26 Apr 2020, 11:43
ކޮރޯނާވައިރަހާ އެކު ރާއްޖޭގެ އިގްތިސާދު އެނބުރެމުން މި ދަނީ އަނިޔާވެރި ބުރެއްގެ ތެރޭގަ އެވެ. އިގްތިސާދު ބަންދުވެފައި އޮތުމުން ދައުލަތަށް ފައިސާ ލިބޭނެ މަގުތައް ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. އެކަމަކު ދައުލަތް ހުއްޓާލައިގެން ރައްޔިތުންނަށް ހިދުމަތް ނުދީ ތިބެވޭކަށް ވެސް ނެތެވެ. އެކަމަކު، ފައިސާ ހޯދެން ހުރި މަގުތައް ވެސް އޮތީ ގާތް ގަނޑަކަށްހެން ބަންދުވެފަ އެވެ. އެ ގޮތްވެސް މި ގޮތް ވެސް ރަނގަޅެއް ނޫނެވެ. އެހެން ވެސް މިހެން ވެސް ވާކަށް ނެތެވެ.
އެހެން ވީމާ، ސަރުކާރުގެ ކުރިމަތީ އޮތީ މިހާރު ދެ ޗޮއިސް އެކެވެ. ހޯދުނު ގޮތަކުން ފައިސާ ހޯދައިގެން އިގްތިސާދުގެ ތެރެެއަށް ގެނެސް ދައުރުކުރުމެވެ. ނޫނީ ސަރުކާރަށް ލިބޭނެ ކަމަށް ލަފާވާ 15.26 ބިލިއަން ރުފިޔާގެ އާމްދަނީއަކާ އެއްވަރަށް ހަރަދުތައް ކޮށައި މަށާލައި ކުޑަކޮށްލުމެވެ.
މިއިން ކޮންމެ ކޮޅެއް ސަރުކާރުން ހިޔާރު ކުރި ނަމަވެސް މޮޅާއި ދެރަ އެބަ އޮތެވެ. ކުރިން ލަފާކޮށްލަންވެސް އެނގިފައި ނެތް މި ހާލަތެއް އަހަރުމެންނާ ކުރިމަތިވެފައިވާ އިރު، މީގެ ތެރެއިން އެއްވެސް ގޮތަކީ ހުދާއި ކަޅުން ރަނގަޅާއި ނުބައިގެ ގޮތުގައި ބެލޭނެ ކަންކަމެއް ނޫނެވެ.
ވަރަށް އުނދަގޫ ދުވަސްތަކެއްގައި އަދި ދިގު މުއްދަތެއްގައި އެމްއެމްއޭގެ ގަވަރުނަރުކަން ކުރެއްވި، އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ، ޑރ. ފަޒީލް ނަޖީބު "ސަން"އަށް ވިދާޅުވި ގޮތުގައި މި ދެގޮތުން ކުރެ ކޮންމެ ގޮތަކީ ވެސް، އިގްތިސާދީ ޕްރިންސިޕަލްތަކުން ބަލާއިރު ރަނގަޅު ގޮތެއް ނޫނެވެ. އެކަމަކު، މިވަގުތު ނެރެން ޖެހޭ ނަތީޖާ ނެރުމަށް ލޯ މަރާލާފައި ހިތި ބޭސް ބޯންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މާޗް 22، 2020: މަސްމާރުކޭޓު ސަރަހައްދުގައި ދޯނިން މަސް ބޭލުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭނާގެ ނަޒަރުގައި އެންމެ ބޮޑު އިސްކަމެއް ދޭންވީ އިގްތިސާދު މަރުނުވެ ހިފެހެއްޓޭނެ ގޮތަކަށެވެ. ސަރުކާރުގެ ކުރިމަތީގައި އޮތް ދެ ގޮތުން ކުރެ ކޮންމެ ގޮތެއް އިހުތިޔާރު ކުރި ނަމަވެސް، އޭގެ ނުބައި އަސަރުތަކެއް ދުރު މުސްތަގުބަލުގައި އިގްތިސާދަށް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މިއީ އެކަމާ ވިސްނަންވީ ވަގުތު ނޫން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
"މިހާރު ވެސް އަޅުގަނޑުމެންގެ އިގްތިސާދު ވަރަށް ބޮޑަށް ސަފާ މިކުރަނީ. އިގްތިސާދުގެ ސޯބުތައް މަސައްކަތް ނުކޮށް ހުއްޓިފައި އެ ހުރީ. އަޅުގަނޑުމެން ބަލަންވީ އިގްތިސާދުގައި މިހިރަ ބަހާތައް މަރުނުވެ ދެން ހިފެހެއްްޓޭނެ ގޮތަކީ މިވަގުތަށް ކޮބައިތޯ. ރައްޔިތުން އިތުރަށް ބިކަ ނުވެ، ހާލުގައި ނުޖައްސާ މިވަގުތު ކޮންކަމެއްތޯ ކުރެވޭނީ. އަޅުގަނޑަށް ހީވަނީ ފިނޭންސް މިނިސްޓަރުގެ ވިސްނުން މިވަގުތަށް އެ ހުރީ އެގޮތަށްހެން. އިގްތިސާދު އެކީ މަރުނުވެ މިވަގުތަށް ވެސް ދިރުމެއް ގެނުވޭނެ ގޮތަކަށް ވިސްނުން އެ ބައްޓަން ކުރައްވަނީ،" ޑރ. ފަޒީލް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުން މަޖިލީހުގައި އެދިވަޑައިގަތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށް، ޕަބްލިކް ބޭންކް އެކައުންޓުން އޯވަޑްރޯ ކުރެވޭ ލިމިޓް 4.4 ބިލިއަން ރުފިޔާއަށް ބޮޑުކޮށްދިނުމަށެވެ. އެއީ މިދިޔަ ތިން އަހަރު ތެރޭ ދައުލަތަށް އެވްރެޖްކޮށް ލިބިފައިވާ އާމްދަނީގެ 20 ޕަސެންޓްގެ އެއްވަރުގެ އަދަދެކެވެ.
