26 Apr 2020, 07:40
ކޮރޯނާވައިރަހުގެ އެންމެ ގިނަ އަދަދަކަށް ކޭސްތަކެއް ފެނުމަށް ނުވަތަ ޕީކްއަކަށް އަރާނެ ކަމަށް ބެލެެވެނީ މިހާރު ތަންފީޒު ކުރަމުންދާ ލޮކްޑައުން އުވާލުމުން ކަމަށް ލަފާކުރައްވާ ކަމަށް އެޗްޕީއޭގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
މާލެއިން އެންމެ ފުރަތަމަ މި މަހު 15 ވަނަ ދުވަހު ފެނުނު ކޭސްއާއެކު މާލެ ސަރައްހަދު ވަނީ ލޮކްޑައުންކަށް ގެނެސްފަ އެވެ. މި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ނިމޭނީ، މިމަހު 30 ވަނަ ދުވަހަށެވެ. އެހެން ނަމަވެސް، އެ މުއްދަތު އިތުރު ކުރަން ޖެހޭނެ ކަމުގެ އިޝާރާތް ހެލްތް މިނިސްޓަރު ވަނީ ދެއްވައިފަ އެވެ.
ދަރުބާރުގޭ، އެންއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ، ލޮކްޑައުން ހާލަތުގައި ހަގީގީ ޕީކްއަކަށް އެރުމުގެ ފުރުސަތު ވަރަށް ކުޑަ ވާނެ ކަމަށެވެ.
"ހަގީގަތުގައި ޕީކްއަކަށް މި ދެވެނީ، ލޮކްޑައުންގައި އަޅުގަނޑުމެން ނަގާ ސޭފްޓީ މޭޝާސްތަކާއި ބޭނުންވާ އަންނޯން ހުރިހާ ފޯކަސްތައް އައިޑެންޓިފައި ކުުރުމަށްފަހު، ގައުމެއް ލޮކްޑައުން ސްޓޭޓަސް އިން ނެރުމަށްފަހު، ހަގީގަތުގައި ދެން ޓްރޫ ޕީކްއަކަށް އަންނާނީ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ: ހަގީގީ ޕީކްއަކަށް އަރާނީ ލޮކްޑައުންއަށް ފަހު ކަމަށް ވިދާޅުވި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
އަފްޒަލް ވިދާޅުވީ، ލޮކްޑައުންއަށް ފަހު އަންނަ އެ ޕީކްއަކީ، އެއް ފަހަރާ ގިނަ ކޭސްތަކެއް އައުން ނުވަތަ، "ރެޑިއުސް ޕީކް" ނޫނީ މަދު ކޭސްތަކެއް ފެންނަ ޕީކްއަކަށްވެސް ވެދާނެ ކަމަށެވެ.
"އެ ވެދާނެ ގުދު ފަތި ކުރުން [ނުވަތަ] ކާވް ފްލެޓަން ކުރުން ކަމަށްވެސް. އެ ކާވް ފްލެޓަން ވެގެން ގޮސްދާނެ އަޅުގަނޑުމެން އަޅާފައިވާ ފިޔަވަޅުތަކަށް ބަލާފައި. އެހެން ނަމަވެސް އެ ޕީކް، ޓްރޫ ޕީކްކަށް ދިޔުމުގެ ފުރުސަތު ކުޑަވާނެ، ލޮކްޑައުން ހާލަތުގައި. އެހެންވީމަ ލޮކްޑައުން ދިޔައިމަ އަޅުގަނޑުމެންގެ ރާސްތާ ފެށޭނީވެސް،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
ދެން އޮތީ މި ވައިރަހާ އެކު އުޅުމަށް ފިޓްވުން: ޑރ. އަފްޒަލް

ނޫސްވެރިންގެ ބައްދަލުވުުގައި ޑރ. އަފްޒަލް ވާހަކަ ދަައްކަވަނީ: ކޮވިޑާއެކު ދިރިއުޅެން ދަސް ކުރަން ޖެހޭ ކަމަށް މިރޭވެސް އަފްޒަލް ވިދާޅުވި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
މުޅި ރާއްޖެ އަބަދަކު ލޮކްޑައުންގައި ނުބޭއްވޭނެ ކަމަށް ޑރ. އަފްޒަލް މިރޭވެސް ތަކުރާރުކޮށް ވިދާޅުވި އެވެ. ލޮކްޑައުން ނެގުމާއެކު، މި ވައިރަހާ އެކު ދިރިއުޅެން ދަސްކޮށް، ދިރިއުޅުމުގެ ވައްޓަފާޅިވެސް އެގޮތަށް ބަދަލު ކުރަން ޖެހޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
"އެހެންވީމަ މިހާރުއްސުރެ މެންޓަލީ އެބަ ޖެހޭ ތައްޔާރުވާން. އެއީ ކުރިއަށް އޮތީ ކޮވިޑާއެކު ދިރިއުޅުން. އެއީ ކޮވިޑް އޮތްތަނެއްގައި ދިރިއުޅެން ޖެހޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެންނަން ޖެހޭނެ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
އެ ހާލަތުގައި ކުރަން ޖެހޭ ކަންކަމުގެ މައްޗަށްވެސް ޑރ. އަލިއަޅުވާލިއެވެ. އެގޮތުން ބައްދަލުވާ މީހުން މަދުކޮށް، ކޮންމެގެން ދާނެ ޖެހޭ ތަންތަނަށް ފިޔަވާ އެހެން ތަންތަނަށް ދިޔުން ހުއްޓަލުމަށް ޑރ. އިލްތިމާސް ކުރެއްވި އެވެ. އަދި ކިރިޔާވެސް ވައިރަހުގެ އަލާމާތެއް ފެންނަ ނަމަ، ގޭގައި މަޑުކޮށް އެކަން އަވަހަށް ރިޕޯޓު ކުރަން ޖެހޭނެ ކަށާއި، މުސްތަގުބަލުގައި އެފަދަ މީހުން ހޯމް ކަރަންޓީން ނުވަތަ ގޭގައި އެކަހެރިވުމަށް ވެސް ތައްޔާރުވުމަށް ޑރ. އަފްޒަލް އެދިވަޑައިގެންވި އެވެ.
ރާއްޖޭގައި ކޮމިޔުނިޓީ ސްޕްރެޑެއް ހުރިކަން މި މަހުގެ 15ގައި ހާމަވީ ފަހުން، މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 177އަށް ވަނީ އަރައިފަ އެވެ. މިއަދު އެކަނި ބަލި ޖެހިފައިވާ 36 މީހަކު ވަނީ ފެނިފަ އެވެ. އެއީ މިހާތަނަށް އެއް ދުވަހެއްގައި މިހާ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވީ ފަހަރެވެ.
މާލެ ލޮކްޑައުން ކުރުމުގެ އިތުރުން ޒަރޫރީ ބޭނުމެއް ނެތި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުންވެސް ވަނީ މަނާކޮށްފަ އެވެ. އަދި ރަށްތަކުގައި އާންމު އެއްވުންތަކާއި ދަތުރު ދިޔުން ފަދަ ކަންކަންވެސް ވަނީ މަނާކޮށްފަ އެވެ.
ރާއްޖެއިން މި ވައިރަސް ޖެހިގެން ރަނގަޅުވި މީހުންގެ އަދަދަކީ، 17 އެވެ. އޭގެ ތެރޭގައި ހިމެނެނީ، 13 ބިދޭސީންނާއި ހަތަރު ދިވެހިންނެވެ.