26 Apr 2020, 07:42
ކޮރޯނާ ވައިރަސްއާ ގުޅިގެން އިންޑިއާ ކުއްލިއަކަށް ލޮކްޑައުން ކުރުމުން އެތައް ބަޔަކު އެމީހުން ދިރިއުޅޭ ތަންތަނަށް ނުދެވި ތާށިވި އެވެ. އެގޮތަށް ތާށިވި ބައެއް މީހުން އެނބުރި އެމީހުންގެ އަވަށަށް ހިނގާފައި ދިޔައީ އެތައް ސަތޭކަ ކިލޯ މީޓަރެއް ކަޑައްތުކުރުމަށްފަހު އެވެ.
އެގޮތަށް ތާށިވި އަންހެނަކު އޭނާގެ އަވަށަށް ހިނގައިފައި ދަނިކޮށް މަގުއޮޅުނެވެ. އެކަމުގައި އުޅެނިކޮށް ތިން މީހުން ވަނީ އޭނާ ރޭޕްކޮށްލައިފައެވެ.
ރޭޕްކޮށްލައިފައިވަނީ 40 އަހަރުގެ އަންހެނެކެވެ. ފަހުން އެ އަންހެން މީހާ ވަނީ ފުލުހުންގެ އިދާރާއަށް ގޮސް މައްސަލަ ހުށަހަޅައިފައެވެ. ރޭޕްކުރި ތިން މީހުންވެސް ފަހުން ވަނީ ހައްޔަރުކޮށްފައެވެ.
އިންޑިއާގެ އުތުރުގެ ރާޖަސްތާން ސްޓޭޓްގެ އަޖްމެރު ސިޓީއަށް ނިސްބަތްވާ އެ އަންހެން މީހާ ލޮކްޑައުންއާ ގުޅިގެން ހުރީ ސަވައިމަދޯޕޫރު ސިޓީގައި ތާށިވެފައެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އެ އަންހެން މީހާ ހިނގާފައި ޖައިޕޫރާ ދިމާއަށް ދަނިކޮށް މަގުއޮޅިގެން ރޭގަނޑު ދަންވަރު ސްކޫލެއްގައި މަޑުކުރިކަމަށް ފުލުހުން ބުންޏެވެ.
ސްކޫލްގައި މަޑުކޮށްގެން އިންދާ ތިން މީހުންނަށް ފެނިގެން ވަނީ އެ އަންހެން މީހާ ރޭޕްކޮށްލައިފައެވެ.
އިންޑިއާގައި ރޭޕްގެ މައްސަލަތައް ބޮޑުވެފައިވާތީ އެކަމާ ދެކޮޅަށް އެގައުމުގެ ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ. -- ނިއު އިންޑިއަން އެކްސްޕްރެސް