މިހާރު، އެގޮތަށް އޯވަޑްރޯ ކުރެވެނީ 220 މިލިއަނެއްހާ ރުފިޔާ އެވެ. އެއީ މިދިޔަ ތިން އަހަރުގެ އާމްދަނީގެ އެއް ޕަސެންޓެވެ.
މި ހުއްދައަށް މިނިސްޓަރު އެދިވަޑައިގަންނަވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި 14 ދުވަހުގެ ތެރޭ އެގޮތަށް ނަގާ ފައިސާ މިހާރު ދައްކަން ޖެހުނު ނަމަވެސް އެމުއްދަތު އެއް އަހަރަށް ދަމާލަ ދިނުމަށް ވެސް އެދިފައިވެ އެވެ.
އެއާ އެކު، މަޖިލީހުގެ މެންބަރުންގެ މެދުގައި ހިޔާލުތައް ވަނީ ދެކަފިވެފަ އެވެ. އެއްބައި މެންބަރުން ވިދާޅުވާ ގޮތުގައި މިއީ ފައިސާ ޗާޕްކޮށް ސާކިއުލޭޝަންގެ ތެރެއަށް ދޫކޮށްލުމެވެ. އެއާ އެކު އިގްތިސާދު އެކީ ފުނޑުފުނޑުވެދާނެ އެވެ. އަނެއްބައި ބޭފުޅުން ވިދާޅުވަނީ މިއީ ހިފެހެއްޓުމެއް ނެތި ހިތުހުރި ގޮތަކަށް ހަރަދު ކުުރުމަށް މިނިސްޓަރަށް ދެވޭ "ބްލޭންކު ޗެކެއް" ކަމަށެވެ. އެކަމާ ފާޅުގައި ދެކޮޅު މެންބަރުންތަކެއް އެބަތިއްބެވި އެވެ.
މިއީ ސިޔާސީ ބޭބޭފުޅުންނަށް ސަރުކާރުގެ އަޅަން ވިސްނާފައިވާ މި ފިޔަވަޅު ތަރުޖަމާކުރެއްވުނު ގޮތެވެ. އެކަމަކު، އިގްތިސާދީ ނަޒަރިއްޔާއެއްގައި ސަރުކާރުން ކުރަން މި އުޅޭ ކަމަކީ ކޮބައި ހެއްޔެވެ؟ އެ ފިޔަވަޅުގެ ސަބަބުން އަހަރުމެން ދައްކަން ޖެހޭނެ އަގަކީ ކޮބައިހެއްޔެވެ؟ އަހަރުމެންނަށް އެ ނޫން ގޮތެއް އަޅެ އެބައޮތް ހެއްޔެވެ؟
ޕަބްލިކް ބޭންކް އެކައުންޓަކީ ކޮބާ؟ އޯވަޑްރޯ ކުރުމަކީ ކޮބާ؟
މިނިސްޓަރު އެދިވަޑައިގަންނަވަނީ ޕަބްލިކް ބޭންކް އެކައުންޓުން 4.4 ބިލިއަން ރުފިޔާ ނެގުމުގެ ފުރުސަތު އެއް އަހަރު ދުވަހަށް މަޖިލީހުން އެމަނިކުފާނަށް ދެއްވުމަށެވެ. މީގެ މާނައަކީ ކޮބައި ހެއްޔެވެ؟
މަރުކަޒީ ބޭންކު އެމްއެމްއޭއަކީ ދައުލަތުގެ ބޭންކެވެ. ދައުލަތަށް ވަންނަ އާމްދަނީ ޖަމާކުރަނީ މި ބޭންކުގައި ހުންނަ ދައުލަތުގެ ބޭންކް އެކައުންޓަށެވެ. ޕަބްލިކް ބޭންކް އެކައުންޓަކީ މި ދެންނެވި، ދައުލަތުގެ އާމްދަނީ ޖަމާވާ ސަރުކާރުގެ އެކައުންޓަށް ކިޔާ ނަމެކެވެ. ދައުލަތުގެ ހަރަދުތައް ކުރަނީ މި އެކައުންޓް މެދުވެރިކޮށެވެ. ދިމާވެގެން އުޅޭ ހާލަތަކީ އެ އެކައުންޓްގައި ފައިސާ ނެތް ވަރަށް ދައުލަތުން ހަރަދު ކުރަން ޖެހިފައި ވުމެވެ. އެއާ އެކު، އެމްއެމްއޭއިން ޖެހެނީ ސަރުކާރަށް އޯވާ ޑްރާފްޓް (އޯޑީ ފެސިލިޓީއެއް) ނޫނީ އެކައުންޓްގައި ފައިސާ ނެތް ނަމަވެސް، ބޭނުންވާ އަދަދަށް ފައިސާ ދޫކުރާށެވެ. އެއީ ދައުލަތުން، އެމްއެމްއޭއަށް ދަރާ ވިކުން ކަމަށް ބުނެވިދާނެ އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް އޮންނަނީ ޑެފިސިޓް ބަޖެޓެކެވެ. އަދި ދައުލަތުގެ ހަރަދުތައް ހަމަޖައްސަނީ އެމްއެމްއޭގައި އޮންނަ ދައުލަތުގެ އެކައުންޓް، ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރާ ފައިސާއަކުންނެވެ.
