25 Apr 2020, 22:17
މާލެއިން ފުރައިގެން ދަތުރުކުރި އަމާޒު ބޯޓުގެ ކައްޕި ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ބޯޓު ދަތުރުކުރި މީހުން ހިމެނޭ ރަށްތަކާއެކު 13 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އުމުރުން 49 އަހަރުގެ އަމާޒު ބޯޓުގެ ކައްޕި (ކޭސް133) ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ކަން އެނގިގެން ދިޔައީ މިއަދުއެވެ. މާލެ ލޮކްޑައުނަށް ދިޔަ ދުވަސް ކަމުގައިވާ މިމަހުގެ 15 ވަނަ ދުވަހު އެ ބޯޓު ވަނީ މާލެއިން ފުރައިގެން ގޮސްފައެވެ.
ދަރުބާރުގޭ، އެންއައިއޯސީގައި ބޭއްވި މިރޭ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވީ، މިހާތަނަށް ލިބުނު މައުލޫމަތުތަކުން 13 ރަށެެއްގައި އެ ބޯޓުން ދަތުރު ކުރި މީހުން އެބަތިބި ކަމަށެވެ. އެގޮތުން ނ. އަތޮޅުން ހަ ރަށަކާއި، ށ. އަތޮޅުން ހަތަރު ރަށަކާއި، ހއ. އަތޮޅުގެ ދެ ރަށް ހިމެނޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
"މި ކޭސްއާ ގުޅިގެން އިތުރު ކްލާސްޓާތަކެއް ފެނިދާނެ ކަމުގެ ބިރުއެބައޮތް. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރުވެސް ވަރަށް ގަދައަށް އެބަ ކުރިއަށްދޭ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
އަމާޒު ބޯޓު ކެޕްޓަންގެ ކޭސްއާ ގުޅިގެން މޮނީޓަރިންއަށް ގެނައި 13 ރަށް:
ނ. މާފަރު
ނ. ހެނބަދޫ
ނ. މިލަނދޫ
ނ. ވެލިދޫ
ނ. ކެދިކުޅުދޫ
ނ. ހޮޅުދޫ
ށ. ނަރުދޫ
ށ. ފުނަދޫ
ށ. މިލަންދޫ
ށ. ފީވައް
ށ. މާއުނގޫދޫ
ހއ. ދިއްދޫ
އހ. އުތީމު
ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި މިމަހު 15 އަދި 16 ވަނަ ދުވަހު އެ ބޯޓުން 98 މީހަކު ދަތުރުކުރިއެވެ. އަދި މިހާތަނަށް ކޮންޓެކްޓް ޓްރޭސިން އިން ދެނެގަނެވިފައި ވަނީ 51 މީހަކު ކަމަށް އޭނާ ވިދާޅުވިއެވެ. އެ މީހުންގެ ތެރެއިން ފަސް މީހެއްގެ ފަރާތުން ވައިރަހުގެ އަލާމަތްތައް ފެންނަ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވަނީ 15 ވަނަ ދުވަހު އެ ބޯޓުން ދަތުރުކުރި އެންމެން އެޗްޕީއޭ އަށް ރިޕޯޓުކުރުމަށްވެސް އެދިވަޑައިގެންފައެވެ.
މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ، 141 އެވެ. އޭގެ ތެރެއިން ވޭތުވެދިޔަ 24 ގަޑިއިރު، 12 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. ރާއްޖޭގައި ވައިރަހުން ރަނގަޅުވި މީހުންގެ އަދަދަކީ، 17 އެވެ.
ނޯޓު: ރިޕޯޓު ކުރައްވަނީ ފޯނުން ނަމަ އެޗްޕީއޭގެ ހޮޓްލައިން 1678، އަދި އީމެލް އިން ނަމަ،[email protected]އެވެ. އަދި ރާއްޖޭގެ ރަށަކުންނަމަ އެރަށެއްގައި ހުންނަ ސިއްހީ ޚިދުމަތްދޭ ތަނަކަށް ވެސް އެންގިދާނެއެވެ.