"ޤަތާދާ ދަރިފުޅާ މި ވަގުތު ކޮންތާކަށް ތިޔަ ދަނީ؟" ރިފާޢު އެހިއެވެ.

"އަހަރެން މި ދަނީ މި ވާހަކަ ﷲ ގެ ރަސޫލާއަށް ދަންނަވާން. މި މައްސަލަ ބެއްލެވޭނީ އެކަލޭގެފާނަށް." ޤަތާދާ ބުންޏެވެ.

"އަހަރެން ވެސް ދާނަން." ރިފާޢު ބުންޏެވެ.

"ނޫން. މި ވަގުތު ބޮޑުބޭބެ ދުރުވާނެ ކަމެއް ނެތް. މައްސަލަ ތަހުގީގު ކުރެއްވުމުގެ ގޮތުން ބޮޑުބޭބެއާ ސުވާލު ކުރެއްވުމަށް ﷲ ގެ ރަސޫލާ ބޭނުންފުޅު ވުމުން އެކަން ބޮޑުބޭބެއަށް އަންގަވާނެ." ޤަތާދާ ބުންޏެވެ.

އެހެން ބުނެފައި ޤަތާދާ ހިނގައިގަތުމުން ރިފާޢު އޭނާއަށް ގޮވައިލިއެވެ.

"ދަރިފުޅާ ޤަތާދާ!"

"ލައްބަ ބޮޑުބޭބޭ." ޤަތާދާ ޖަވާބު ދިނެވެ.

"ގެއަށް ގެންދާނެ ގޮދަންކޮޅެއް ހިފައިގެން ދޭ." ރިފާޢު ބުންޏެވެ.

"ﷲ ބޮޑުބޭބެއަށް ރިޒުގު ތަނަވަސް ކޮށްދެއްވައި، ބޮޑުބޭބެގެ މުދަލުގައި ބަރަކާތްލައްވާށި!" ޤަތާދާ އުފަލުން ފޮޅުނެވެ.

*****

"ޔަގީން. މިހާރު ރަސޫލު ﷲ ގެފާނަށް އޮންނާނީ މި ކަން އެނގިވަޑައިގެންފައި. ވައްކަން ކުރީ އަހަރެން ކަން." ޠުޢުމާ ބުންޏެވެ.

"ކަލެއަށް ހަމަ ޔަގީން ތަ؟" ޠުޢުމާގެ އެކުވެރިޔާ މުބައްޝިރު އެހިއެވެ.

"ޤަތާދާ މިހާރު ވާނީ އެ ވާހަކަ އެކަލޭގެފާނަށް ދަންނަވާފަ. ޤަތާދާއަށް އަހަރެން އެ ގޯނި ކޮނޑަށް ލައިގެން ދަނިކޮށް ފެނުނު. އަދި އޭނާއަށް އެއީ އަހަރެން ކަން ވެސް އެނގުނު." ޠުޢުމާ ބުންޏެވެ.

"ކަލޭ ވައްކަން ކުރީ އަހަރެމެން ބުނެގެންނެއް ނޫން. ތިޔައީ ކަލޭ އަމިއްލައަށް ކުރި ކުށެއް. ތިޔަ ކުށުގެ ޒިންމާ އުފުލާން ޖެހޭ ކަލޭ." ޠުޢުމާގެ އަނެއް އެކުވެރިޔާ ޔަސްރިފު ބުންޏެވެ.

"މިއީ މަލާމާތް ކުރުމާއި ކުށްވެރި ކުރުމުގެ ވަގުތެއް ނޫން. ތިޔައީ އަހަރެންގެ ގަބީލާގެ މީހުން. އަހަންނާ އެންމެ ގާތް މީހުން. އަހަރެން ހިމާޔަތް ކޮށް ދިނުމަކީ ކަލޭމެން ކުރާން ޖެހޭ ކަމެއް. އަދި އަހަންނަށް ކުށެއް ކުރެވުނަސް. އެހެންނޫނީ އަހަރެން އެކަންޏެއް ނޫން، މުޅި ޚަޒްރަޖު ވަންހަ ވެސް ބަދުނާމު ވާނެ." ޠުޢުމާ ބުންޏެވެ.