ޑރ. ފަޒީލް ނަޖީބު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ޑެފިސިޓް ބަޖެޓެއް އޮންނާތީ، އަހަރު ނިމޭއިރު ޕަބްލިކް ބޭންކް އެކައުންޓް އޮންނާނީ އޯވަޑްރޯ ކުރެވިފަ އެވެ. ހިފެހެއްޓުންތަކެއްގެ ތެރެއިން ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަކީ އެއީ އާދަޔާ ހިލާފު އާ ކަމެއް ނޫން ކަމަށް ޑރ. ފަޒީލް ވިދާޅުވި އެވެ.
ނޮވެމްބަރ 13، 2019: އެމްއެމްއޭގެ ގަވަރުނަރު ހާޝިމް މަޖިލީހުގެ ކޮމިޓީއެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"އެއީ ކޭޝްފްލޯ ހަމަޖެއްސުމަށް އާ ކަމެއް ނޫން ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަކީ. ޑެފިސިޓް ބަޖެޓެއް އޮންނަ ކަމަށްވަންޏާ އަހަރު ނިމޭއިރު އޯވަޑްރޯވެފައި އޮންނާނީ. އެއީ އެކައުންޓަށް ވަންނަ އެއްޗަކަށް ވުރެ ގިނަ ހަރަދު ކުރަން ޖެހެންޔާ އެކަންވޭ އޭގެ ޒާތުގައި ވެސް. އެކަމަކު މިފަހަރު މި އުޅެނީ އެ އޯވަޑްރޯ ކުރާ އަދަދު ވަރަށް ބޮޑުވެގެން. އަޅުގަނޑަށް ހީވަނީ އެއީހެން މި ކޮންސާންއަކީ،" ޑރ. ފަޒީލް ނަޖީބު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، އިގްތިސާދު މިހާރު އޮތް ހާލަތުގައި ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް، 13.23 ބިލިއަން ރުފިޔާ ސަރުކާރުން ހޯދަން ޖެހެ އެވެ. އެއީ ކުރިއަށް އޮތް ނުވަ މަސް ދުވަހަށް ބަލާ ނަމަ، މަހެއްގެ މައްޗަށް އެވްރެޖްކޮށް 1.5 ބިލިއަން ރުފިޔާ އެވެ.
ޑރ. ފަޒީލް ނަޖީބު ވިދާޅުވި ގޮތުގައި ކޮރޯނާވައިރަހާ އެކު ދުނިޔޭގެ އިގްތިސާދުވެސް ހުއްޓި މި އަންނަ ލޮޅުންތަކަކީ ދުނިޔޭގެ އެއްވެސް ބަޔަކު ކުރިން ލަފާކޮށްފައިވާ ކަންތައްތަކެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެއަށް ވުރެ މާ ބޮޑެތި ގައުމުތައް ވެސް އުޅެނީ ހަދާނެ ގޮތެއް ނޭނގިގެންނެވެ. އެއިރެއްގެ ހާލަތަށް ބަލައި ކުއްލި ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ.
އެގޮތުން މި ހާލަތުގައި ދުނިޔޭގެ އެކި ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުން ދައުލަތުގެ ބޭނުން ތަކަށް ސީދާ ފައިސާ އަންނަނީ ދޫކުރަމުންނެވެ. އަދި ރާއްޖެއަކީ އެގޮތަށް އަމަލު ކުރަން އުޅޭ ފުރަތަމަ ގައުމު ނޫން ކަމަށް ޑރ. ފަޒީލް ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުގެ މަރުކަޒީ ބޭންކް، ބޭންކް އޮފް އިންގްލޭންޑުން ވަނީ އެ ގައުމުގެ ސަރުކާރުގެ ހަރަދުތަކަށް ސީދާ ފައިސާ ދޫކުރުމަށް ނިންމައިފަ އެވެ.
އެގޮތުން، ވަޒީފާ ގެއްލޭ މީހުންނާއި އާންމު ގޭބިސީތަކާއި ވިޔަފާރިތަކަށް ދޭ އެހީގެ ފައިސާއަށް ސީދާ ބޭންކް އޮފް އިންގްލޭންޑުން ސަރުކާރަށް ފައިސާ ދޭނެ އެވެ. އެގޮތުން 20 ބިލިއަން ޕައުންޑް އިނގިރޭސި ސަރުކާރަށް ދޫކުރާނެކަމަށް ބޭންކް އޮފް އިންގްލޭންޑުން ހާމަކޮށްފައިވެ އެވެ. މިއީ، މިފަހުގެ ތާރީހެއްގައި ވެސް ބޭންކް އޮފް އިންގްލޭންޑުން ސީދާ ސަރުކާރަށް މިހާ ގިނަ އަދަދަކަށް ފައިސާ ޕަމްޕް ކުރާ ފުރަތަމަ ފަހަރެވެ.
ޑރ. ފަޒީލް ވިދާޅުވި ގޮތުގައި ރާއްޖެއަށް ވުރެ މާ ބޮޑެތި ދުނިޔޭގެ ބާރުތަކުން އެ ގޮތަށް އަމަލު ކުރަން މަޖުބޫރުވީ ރައްޔިތުން ބިކަވުމުން ސަލާމަތް ކުރަން އެ ނޫން ގޮތެއް ނެތިގެންނެވެ.
