26 Apr 2020, 07:32
މާލެއިން ކޮވިޑް-19އަށް އިތުރު 36 މީހަކު ޕޮޒިޓިވްވެ، ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 177އަށް އަރައިފި އެވެ. މިއީ ރާއްޖޭގައި ކޮމިޔުނިޓީ ސްޕްރެޑެއް ފެށުނު ފަހުން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވީ ފުރަތަމަ ފަހަރެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ މިއަދު އިތުރު 36 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 26 ބަންގްލަދޭޝް މީހުންނާއި، ހަ ދިވެހީންނާއި، އިންޑިއާ މީހަކު ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެ މީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މި މީހުންނާ އެކު މިހާރު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 177 އެވެ.
ރާއްޖޭގެ ކޮވިޑް-19 ކޭސްތައް އިތުރުވަމުންދާއިރު، 98 މީހުންނާ އެކު ދަތުރު ކުރި "އަމާޒު" ބޯޓުގެ ކެޕްޓަން އިއްޔެ ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެހެންކަމުން އެ ބޯޓުން މި މަހުގެ 15 ވަނަ ދަތުރު ކުރި ދަތުރުކުރި މީހުން އެކަން އެޗްޕީއޭއަށް އަންގަން އެ އެޖެންސީއިން ވަނީ އެދިފަ އެވެ.
މި ކޭސްއާ ގުޅިގެން 13 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.