"އެ ބުނީކީ ވެސް މުޅިޔަކުން ގޯސް ވާހަކައެއް ނޫން. މި ކަން ސިއްރު ނުކުރެވިއްޖެ ނަމަ އައުސު ވަންހައިގެ މީހުން ކުރާ މަލާމާތާއި ފުރައްސާރައިން މަގުމައްޗަށް ނުކުންނާކަށް ނުކެރޭނެ." މުބައްޝިރު ބުންޏެވެ.

"އެހެންވީ އިރު، ކިހިނެއް ހަދާނީ؟" ޠުޢުމާ އެހިއެވެ.

"އެ ތަކެތި ހިފައިގެން ގޮސް ކަލޭގެ އަވަށްޓެރި ޒައިދުގެ ގޭގެ ގޯތިތެރޭގައި ވަޅުލާ." މުބައްޝިރު ބުންޏެވެ.

"ތިޔައީ ރަނގަޅު ޚިޔާލެއް މުބައްޝިރު. އޭރުން ވައްކަމުގެ ތުހުމަތު ކުރެވޭނީ ޒައިދުގެ މައްޗަށް. އެކަމަކު... މަގުމަތީން އަހަރެން ފެނުނު ޤަތާދާގެ މައްސަލަ ހަމަޖައްސާނީ ކިހިނެއް؟" ޠުޢުމާއަށް މުބައްޝިރު ދިން ޚިޔާލު ވަރަށް ކަމު ދިޔައެވެ. ޠުޢުމާ ކަންބޮޑުވަނީ ޤަތާދާއަށް އޭނާ މަގުމަތީން ގޯނި ކޮނޑަށް ލައިގެން ދަނިކޮށް ފެނިފައިވާތީއެވެ.

"އަހަރެމެން ދާނީ ރަސޫލާގެ އަރިހަށް. ގޮސް ދަންނަވާނީ ޒައިދު ނަމަކަށް ކިޔާ ޔަހޫދީ ކަލޭގެ ވައްކަން ކުރަނިކޮށް އަހަރެމެން ދުށީމޭ." މުބައްޝިރު ބުންޏެވެ.

"ތިޔަ ކަން ތިޔަ ގޮތަކަށް ނުކުރެވޭނެ. ތިޔަ ބުނީ އަހަރެން ގޮސް ﷲ ގެ ރަސޫލާގެ ކުރިފުޅު މަތީގައި ދޮގު ހެކި ދޭށޭތަ؟ ދޮގު ހެކި ދިނުމުގައި އަހަރެން ބައިވެރިއެއް ނުވާނަން." ޔަސްރިފު ބުންޏެވެ.

"އެހެންވީއިރު، އަނގަ މަޑުން ލައިގެން ހުރޭ! މި ވާހަކަތައް އެއްވެސް މީހަކާ ހިއްސާ ނުކުރާތި!" ޠުޢުމާ ބުންޏެވެ.

"އަހަރެން ދާނަން. އަދި ހެކިބަސް ދޭނެ އިތުރު ދެ މީހަކު ގޮވައިގެން އަހަރެން ދާނީ. މައްސަލައެއްގައި ހުކުމް ކުރާ އިރު، އެކަކުގެ ހެކި ބަހަށް ވުރެ ވަރުގަދަ ވާނީ ތިން މީހުންގެ ހެކި ބަސް." މުބައްޝިރު ބުންޏެވެ.

"ވީއިރު އަވަސް ކުރޭ! ލަސް ނުކުރޭ!" ޠުޢުމާ ބުންޏެވެ. ޠުޢުމާ އެހެން ބުނުމާ އެކު މުބައްޝިރު ހިނގައިގަތެވެ. އަދި ޔަސްރިފު ވެސް އެ ތަނުން ނުކުތުމަށް ހިނގައިގަތެވެ.

*****

"ކަމުގެ ހަގީގަތް ދެނެތިބެ ޚަޒްރަޖު ވަންހައިގެ ޒުވާނުންގެ ތެރެއިން ބަޔަކު އެކަން ސިއްރު ކުރުމަށް އެ އުޅުނު އުޅުމާ މެދު ތިޔަ ކުދީންގެ ރައުޔަކީ ކޮބާ؟" ގާޒީ ޞަފިއްޔުއްދީނު އެއްސެވިއެވެ.