އިގްތިސާދެއް ހިންގަނީ ރައްޔިތުންނަށް ޓަކައި ކަމަށްވާއިރު ރައްޔިތުން ބިކަވުމަށް ދޫކޮށްލުމަކީ އެއްވެސް ދައުލަތަކުން ކުރާނެ ކަމެއް ނޫން ކަމަށް ފަޒީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިވަގުތު ދައުލަތުގެ ހަރަދުތައް ހަމަނުޖެއްސިއްޖެ ނަމަ ގައުމު ވެއްޓިގެން ދާނީ މާބޮޑެތި މައްސަލަތަކާއި ހަމަނުޖެހުންތަކުގެ ތެރެއަށް ކަމަށެވެ.
ދައުލަތެއް ހިންގުމަށް މަރުކަޒީ ބޭންކުން ދައުލަތުގެ ހަރަދުތަކަށް ފައިސާ ދޫކުރުން ނޫން، ކުރު މުއްދަތުގެ ހައްލެއް ނެތް ކަމަށް އޭނާ ދެކެވަޑައިގަންނަވަނީ އެ ސަބަބުތަކާ ހުރެ އެވެ. ގައުމެއްގެ ތެރޭ ލޯ އެންޑް އޯޑާ ހިފެހެއްޓުމަށް މިވަގުތު އެހެން ހައްލެއް ނެތީ އެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އެ އުސޫލަށް އަމަލު ކުރަން ފަށާފައި ވަނީ އެ ވިސްނުމުގެ ތެރެއިންނެވެ.
އޭނާ ވިދާޅުވީ އެހީދޭން ހުރި ގައުމުތައް ވެސް ތިބީ ވަރަށް ހާލުގަ އެވެ. އަދި އެހީއެއް ހޯދުމަކީ އެތައް މަސްތަކެއްގެ މަޝްވަރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ދުނިޔެ މިއަދު އޮތް ގޮތުން އެހީ ހޯދުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ.
އޭނާ އަދި ފާހަގަ ކުރެއްވި ގޮތުގައި، އެމްއެމްއޭއިން ފައިސާ ނެގި ނަމަވެސް، ކިތަންމެ ކުޑަ އެހީއެއް ނޫނީ ލޯނެއް ވެސް ލިބެން އޮތް ނަމަ އެ ފައިސާ ދެނީ ކޮންބައެއްކަން ނުބަލައި ބޭރުގެ އެހީތައް ދައުލަތަށް ހޯދުން މުހިންމެވެ. އޭރުން އެމްއެމްއޭއިން ދޫކުރާ ފައިސާއަށް ލުއި ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު މައްސަލައަކަށް ވަނީ މި ދަނޑިވަޅުގައި ރާއްޖެ ބޭނުން އަދަދަށް ފައިސާ ހޯދަން އުނދަގޫވުމެވެ. ސަރުކާރުން މިހާރު އަމާޒު ކުރަނީ ބޭރުގެ ފަރާތްތަކުން 223 މިލިއަން ޑޮލަރު ހޯދުމަށެވެ.

އޭޕްރީލް 24، 2020: މާލެ ލޮކްޑައުންގައި އޮތްއިރު އާންމުން ހިނގާފައި ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"މިސާލަކަށް އަޅުގަނޑުމެން ފައިނޭންޝަން ކްރައިސިސްގެ ދުވަސްވަރު 2014 ގައި އެންމެ 100 މިލިއަން ޑޮލަރު އެހީގެ ގޮތުގައި ބޭރުން ކޮމިޓްކޮށްގެން ނުލިބިގެން ވަރަށް ތާށިވި. ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ނެގި އެ ފައިސާ ރިއަލައިޒްވާން. އަދި މިހާރު މިއުޅެނީ އެއިރަށް ވުރެވެސް މާބޮޑު ކަންތައްގަނޑެއް ދިމާވެގެން. ގައުމުތައް އެހުރީ ލޮކްޑައުންގައި. ނޯމަލިސީއެއްގައި އެއްވެސް އިދާރާއެއް މަސައްކަތެއް ނުކުރޭ. އެހެން ވީމާ އެހީއެއް ހޯދުމަކީ ބޭރުން ބޮރޯކުރުމަކީ މިވަގުތަށް އަޅުގަނޑު ދަންނަވާނީ މިވަގުތަށް މުސްތަހީލު ކަމެކޭ،" ޑރ. ފަޒީލް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު މަޖިލީހަށް ފޮނުއްވި ކަރުދާހުގައި ވިދާޅުވެފައިވާ ގޮތުގައި ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް މިހާރުން މިހާރަށް ވެސް 4.2 ބިލިއަން ރުފިޔާ ބޭނުންވެ އެވެ. އެހެން ނޫން ނަމަ، ދައުލަތް ކޮށި އަރައި އާންމު ނިޒާމު ގެއްލިދާނެ ކަމުގެ އިޝާރާތް މިނިސްޓަރު ވަނީ ދެއްވައިފަ އެވެ. މިނިސްޓަރު ވިދާޅުވާ ގޮތުގައި މިވަގުތު ބޭރުގެ މާލީ ބާޒާރުގައި ރާއްޖެއިން ބޮންޑެއް ވިއްކައިގެން ފައިސާ ހޯދެން އޮތް ފުރުސަތުވެސް ކުޑަ އެވެ. ސަބަބަކަށް ވަނީ، ދުނިޔޭގެ މާލީ ބާޒާރުތައް ވެސް މިވަގުތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވުމެވެ.
