25 Apr 2020, 22:04
ށ އަތޮޅާއި ނ އަތޮޅު އަދި ހއ. އަތޮޅުގެ ބައެއް ރަށްރަށަށް މީހުން ގޮވައިގެން ދަތުރުކުރި އަމާޒު ބޯޓުން މިމަހުގެ 15 ވަނަ ދުވަހު ދަތުރު ކުރި ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ރިޕޯޓު ކުރަން އެދިއްޖެ އެވެ.
އަމާޒު ބޯޓުގެ ކޭޕްޓަން އުމުރުން 49 އަހަރު (ކޭސް133) މިއަދު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައެވެ. މާލެ ލޮކްޑައުނަށް ދިޔުމުގެ ކުރިން އެ ބޯޓުން ވަނީ މާލެއި ފުރައިގެން ގޮސްފައެވެ.
ދަރުބާރުގޭ، އެންއައިއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑޮކްޓަރު އިބްރާޙިމް އަފްޒަލް ވިދާޅުވީ، މިމަހު 15 އަދި 16 ވަނަ ދުވަހު އެ ބޯޓުން 98 މީހަކު ދަތުރުކުރި ކަމަށެވެ. އަދި ބޯޓުގެ ކެޕްޓަންގެ ކޮންޓެކްޓް ޓްރޭސިން އިން 51 މީހަކު ދެނެގަނެވިފައިވާ ކަމަށް ޑރ. އަފްޒަލް ވިފާޅުވިއެވެ. އެ މީހުންގެ ތެރެއިން ފަސް މީހެއްގެ ފަރާތުން ވައިރަހުގެ އަލާމަތްތައް ފެންނަ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.މު
"އެޕްރީލް 15 ވަނަ ދުވަހު 3:00 އިން [މާލެއިން] އަމާޒު ބޯޓުން ފުރި މީހުންގެ ތެރެއިން އަޅުގަނޑުމެންގެ ކޮންޓެކްޓް ޓްރޭސިންއަށް ނުުފެނިވެސް މީހުން ތިބޭނެ. އަޅުގަނޑުމެންގެ އެދުމެއް އެއީ އެމީހުން އެޗްޕީއޭގެ ހޮޓްލައިނަށް ގުޅައިގެން ކޮންޓެކްޓް ޓްރޭސިންއަށް އެ މައުލޫމަތު ދިނުން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
"މި ކޭސްއާ ގުޅިގެން އިތުރު ކްލާސްޓާތަކެއް ފެނިދާނެ ކަމުގެ ބިރުއެބައޮތް. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރުވެސް ވަރަށް ގަދައަށް އެބަ ކުރިއަށްދޭ،"
އަފްޒަލް ވިދާޅުވީ، މިހާތަނަށް ލިބުނު މައުލޫމަތުތަކުން 13 ރަށެެއްގައި އެ ބޯޓުން ދަތުރު ކުރި މީހުން އެބަތިބި ކަމަށެވެ. އެގޮތުން ނ. އަތޮޅުން ހަ ރަށަކާއި، ށ. އަތޮޅުން ހަތަރު ރަށަކާއި، ހއ. އިން ދެ ރަށް ހިމެނޭ ކަމަށް ޑރ. ވިދާޅުވިއެވެ.
"މި ބޯޓުން ދަތުރުކޮށްފައިވާ ތަންތަނުގެ ލިސްޓަކީ، މިހާތަނަށް ލިބުނު މައުލޫމާތުން ނ. އަތޮޅުން، މާފަރު، ހެނބަދޫ، މިލަނދޫ، ވެލިދޫ، ކެދިކުޅުދޫ އަދި ހޮޅުދޫ. ށ އަތޮޅަށްވެސް މި ބޯޓު ދަތުރުކޮށްފައިވޭ. ށ. އަތޮޅުން މި ބޯޓުގައި ދަތުރު ކުރި މީހުން އެބަވޭ، ނަރުދޫ، ފުނަދޫ، ފީވައް، މިލަންދޫ، މާއުނގޫދޫ އަދި ހއ. ދިއްދޫ އާއި އުތީމުގައިވެސް [ބޯޓުން ދަތުރު ކުރި] މީހުން އެބެވޭ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
މި ރަށްތައް މިހާރު ވަނީ އަރާފޭބުން މަނާކޮށް، މޮނީޓަރިންގެ ހާލަތައް ގެނެސްފައެވެ. މި 13 ރަށުގެ އިތުރުން އެހެން ކޭސްތަކާ ގުޅިގެން މިހާރުވެސް މާލެ ސިޓީއާއެކު އިތުރު އަށް ރަށަކަށް ވަނީ އަރާފޭބުން މަނާކޮށްފައެވެ.
މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ، 141 އެވެ. އޭގެ ތެރެއިން ވޭތުވެދިޔަ 24 ގަޑިއިރު، 12 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. ރާއްޖޭގައި ވައިރަހުން ރަނގަޅުވި މީހުންގެ އަދަދަކީ، 17 އެވެ.
ނޯޓު: ރިޕޯޓު ކުރައްވަނީ ފޯނުން ނަމަ އެޗްޕީއޭގެ ހޮޓްލައިން 1678، އަދި އީމެލް އިން ނަމަ،[email protected]އެވެ. އަދި ރާއްޖޭގެ ރަށަކުންނަމަ އެރަށެއްގައި ހުންނަ ސިއްހީ ޚިދުމަތްދޭ ތަނަކަށް ވެސް އެންގިދާނެއެވެ.