނަމީހުން) ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު 54 ހާހަށްވުރެ ގިނަ މީހުން އެރޯގާގައި މަރުވެފައިވެއެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކާއި ކާރުޚާނާތަކާއި ކުންފުނިތަކުގެ މަސައްކަތް ހުއްޓި އެމެރިކާގެ 27 މިލިޔަން މީހުންގެ ވަޒީފާގެއްލި އެތަށް ހާސް ކުންފުންޏެއް ބަނގުރޫޓްވުމާ ގާތަށް ގޮސްފައިވާއިރު އެމެރިކާގެ އިގްތިސާދުވެސްވަނީ އިނދަޖެހޭފަދަ ހާލަތަކަށް ގޮސްފައެވެ. (ނޫސްއެޖެންސީތައް)