"އަޅުގަނޑުގެ ނަޒަރުގައި ދައުލަތުގެ ހުރިހާ ގުނަވަންތަކަކުން ބަލަން ވީ ދައުލަތް ފަންގްޝަން ކުރަން މަގުފަހިކޮށްދޭން. ސެންޓްރަލް ބޭންކުން ވެސް އެ ފައިސާ ދެއްވަން ޖެހޭނެ. އެހެން ނޫނީ ކިހިނެތްތޯ ދައުލަތް ފަންގްޝަން ކުރާނީ. އޭރުން ދައުލަތެއްގެ ބޭނުން ކެޑިގެން ގޮސް، ކޮންމެ މީހަކު އަމިއްލައަށް ލޯ އެ މީހުންގެ އަތް މައްޗަށް ލައިގެން ނިކުމެ ބޮޑު ހަމަނުޖެހުމަކަށް ގައުމު ވެއްޓިދާނެ. އަޅުގަނޑުމެން ބަލަންވީ އިކޮނޮމިކް ޕްރިންސިޕަލްއެއް ހިފެހެއްޓުންތޯ ނޫނީ ގައުމުގެ މަސްލަހަތަށް މިވަގުތު ފިޔަވަޅު އަޅާފައި ފަހުން އަންނަ ކަންކަމާ އަޅުގަނޑުމެން ފޭސްކުރާނީތޯ؟ އެއީހެން މިއަދު އަޅުގަނޑުމެން ކުރިމަތީ މި އޮތް ސުވާލަކީ،" ޑރ. ފަޒީލް ނަޖީބު ވިދާޅުވި އެވެ.
އިތުރު ރުފިޔާ ނެރުމުން ދެންވާނީ ކިހިނެއް؟
މަޖިލީހުގެ ބައެއް މެންބަރުން، ސަރުކާރުން އަޅަން އުޅޭ ފިޔަވަޅު ސިފަ ކުރެއްވީ ދިވެހި ރުފިޔާ ޗާޕްކޮށް އިގްތިސާދުގެ ތެރެއަށް އޮއްސާލުން ކަމަށެވެ. ޓެކްނިކަލީ މިވަގުތުގައި ރުފިޔާ ޗާޕް ޖަހަނީ ނޫން ކަމަށް ވެދާނެ އެވެ. ސަބަބަކަށް ވަނީ، ކުއްލި ހާލަތަކަށް ބަލައި މަރުކަޒީ ބޭންކު އެމްއެމްއޭގައި ދިވެހި ރުފިޔާ ޗާޕްކޮށްގެން ގެނެސް ބަހައްޓާފައި އަބަދުވެސް ހުންނާތީ އެވެ. ފައިސާ ޗާޕް ކުރަނީތޯ ނޫންތޯ ބެލުން މިވަގުތަށް މުހިންމެއް ނޫނެވެ. ޗާޕް ކުރިއަސް ނުކުރިއަސް ކުރަން އުޅެނީ އެއްކަމެކެވެ.
ދައުރުވާ ދިވެހި ރުފިޔާގެ ތެރެއަށް އިތުރު ރުފިޔާ ޕަމްޕް ކުރުމެވެ. އިގްތިސާދީ ހީނަރުކަމުގެ ސަބަބުން އިގްތިސާދުގެ ތެރެއިން ގެއްލިގެން ދިޔަ ފައިސާގެ ބަދަލުގައި ސަރުކާރުން ފައިސާތަކެއް އިގްތިސާދަށް ޕަމްޕް ކުރަނީ އެވެ. މިއީ، މީހެއްގެ ގައިން ވަރުދޫވާން ފެށުމުން އައިވީ ދީގެން ގައިގާ ވަރު ޖެއްސުން ކަހަލަ ކަމެކެވެ.
ޑރ. ފަޒީލް ނަޖީބު ވިދާޅުވި ގޮތުގައި އިގްތިސާދީ ޕްރިންސިޕަލްގައި މަރުކަޒީ ބޭންކުން އެގޮތަށް ފައިސާ ނެރުމަކީ ކުރަން ބާރު އަޅާ ކަމެއް ނޫނެވެ. އޭގެ ސަބަބަކަށް ވަނީ އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ރާއްޖޭގައި ޑޮލަރު ފަހައި ރުފިޔާ ދުވަން ފެށުމުން ރުފިޔާގެ އަގު ވެއްޓި އިންފްލޭޝަން ނޫނީ ތަކެތީގެ އަގުތައް ބޮޑުވުމުގެ ހާލަތް ކުރިމަތިވެދާނެތީ އެވެ. މަނީ ސާކިއުލޭޝަންއަށް އިތުރަށް ފައިސާ ނެރުމަކީ އާންމު ހާލަތުގައި ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށް ޑރ. ފަޒީލް ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ.

އޭޕްރީލް 22، 2020: ބާޒާރު މަތީގައި މީހަކު ފިޔާބަސްތާތަކެއް ބާލުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެކަމަކު އޭނާ ވިދާޅުވީ، އާންމު ހާލަތް ބަދަލުވެ ހާއްސަ ހާލަތެއް ކުރިމަތިވެއްޖެ އެވެ. އޭނާގެ ވިދާޅުވި ގޮތުގައި މިވަގުތަށް މަނީ ސާކިއުލޭޝަން އިތުރު ކުރަން ޖެހެ އެވެ. އެހެން ނޫން ނަމަ، އަހަރުމެން ބަލާ ބަލާ ތިއްބާ ދެން އިގްތިސާދަށް ކުރިމަތިވާނެ ގެއްލުން މާބޮޑުވާނެ އެވެ. އެހެން ވީމާ މިއީ ދެ ނުބައި ތެރެއިން އެންމެ ކުޑަ ނުބައިގައި ހިފުމެވެ.
