20 Dec 2011, 17:00
ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔަލަށް ކާބޯތަކެއްޗާއި ބައެއް ކަހަލަ ސާމާނު ފުލުހުން ހަދިޔާކޮށްފި އެވެ.
ފުލުހުން ބުނީ އަންހެން ފުލުހުން އިސްނަގައިގެން ކުޑަކުދިންގެ ހިޔަލަށް މިތަކެތި ހަވާލުކުރުން އޮތީ މިއަދު މެންދުރު ފަހު ކުޑަކުދިންގެ ހިޔަލުގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށާއި އެބައްދަލުވުމުގައި އެތަކެތި ކުޑަކުދިންގެ ހިޔަލާއި ހަވާލުކޮށްދިނީ ފުލުހުންގެ ޓީމަކުން ކަމަށެވެ.
މިބައްދަލުވުމުގައި ކުޑަކުދިންގެ ހިޔަލުގެ ޑެޕިއުޓީ ޑިރެކްޓަރު އާމިނަތު މުހައްމަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކުޑަކުދިންގެ ހިޔަލުގެ ހުރިހާ ކަމަކަށް ވެސް ފުލުހުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާގަހަކުރައްވާ ކަމަށާއި އެފަދަ އެހީތެރިކަން އިތުރަށް ލިބެމުންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މީގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖެންޑާ އެންޑް ފެމިލީގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ޝަކީބު ދެއްކެވި ވާހަކަ ފުޅުގައި މި ދެ މުއައްސަސާއަކީ ތަފާތު މަސައްކަތްތަކެއް ކުރާ ބަޔަކަށްވީ ކަމުގައި ވިޔަސް ދެ މުއައްސަސާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ދެ ފަރާތުންވެސް މަސައްކަތް ކުރުމަށް އެދިވަޑައިގަތެވެ.
ކުޑަކުދިންގެ ހިޔަލަށް ފުލުހުންގެ ފަރާތުން އިތުރު އެހީތެރިކަމާއި އެއްބާރުލުން ކުރިޔަށް އޮތްތަނުގައި ލިބިގެންދާނެ ކަމަށް ފުލުހުންގެ ފަރާތުން އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޕޮލިސް ސާޖަންޓް ސައުދިއްޔާ އަހުމަދު ވިދާޅުވި އެވެ.