20 Dec 2011, 14:55
ހއ. ބާރަށުގައި އެޅުމަށް ހަމަޖެހިފައިވާ ޖެޓީގެ މަސައްކަތް 16 މިލިއަން ރުފިޔާ އަށް ވޯކްސް ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓަރީން ބުނީ ބާރަށުގެ އުތުރު ފަރާތުގައި އަޅާ އެ ޖެޓީގެ މަސައްކަތުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓަރީގެ ފަރާތުން އިއްޔެ ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކަމަށެވެ. އަދި ވޯކްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޖާވިދު ކަމަށެވެ.
ހައުސިން މިނިސްޓަރީން އިތުރަށް ބުނީ، އެ މަސައްކަތަކީ ތިމާވެއްޓާއި ރައްޓެހި، ރާއްޖެ އަށް މުޅިން އަލަށް ތައާރަފް ކުރެވޭ ކޮންސެޕްޓެއްގެ ދަށުން އަޅާ ފުރަތަމަ ޖެޓީ ކަމަށެވެ. އެގޮތުން އެ މަސައްކަތުގައި ބޮޑު ހިލަ ބޭނުމެއް ނުކުރާނެ ކަމަށާއި ބަދަލުގައި ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ ކޮންކްރީޓާއި ޓިންބާ ކަމަށް ހައުސިން މިނިސްޓަރީން ބުންޏެވެ.
އެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައި ވަނީ 349 ދުވަހުގެ ތެރޭގަ އެވެ.