ޑރ. ފަޒީލްގެ ލަފާކުރެއްވުމަކީ، މިވަގުތު ޑޮލަރަށް ޑިމާންޑް ދަށްވެފައި ވުމުން، މަނީ ސާކިއުލޭޝަން އިތުރު ކުރި ނަމަވެސް، ދިވެހި ރުފިޔާގެ އަގު ދަށްވެ، ތަކެތީ އަގު ބޮޑުވުމުގެ މައްސަލަ ކުރިމަތިނުވާނެ ކަމެވެ. އެއީ އާންމު ހާލަތެއްގައި އިގްތިސާދު އޮންނައިރު ދިވެހި ރުފިޔާ ސާކިއުލޭޝަނަށް ނެރުމުން ދިމާވެދާނެ ހާލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ މީހުން ޑޮލަރަށް ޑިމާންޑް ކުރަނީ، ބޭރުން ތަކެތި އިމްޕޯޓް ކުރުމަށެވެ. އަދި ރާއްޖެއިން ބޭރަށް ދަތުރު ކުރުމަށާއި ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ އާއި ބިދޭސީ މަސައްކަތްތެރިން ބޭރަށް ފައިސާ ފޮނުވުމަށް ޑޮލަރަށް މީހުން ޑިމާންޑް ކުރެ އެވެ.
ޑރ. ފަޒީލް ވިދާޅުވި ގޮތުގައި އެ ހުރިހާ ޑިމާންޑެއް ވަނީ ގާތްގަނޑަކަށް މިހާރު ހުއްޓިފަ އެވެ. އަދި ތެޔޮ އަގުހެޔޮވުމާއި ރިސޯޓްތައް ހުއްޓިފައިވުމުން ރާއްޖެއިން އިމްޕޯޓަށް ކުރަން ޖެހޭ ހަރަދު ވަރަށް ބޮޑުތަން ވާނީ ކުޑަވެފަ އެވެ. އެހެންވެ، ކުރު މުއްދަތެއްގައި ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑުވެ ދިވެހި ރުފިޔާގެ އަގު ވެއްޓުމުގެ ހާލަތް މެދުވެރިވުމަކީ ދުރު ކަމެއް ކަމަށް އޭނާ ލަފާކުރައްވަ އެވެ.
"އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ ކުރު މުއްދަތެއްގައި ދިވެހި ރުފިޔާގެ އަގު ވެއްޓި ރުފިޔާ ޑިވެލިއުކުރަން ޖެހިދާނެއެކޭ. އެއީ އަދި ބުނަން ނޭނގޭ ކަމެއް. އަދި އެކަމާ ގުޅިގެން އިންފްލޭޝަން އުފުލޭނެ ވަރާ މި އެއްޗިހި މިއީ އަޅުގަނޑުމެން މުސްތަގުބަލުގައި ބަލަން ޖެހޭ ކަންކަން،" ފަޒީލް ވިދާޅުވި އެވެ. އެކަމަކު މިހާރު ޑިމާންޑް މިހުރި ގޮތަށްބަލާއިފައި އިގްތިސާދު އޯވަހީޓް ވެދާނެ ކަމަކަށް ނުބެލެވޭ،"
އެހެން ނަމަވެސް، ޑިމާންޑާ މުދާ ބާޒާރުގައި މަދުވެ، އުފެދޭ ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވި އިންފްލޭޝަން މައްޗަށް ދިޔުމަކީ، ދައުރުވާ ފައިސާ ސީދާ އިތުރުވުމާ އަދި ގުޅޭ މައްސަލައެއް ނޫނެވެ.
ސަރުކާރުން މުށްބާރު ކުރާނަމަ އިތުރަށް ބިކަވާނެ
ރާއްޖޭގެ އިގްތިސާދީ އިންޖީނު ހިންގާ އެންމެ ބޮޑު ހަރަދުވެެރިއަކީ، ދިވެހި ސަރުކާރެވެ. ގާތްގަނޑަކަށް 45،835 ވަޒީފާ އޮތީ ދައުލަތުގަ އެވެ. އެ މީހުންނަށް މުސާރަ އާއި އެލަވަންސްތަކަށް މި އަހަރު އެކަނިވެސް ހަރަދުކުރަން 8.68 ބިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެ އެވެ. އެއީ ރިކަރަންޓް ހަރަދުގެ ގާތްގަނޑަކަށް 48 ޕަސެންޓް ވަރުގެ އަދަދެކެވެ.
މިވަގުތު ދައުލަތުގެ ހަރަދު ކުޑަކުރާ ނަމަ ދެން ކުރެވެން އޮތް ކަމަކީ، ދައުލަތުގެ މުސާރަ ވެރިންގެ ސައިޒް ކުޑަކޮށްލުން ނުވަތަ މުސާރަތަކުން ބޮޑު ބައެއް އުނިކޮށްލުމެވެ. ސަބަބަކަށް ވަނީ، މިހާރުވެސް 37 ބިލިއަން ރުފިޔާގެ ބަޖެޓް ކޮށައި މަށައިގެން 30 ބިލިއަން ރުފިޔާއަށް ކުޑަކޮށްފައި ވާތީ އެވެ. ޕީއެސްއައިޕީގެ އާ މަޝްރޫއުތައް ފެށުން ވަނީ މިވަގުތަށް ހުއްޓާލައިފަ އެވެ. ސިޔާސީ މުވައްޒަފުންގެ މުސާރަތައް ވަނީ 20 ޕަސެންޓް ކުޑަކޮށްފަ އެވެ.