"އަޅުގަނޑަށް ހީވަނީ ގަބީލާ ބަދުނާމު ވިޔަ ނުދިނުމުގެ ގޮތުން ގަބީލާއަށް ޓަކައި އެމީހުން ކަންތައް ކުރީ ރަނގަޅަށް ހެން. އަދި އެހެންނޫނީ ދެ ގަބީލާގެ މެދުގައި ތަޅާފޮޅުމާއި ލޭއޮހޮރުވުން އަލުން ފެށުނީސް." އަމީރު ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އެކަމަކު އެމީހުން މި ކަމުގައި ހަގީގަތާ ހިލާފު ވެ ދޮގު ހެދީ. ދޮގު ހެދުމަކީ ޙަރާމް ކަމެއް." އަމީރާ ޞަފާ ވިދާޅުވިއެވެ.

"އެއީ ކުޑަކުޑަ ދޮގެއް. ބޮޑު ކަމަކުން ސަލާމަތް ކުރުމުގެ ގޮތުން ކުޑަކުޑަ ދޮގެއް ހެދިޔަސް ރަނގަޅު ވާނެ ކަމަށް ފެންނަނީ." އަމީރު ޞަފިއްޔުއްދީނު އޭނާ ދެކެވަޑައިގަންނަވާ ގޮތް ހާމަ ކުރެއްވިއެވެ.

"ދަރިފުޅާ ސަލްމާ! މި ކަމުގައި ދަރިފުޅުގެ ރައުޔަކީ ކޮބާ؟" ގާޒީ ޞަފިއްޔުއްދީނު އޭނާގެ ދަރިކަނބަލުން ކުރެން އެއްސެވިއެވެ.

"ބައްޕާ! އަޅުގަނޑަކަށް ނޭނގޭ. ދެ ބަޔަކު ސުލްހަ ކުރުވުމުގެ ގޮތުން ދޮގު ހެދުން ހުއްދަ ކަމަށް އަޅުގަނޑު ވެސް އަޑު އަހަން." ސަލްމާ ވިދާޅުވިއެވެ.

"ދަރިފުޅުމެންނޭ! ކުށެއްގެ ތުހުމަތުން ބަރީއަ ވުމުގެ ގޮތުން ދޮގު ހެދުމާއި ސަރިޔަތުގެ މަޖިލީހުގައި ދޮގު ހެކި ދިނުމަކީ އެއް ގޮތަކަށް ވެސް ހުއްދަ ކަމެއް ނޫން. އަދި އެއީކީ ކުޑަކުޑަ ކަމެއް ވެސް ނޫން. އެހެންނަމަވެސް ދެމަފިރިޔަކު ސުލްހަ ކުރުމުގެ ގޮތުން ތިމާއަށް އެނގި ހުރި ބައެއް ވާހަކަ ސިއްރު ކުރުމާއި ބައެއް ކަންކަމާ މެދު ދެމަފިރީން ކުރެ މީހަކު ސުވާލުު ކުރުމުން، ތިމަންނައަށް ނޭނގެޔޭ، ތިމަންނަ އަޑެއް ނާހަމޭ، ތިމަންނަ ނުދެކެމޭ. ބުނުން ފަދަ ކަންކަން ހުއްދަ ކަމުގައި އިލްމުވެރީން ވިދާޅުވޭ. މިއީކީ އެކަހަލަ ކަމެއް ނޫން. މިއީ ސަރިޔަތުގެ މަޖިލީހުގައި ދޮގު ހެކި ދިނުމުގެ ހާދިސާއެއް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ވާހަކަ ނިމުނީ ތޯ؟ ދޮގު ހެކި ދިނުމުން ދެން ވީ ގޮތެއް ވެސް އެނގޭން ބޭނުން." ސަލްމާ ވިދާޅުވިއެވެ.

"ނޫން. ދަރިފުޅާ! ވާހަކަ ނިމުނީކީ ނޫން. އެހެން ނަމަވެސް، މި ވަގުތަކީ ގައިލޫލާގެ ވަގުތު. ކުޑަކޮށް އޮށޯވެލާން ބައްޕަ ބޭނުން. ދަރިފުޅުމެން ވެސް ކޮޓަރިޔަށް ގޮސް އަރާމު ކޮށްލާ. ދެން މިރޭ ޢިޝާ ނަމާދުކޮށްގެން އަޝާޔަށް ފަހު، ވާހަކަ ކުރިޔަށް ގެންދާނީ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. އެއަށް ފަހު ބައްދަލުވުންތައް ނިންމުމުގެ ގޮތުން ކުރާ ދުުޢާ ވިދާޅުވިއެވެ.

