އޯވާޑްރާފްޓް ކުރުން ފިޔަވައި އިތުރު ގޮތެއް ސަރުކާރަށް މިވަގުތު ނެތް ކަަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ކޮރޯނާވައިރަހާ ގުޅިގެން އިގްތިސާދަށް ލޮޅުން އަރައި ސަރުކާރުގެ ހިންގުން ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންވާ 4.2 ބިލިއަން ރުފިޔާ ދޫކުރުމުގެ ހުއްދައަށް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ މަޖިލީހުން އެދިފައެވެ.

ނަމަވެސް އެކަމާ ގުޅޭގޮތުން މަޖިލިސްގެ މެމްބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފައެވެ.

އެކަމާ ގުޅޭގޮތުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒމް ވިދާޅުވީ އެމްއެމްއޭއިން އަނބުރާ ދެއްކޭނެގޮތެއް ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އެގޮތަށް އަމަލުކުރުމުން ރާއްޖޭގެ އިގްތިސާދަށް ފަހުން ވާނެގޮތެއްވެސް މިހާރު ކޮންމެހެން އެނގެން ޖެހޭ ކަމަށެވެ.

އެމްއެމްއޭ މެދުވެރިކޮށް ނަގާ ފައިސާއަކީ ފައިސާ ޗާޕްކުރަންދޭ ހުއްދައެއް ކަމަށް ބައެއް މެމްބަރުން ވިދާޅުވިޔަސް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ޕަބްލިކް އެކައުންޓް އޯވަޑްރޯ (އޯޑީ) ކުރުމަކީ، ފައިސާ ޗާޕް ޖެހުން ނޫން ކަމަށާއި އެކަމަށް އެދުމަކީ ބްލޭންކް ޗެކެއް ހޯދުމަށް އެދުން ކަމަށް ނުބެލެވޭނެ ކަމަށެވެ.


އެކަމާ ގުޅޭގޮތުން މެމްބަރު އުޝާމް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕަބްލިކް ބޭންކް އެކައުންޓުން 4.4 ބިލިއަން އޯވަރޑްރޯ ކުރުމުގެ ހުއްދައަކަށް ސަރުކާރުން އެދޭނީ އިގްތިސާދީ ހާލަތު ވަރަށް ގޯސްވީމަކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.

" މިއީ ސަރުކާރަށް އެހީތެރިވާންވީ ވަގުތު. އޯވަރޑްރޯކުރުން ފިޔަވައި މިވަގުތު ސަރުކާރަށްވެސް އިތުރު އޮޕްޝަންތަކެއް ހުރިކަމަކަށް ނުފެނޭ." އުޝާމްގެ ޓުވީޓުގައި ވެއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އައިސް މިހާރު ވަނީ ވެންޓިލޭޓަރުގެ އެހީ ބޭނުންވެފައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފޮނުއްވާފައިވާ ސިޓީގައި އެދިވަޑައިގަތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ބ) އަދި (ރ) އަށް އަމަލު ކުރުން އެއް އަރަހަށް ފަސް ކުރުމަށް މަޖިލީހުން ފާސް ކުރުމަށެވެ. އެގޮތަށް ފަސްކޮށް ދިނުމަށް އެދޭ ސަބަބެއް ކަމަށް ސިޓީގައި ބުނެފަނީ މިވަގުތަކީ އެ ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ބުނާ ގުދުރަތީ ކާރިސާއެއް މެދުވެރިވެފައިވާ ހާލަތަކަށް ވާތީ އެވެ.

އަމަލުކުރުން ފަސްކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އެދިވަޑައިގެން 32 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ދައުލަތުގެ މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ފައިސާ ނެގޭނީވެސް ވޭތުވެދިޔަ ތިން އަހަރު ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށްވެސް އެ މާއްދާގައި ވަނީ ބުނެފަ އެވެ.