އިގްތިސާދެއް ހިނގަނީ އާންމު ރައްޔިތުންގެ ޖީބުތައް ތަނަވަސް ވެގެން އަންނަ މިންވަރަކަށެވެ. ފިހާރަތަކާއި ސައިހޮޓާތަކާއި އެހެނިހެން ވެސް ވިޔަފާރިތަކުން މީހުންނަށް އެއްޗިހި ގަނެ ވިޔަފާރިކުރެވެނީ، އެ މީހުންގެ އަތުގައި ފައިސާ ހުރެގެންނެވެ. ވިޔަފާރިތަކަށް ފައިދާވެ ދައުލަތަށް ޓެކްސް ދެއްކެނީ އާންމުން އެތަންތަނުން ވިޔަފާރި ކުރީމަ އެވެ.
ޑރ. ފަޒީލް ވިދާޅުވި ގޮތުގައި މިހާރު ވެސް ޓޫރިޒަމް ސެކްޓަރުން ގިނަ ވަޒީފާތަކެއް ގެއްލިފައިވާ އިރު، އޭގެ ނޭދެވޭ އަސަރު އިގްތިސާދަށް ވަރަށް ބޮޑުވާނެ އެވެ. އެތައް އާންމުންނެއް ބިކަވާނެ އެވެ. ވިޔަފާރިތަކުގެ އާމްދަނީ އެކަމުން ދަށްވާނެ އެވެ. އިގްތިސާދުގައި ތަކެއްޗާއި ހިދުމަތަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އޮންނާނީ މިހާރުވެސް ވެއްޓިފަ އެވެ.
އެހެންވެ، މިވަގުތު ދައުލަތުގެ މުވައްޒަފުންގެ ސައިޒް ކުޑަކޮށްލުމާއި ސިވިލްސާވެންޓުންގެ މުސާރަތައް ކުޑަކޮށްލުން ފަދަ ކަންކަން އެއީ ކުރެވިދާނެ ނަމަވެސް ކުރަން ވަރަށް އުނދަގޫ އަދި އޭގެ ސަބަބުން އިގްތިސާދަށް އިތުރު ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިގްތިސާދު ކިރިއާވެސް ދިރިދިރި އޮތުމަށް ސަރުކާރަށް މިވަގުތު ހަރަދުތައް ކުރުން މުހިންމުވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިވަގުތު އިގްތިސާދަށް ކިރިޔާވެސް އެހީއެއް ވެދެވޭނެ ހަމައެކަނި ބަޔަކީ ސަރުކާރުކަން ވެސް ޑރ. ފަޒީލް ފާހަގަ ކުރެއްވި އެވެ.

މާލެ-ތިލަފުށި ބްރިޖުގެ ސާވޭއަށް ބޭނުންވާ މެޝިންތަކެއް ގެނެއުން - ސަން ފޮޓޯ/ އަހްމަދު ސައީދު
"މިސާލަކަށް މިހާރުވެސް ޕީއެސްއައިޕީ އާ މަޝްރޫއެއް ނުފަށާ ގޮތަށް މި އޮތީ. އެ ފައިސާ އަކީވެސް ހަމަ ދިވެހި ކުންފުނިތަކަށް ގޮސްގެން އެ ފައިސާއިން އެ މީހުންގެ މުވައްޒަފުންގެ މުސާރަދީ އިގްތިސާދުގައި ދައުރުވާން ހުންނަ ފައިސާ. އެކަމަކު އެވެސް މިވަގުތަށް އެ މަޑުކޮށްލަން ޖެހުނީ. ދެން އަނެއްކާ އެހެން އޮއްވާ ސިވިލްސާވެންޓުންގެ މުސާރަ ކުޑަކޮށްފި ނަމަ، އެތައް ރައްޔިތުންނަކަށް އަސަރުކޮށް ވިޔަފާރީގެ ހަރަކާތްތަަކަށް މަޑު ޖެހުން އައުން އެކަށީގެންވޭ. ޑިމާންޑެއް ނެތިއްޔާ އިގްތިސާދު ހިނގައެއް ނުގަންނާނެ. މީހުން އަތުގައި ފައިސާއެއް ނެތިއްޔާ ޑިމާންޑެއް ނުއުފެދޭނެ. އެހެންވީމާ މިވަގުތު ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރުން އުނދަގޫ ކަމަކަށްވާނެ،" ޑރ. ފަޒީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިވަގުތު އިގްތިސާދަށް ކިރިޔާވެސް ދިރުމެއް ގެނެވެން އޮތީ، ސަރުކާރަށް ކަމަށެވެ. ސަބަބަކަށް ވަނީ، ޓޫރިޒަމް ސިނާއަތް އެކީ ހުއްޓިފައިވުމެވެ. އަދި އެ ސިނާއަތް ފެށޭނެ ދުވަހެއް ވެސް ނޭނގުމެވެ.
އެހެންވެ، އިގްތިސާދުގެ ސޯބުތައް އެކީ ނުހުއްޓި އެނބުރި އެނބުރި ހުރުމަށް ސަރުކާރުގެ ހަރަދުކުރުން މިވަގުތަށް ހުއްޓާލުން އެހާ ބުއްދިވެރި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބަކަށް ވަނީ ޕްރައިވެޓް ސެކްޓާވެސް މިވަގުތު ހިނގައިގަނެވެން އޮތީ ސަރުކާރުން އެހީ ދީގެން ކަމަށްވާތީ އެވެ. އަދި އާންމު ރައްޔިތު މީހާވެސް ހުރީ ދައުލަތުގެ އެހީއަކަށް ބަލަބަލަ އެވެ. އެހެންވެ، އާންމު ރައްޔިތު މީހާއަށް ވެސް ސީދާ މާލީ އިނާޔަތެއް ދޭން ޖެހޭކަން ވެސް ޑރ. ފަޒީލް ފާހަގަ ކުރެއްވި އެވެ. އެގޮތުން، ގޭބިސީތަކަށް ފައިސާގެ އެލަވަންސެއް ދިނުމަށް އޭނާ ތާއީދު ކުރައްވަ އެވެ.