"ދަރިފުޅުމެން ކާފަޔާ ސަލާމް ކޮއްލާފައި މަންމަގެ ކޮޓަރިއަށް އާދޭ." ކޮޓަރިޔާ ދިމާއަށް ހިނގަވައިގަންނަމުން ސަލްމާ ވިދާޅުވިއެވެ.

"ކާފައަށް ފުރިހަމަ ޞިއްޙަތެއް ދެއްވާށި!" އަމީރު ޞަފިއްޔުއްދީން އޭނާގެ ކާފައާ ސަލާމް ކޮށްލައްވަމުން ވިދާޅުވިއެވެ. "ދަރިފުޅަށް ވެސް."

"އަރާމު ކޮށްލައްވާން ވަޑައިގަންނަވާ. ދެން އަޅުގަނޑުމެން ބައްދަލު ވާނީ އިޝާ ނަމާދަށް ފަހު، އަޝާގެ ވަގުތުގައި." އަމީރާ ޞަފާ ވިދާޅުވިއެވެ. "އިންޝާ ﷲ."

ކޮންމެ ދުވަހަކު ވެސް މެންދުރު، ގައިލޫލާގެ ވަގުތުގައި އޮށޯންނެވުމަކީ ގާޒީ ޞަފިއްޔުއްދީނުގެ އާދައެކެވެ. ފަތިހު އަވަހަށް ހޭލުމާއި ގައިލޫލާގެ ވަގުތުގައި އަރާމު ކޮށްލުމާއި ރޭގަނޑު އަވަހަށް ނިދުމަކީ ސިއްހަތު ސަލާމަތުން ހުރުމުގެ ގޮތުން ކޮންމެހެން ކުރާން ޖެހޭ ކަންކަން ކަމުގައި ހަކީމުން ބުނުއްވާ އަޑު އޭނާ އައްސަވައެވެ.

ގައިލޫލާގެ ވަގުތު ނިމުމުން ތެދުވެވަޑައިގެން ނާނޭފުޅު ފިއްލެވުމަށް ފަހު، ކޮންމެ ދުވަހަކު ވެސް އޭނާ ނުކުމެވަޑައިގަންނަވަނީ އަސްރު ނަމާދަށް މިސްކިތަށް ވަޑައިގަތުމަށެވެ. އަސްރު ނަމާދުން ނިމިވަޑައިގެން އަވަށުގެ ތެރޭގައި ހިންގެވުމަކީ އޭނާގެ އާދައެކެވެ. މިހެން ނުކުމެވަޑައިގެން އެއް ތަނެއްގައި މާ ގިނަ ވަގުތު މަޑެއް ނުކުރައްވައެވެ. އެހެންނަމަވެސް މީހުންނަށް ސަލާމް ގޮވައިލައްވައި ވާހަކަ ދައްކަވައި ހައްދަވައެވެ.

