ބ. ގޮއިދޫގައި މޫނު ނިވާ ކޮށްގެން ތިބި މީހުންގެ ގުރޫޕަކުން ގޮސް ބަންގުލަދޭޝް މީހަކަށް ހަމަލާދީ ޒަޚަމްކޮށްލުމާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށް އަނިޔާވި ބަންގުލަދޭޝް މީހާ އަށް ފަރުވާ ދިނުމަށް މާލެ ގެނެސްފި އެވެ.

ގޮއިދޫ ކައުންސިލްގެ އިދާރާ އިން ބުނީ ރޭ މެންދަމު ޒަޚަމްކޮށްލި ބަންގުލަދޭޝް މީހާގެ އަތުގެ ދެ ތަނަކުން ބިނދިފައިވާ އިރު ބޮލުގެ އަށް ތަނެއް ޒަޚަމްކޮށްލާފައިވާ ކަމަށެވެ. އަދި ބަންގުލަދޭޝް މީހާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ބ. އަތޮޅު ހޮސްޕިޓަލާ ހަވާލާދީ ގޮއިދޫ ކައުންސިލުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ވެސް ބަންގުލަދޭޝް މީހާގެ ބުރަކަށިން ވެސް ތަން ތަންމަށައިގެން ގޮސް ޒަޚަމްވެފައިވާ ކަމަށްވެ އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ އިރު އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުއްޖަކު ހިމެނޭ ކަމަށެވެ.

ގޮއިދޫން ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ އެމްޓީސީސީގެ ބަނދަރު ހަދާ ސައިޓްގައި ސެކިއުރިޓީ އަކަށް ހުރި ބަންގުލަދޭޝް މީހާ އަށް އެ ރަށު ބަޔަކު ހަމަލާދިނީ، އެ ރަށު މީހެއްގެ އަންބެއްގެ އަތުގައި އެ ބަނގުލާދޭޝް މީހާ ހިފުމުން ކަމަށެވެ. އަދި އެ އަންހެން މީހާގެ ފިރިމީހާ ރަށު ނުހުންނަ ވަގުތުތަކުގައި ބަންގުލަދޭޝް މީހާ އާއި އެ އަންހެން ކުއްޖާއާ ދެ މީހުން ވަރަށް ގިނައިން ސަކަރާތްޖަހައި މަޖާކުރަން ތިބޭތަން ފެންނަ ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ރާއްޖޭގެ އާބާދީގައި ދިރިއުޅޭ ބިދޭސީންނާމެދު ވެސް ވިސްނައި އެމީހުންނާއެކު އުޅެވޭނެ ގޮތްތަކެއް ދިވެހިން ހޯދަންޖެހިފައިވާ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ވަދިޅުވެފަ އެވެ.