ކޮވިޑް-19 ޖެހިގެން ރަނގަޅުވާ މީހުންނަށް އިމިއުނިޓީ ޕާސްޕޯޓް ދޫކުރަން ފަށައިފިނަމަ ވައިރަސް މާބޮޑަށް ފެތުރޭނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ކޮވިޑްއިން ރަނގަޅުވުމަށް ފަހު ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީގެ ސަބަބުން ދެވަނަ ފަހަރު ބަލިނުޖެހޭނެކަމުގެ ޔަގީންކަން ނެތް ކަމަށެވެ. އަދި ކުރިން ބަލި ޖެހިފައި ތިބި މީހުން ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާފާނެކަމުގެ ބިރު އެބައޮތް ކަމަށްވެސް ބުނެފައިވެއެވެ. އެއާއެކު ބަލި ފެތުރޭ މިންވަރު އިތުރުވާނެކަަމަށް ވަނީ ބުނެފައެވެ.

މިހާތަނަށް ހެދި ދިރާސާތަކުގައި ބުނީ ކޮރޯނާއިން ރަަނގަޅުވާ ގިނަ މީހުންގެ ގައިގައި އެންޓިބޮޑީސް ހުންނަ ކަމަށާއި ނަމަވެސް ބައެއް މީހުންގެ ގައިގައި ވަރަށް މަދުން އެންޓިބޮޑީސް ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިދިޔަ ހަފްތާގައި ޗިލީއިން ބުނީ ބަލިން ރަނގަޅުވާ މީހުންނަށް "ހެލްތު ޕާސްޕޯޓް" ދޫކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ބަލިން ރަނގަޅުވެފައިވާ މީހުންގެ އެންޓިބޮޑީސް ބެލުމަށް ފަހު ބަލި މީހުންނަށް ވަޒީފާތަކަށް ދެވޭނެ ކަމަށް އެގައުމުން ބުންޏެވެ.

ޗިލީއިން އެގޮތަށް އަމަލުކުރަން ނިންމިޔަސް ބެލްޖިއަމްއިން ވަނީ އެގޮތަށް އަމަލުކުރަން ދެކޮޅު ހަދައިފައެވެ. ކޮރޯނާ ޖެހިގެން ބެލްޖިއަމްއިން ގިނަ ބަޔަކު މަރުވިއިރު އެގަމުން މިހާރު ނިންމާފައިވަނީ އަންނަ މަހު 11 އިން ފެށިގެން މަޑުމަޑުން ލޮކްޑައުންއަށް ލުޔެއް ދޭށެވެ.

މުޅި ދުނިޔެއިން 2.8 މިލިއަން މީހުންނަށް ކޮރޯނާ ޖެހިފައިވާއިރު 200،000 އެއްހާ މީހުން ވަނީ މަރުވެސްވެފައެވެ. (ބީބީސީ)