ދެން ގެޔަށް ވަޑައިގަންނަވަނީ މަޣުރިބު ނަމާދު ކުރައްވައިގެންނެވެ. މެންދުރު ނަމާދާއި މަޣުރިބު ނަމާދާ ދެމެދު ގޭގެޔަށް ޒިޔާރަތް ކުރެއްވުމަކީ އޭނާ ކުރައްވާ ކަމެއް ނޫނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މެންދުރު ނަމާދާއި އަސްރު ނަމާދާ ދެމެދު އޮންނަ ވަގުތު ކޮޅަކީ އަރާމު ކުރުމަށާއި އާއިލާގެ މީހުންނާ ވާހަކަ ދައްކާލުމަށް އޮންނަ ވަގުތެކެވެ. އެއީ މަސައްކަތާއި ޒިޔާރަތުގެ ވަގުތެއް ނޫނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރަށުތިބީން ގޭގެޔަށް ޒިޔާރަތް ކުރާން ވާނީ ހެނދުނުއެވެ. އަދި މެންދުރުގެ ކެއުމަށް ފަހު އެ ޒިޔާރަތް ނިންމައިލާން ވާނެއެވެ. ދަތުރެއް ކޮށްފައި އަންނަ މީހާ ނަމަ ކޮންމެ ވަގުތެއްގައި ވެސް އައިސް މެހުމާނެއްގެ ގޮތުން މަޑުކޮށްލެވޭނެއެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އަސްރު ނަމާދުގެ ފަހުން ގޮސް މަޣުރިބު ނަމާދާ ހަމަޔަށް އޮންނަ ވަގުތަކީ ހިތްހަމަ ޖެއްސުމުގެ ގޮތުން ބޭރު ތެރެއަށް ނުކުމެ، މަގުމަތީން ދިމާވާ ދަންނަ މީހުންނާ ވާހަކަ ދައްކާލައި، ނުވަތަ ބަގީޗާއަކަށް ނުވަތަ އަތިރިމައްޗަށް ގޮސް އާބުހަވާ ރަނގަޅު ކޮށްލުމުގެ ވަގުތެވެ.

މަޣުރިބު ނަމާދާއި ޢިޝާ ނަމާދާ ދެމެދު އޮންނަ ވަގުތު ނުވަތަ އިޝާ ނަމާދަށް ފަހު ގޭގެއަށް އަންނާނީ ރަށުން ބޭރުން އަންނަ މީހުންނެވެ. އެމީހުންނަކީ ވެސް އެ ގޭގައި މެހުމާނުންގެ ގޮތުން މަޑު ކުރާން އަންނަ ބަޔަކަށް ނުވާ ކަމަށް ވާ ނަމަ، މުހިއްމު ވާހަކަތައް ބުނެފަައި އަވަހަށް ދާން ވީއެވެ. މަޣުރިބު ނަމާދާއި ޢިޝާ ނަމާދާ ދެމެދު އޮންނަ ވަގުތަކީ ރަށުތިބީން ކީރިތި ޤުރްއާން ކިޔަވައި، ކޮންމެވެސް ރަނގަޅު ފޮތެއް މުތޯލިއާ ކޮށްލުމުގެ ވަގުތެވެ.

އިޝާ ނަމާދަށް ފަހު އަޝާ ކޮށްލައިގެން ގޭގެ ކުދީންނަށް އިބްރަތްތެރި ވާހަކަ ކިޔައި ދިނުމާއި ކޮންމެވެސް ފިލާވަޅެއް ނަގައިދިނުން އޮންނާނެއެވެ. އިޝާ ނަމާދަށް ފަހު ދެ ގަޑި އިރަށް ވުރެ ގިނައިން ހޭލައި ހުންނެވުމަކީ އޭނާގެ އާދައެއް ނޫނެވެ. އަވަހަށް އަވަހާރަ ލެއްޕެވުމަށް ފަހު ދަމު ނަމާދަށް ތެދުވެވަޑައިގަތުމަކީ އޭނާގެ އާދައެކެވެ.

ގާޒީ ޞަފިއްޔުއްދީނު ގެންގުޅުއްވާ ހަރުދަނާ އަދި ތަހުޒީބު އާދަތަކުގެ ސަބަބުން މީހުން އޭނާއަށް ވަރަށް ގަދަރު ކުރެއެވެ. އެއްމެން ވެސް އޭނާ ދެކެނީ ނަމޫނާއެއްގެ ގޮތުގައެވެ.

ސަލްމާއަކީ އޭނާގެ ހަމައެކަނި ދަރިކަނބަލުންނެވެ. ސަލްމާއާ ކައިވެނި ބައްލަވައިގެން އުޅުއްވަނީ އުސްމާނީ ޚިލާފަތުގެ ޚަލީފާގެ ދޮށީ ދަރިކަލުން އަދި ވަލީ އަހުދެވެ.

*****

ގަޑިއެއްހައި އިރު އަރާމު ކޮށްލެއްވުމަށް ފަހު ގާޒީ ޞަފިއްޔުއްދީން ހޭފުޅުލައްވައިފިއެވެ. ހޭފުޅުލައްވައިގެން އޭނާ ވެންނެވީ ހައްމާމަށެވެ.

- ނުނިމޭ -