ޑރ. ފަޒީލް ވެސް ގަބޫލު ކުރައްވަނީ ދެމެހެއްޓެނިވި އިގްތިސާދަކަށް ޕްރައިވެޓް ސެކްޓާ ބާރުވެރިކުރުވުމާއި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ސަރުކާރުން ސިޔާސަތުތައް އެކުލަވާލަން ޖެހޭ ކަމަށެވެ. އެކަމަކު އެއީ ދިގު ރާސްތާއަށް ރާވާފައި ހުންނަން ޖެހޭ ރޭވުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިވަގުތުވެސް ހަރަދު ކުރުމުގައި ސަރުކާރުން ޓްރާންސްޕޭރަންޓް ވާން ޖެހޭކަން ޑރ. ފަޒީލް ވެސް ފާހަގަ ކުރެއްވި އެވެ. ހާއްސަކޮށް އެމްއެމްއޭއިން ދޫކުރާ ފައިސާއިން ހަރަދުކުރެވޭ ގޮތުގެ ތަފްސީލް މަޖިލީހާއި އެމްއެމްއޭއާ ހިއްސާކުރުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަޖިލީހުގެ މެންބަރުން ފާހަގަ ކުރައްވާ ވަރަށް ރަނގަޅު ކަންބޮޑުވުމެއް އެބަ އޮތް. އެމްއެމްއޭއިން މިގޮތަށް ފައިސާ ދީގެން ސަރުކާރުން ހަރަދުކުރާއިރު އެ ހަރަދު ކުރާ ކަންކަން އެބަ ޖެހޭ އެނގެން. އެ ތަފްސީލަކީ އެނގެން ޖެހޭ އެއްޗެއް. މިވަގުތަށް ކޮންމެހެން ކުރަން ޖެހޭ ކަންކަމަށްކަން ހަރަދު ކުރާކަން އެ ޔަގީންކަން އެބަޖެހޭ ހުރިހާ އެންމެންނަށް އޮންނަން. އެ ޓްރަސްޓް އުފެއްދޭނީ މި ތަފްސީލްތައް މަޖިލީހަށް ވެސް ހާމަކުރައްވައިގެން. އެހެން ވީމާ ފިނޭންސް މިނިސްޓަރު އެ ތަފްސީލް އެމްއެމްއޭ އާއި މަޖިލީހާ ހިއްސާ ކުރައްވަން ޖެހޭ،" ޑރ. ފަޒީލް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދު މިހާރު އޮތް ހާލަތު ފިނޭންސް މިނިސްޓަރު ސިފަކުރެއްވީ އިގްތިސާދު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އިގްތިސާދު ވެންޓިލޭޓަރުން ނެރުމަށް ކޮންމެވެސް ވަރެއްގެ ދޫދިނުން ތަކެއް މިހާރު އޮތް ލޮކްޑައުންއަށް އަންނަން ޖެހެ އެވެ. އެހެން ނޫނީ އިގްތިސާދީ ހަރަކާތްތައް ހުއްޓި ގިނަ ދުވަސްވެ، ރާއްޖޭގެ އިގްތިސާދު އެކީ މަރުވެދާނެ ކަމުގެ ބިރު އެބަ އޮތެވެ. އިގްތިސާދީ ބޭފުޅުންގެ ވިސްނުމުގައި ވެސް، މިހާ ގިނަ ދުވަސް ވާނަމަ، ރާއްޖެ ދައްކަން ޖެހޭ އަގު ވަރަށް ބޮޑުވެދާނެ އެވެ.
"އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް ސިއްހީ ބޭފުޅުން ވެސް ވީހާވެސް ބޮޑަކަށް ސިކުނޑިތައް ގާނުއްވައިގެން ނެރުއްވަން ކޮންމެވެސް ހައްލެއް މީހުންނަށް ހެލިފެލިވެ އުޅެ އެތެރޭގެ ވިޔަފާރިތައް ހިންގޭނެ ގޮތެއް ހޯދުން. އެއީ މީހުންނަށް ބޭރަށްވެސް ނިކުމެވިގެން މި އިގްތިސާދެއް ހިނގާނީވެސް،" ޑރ. ފަޒީލް ވިދާޅުވި އެވެ.
އިގްތިސާދު ނުހުއްޓި ހިނގައިގަތުމަށް މި ބަލިމަޑުކަމުގެ ތެރެއިން އަރައިގަނެވޭނެ ގޮތްތަކެއް ހޯދަން ޖެހެ އެވެ. އެކަން ކުރެވެން އޮތީ ސަރުކާރުން ވެސް ހަރަދުތަކެއް ކޮށްގެންނެވެ. އެ ހަރަދުތައް ކުރަން ބޭރު ބަޔަކު ފައިސާކޮޅެއް ދިއްކޮށްލަންދެން މަޑުކުރާނީ ހެއްޔެވެ؟ ނޫނީ މިވަގުތަށް އެތެރޭގެ ހައްލުތަކެއް ހޯދާނީ ހެއްޔެވެ؟ އެ ހައްލަކީ މަރުކަޒީ ބޭންކުން ސަރުކާރަށް ފައިސާ ދިނުމެވެ. އެ ނޫން ގޮތެއް އަހަރުމެންނަކަށް އަދި ނެތެވެ.