25 Apr 2020, 21:21
ރާއްޖެއިން 701 ބިދޭސީ އަކަށް ފުރުމުގެ ހުއްދަ ދީފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުން ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން ރާއްޖޭގައި ތިބި އެހެން ގައުމުތަކުގެ ބައެއް ރައްޔިތުންވެސް އަމިއްލަ ގައުމަށް ދާން ބޭނުންވެ، ތިބީ ތާށިވެފައެވެ.
އިމިގްރޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ 701 ބިދޭސީ އަކު އެމީހުންގެ އަމިއްލަ ގައުމަށް ދިޔުމަށް، ފުރުމުގެ ހުއްދަ މިހާރު ދީފައިވާ ކަމަށެވެ. އެމީހުން އިއްޔެއާއި މިއަދު ޝެޑިއުލްކޮށްފައިވާ އެވަކުއޭޝަން ފްލައިޓުތަކުގައި ފުރައިގެން ދިޔައީ، އިޓަލީ، އިންޑޮނޭޝިއާ އަދި ފިލިޕިންސްއަށް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
"މި މީހުންގެ ތެރޭގައި ގިނައީ، ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ މަސައްކަތްތެރިން،" އިމިގްރޭޝަން އިން ބުންޏެވެ.
މީގެ ކުރިންވެސް މިގޮތަށް ރާއްޖޭގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މަސައްކަތްތެރިން ގެންދިޔުމަށް އެގައުމުތަކުން ވަނީ ހާއްސަ ފްލައިޓުތަކެއް ބާއްވާފައެވެ.
ރާއްޖޭގައި ކޮރޯނާވައިރަސްގެ ނުރައްކާ މާލޭގައި ފެތުރިފައިވާ އިރު، ކުރިއަށް އޮތް ދުވަސްތަުގައި ރާއްޖޭގައި ތިބި އެހެން ގައުމުތަކުގެ އިތުރު ރައްޔިތުންތަކެއް މިގޮތަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ.
ރާއްޖެއިން މިހާތަނަށް ކޮރޯނާ ވައިރަހުގެ 137 ކޭސް ވަނީ ފެނިފައެވެ. އޭގެ ތެރެއިން ވެރިރަށް މާލެއިން މިހާތަނަށް 100 އަށް ވުރެ ގިނަ ކޭސް ވަނީ ފެނިިފައެވެ.