25 Apr 2020, 20:46
ބޯކޮށް ވާރޭ ވެހި، ކުޑައިރުކޮޅެއް ތެރޭ މާލޭގެ ބައެއް މަގުތައް ފެންބޮޑުވެއްޖެ އެވެ.
މާލެއަށް ވާރޭ ވެހެން ފެށީ މިރޭ 7:45 ހާއިރުއެވެ. ގާތްގަނޑަކަށް 15 މިނެއްޓެއްހާއިރު ހުޓުމެއްނެތި ބޯކޮށް ވާރެ ވެހުނެވެ.
މިހާރު ވާރޭ ހުއްޓާލާފައިވާއިރު، މާޖީދީ މަގާ އަމީނީ މަގު އަދިވެސް ބައެއް އެހެން މަގުތައް އޮތީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.
މި ދުވަސްވަރަކީ، ވިއްސާރަ ދުވަސްތަކަށް ވުމުން ހެލްތް މިނިސްޓަރު އަމީން ވަނީ އެހެނިހެން ބަލިތަކަށް ފެތުރިދާނެތީ ސަމާލުވުމަށް މިއަދު އިލްތިމާސްކޮށްފައެވެ. އެގޮތުން ޑެންގޫ ފަދަ ބަލިތައް ފެތުރިދާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ވިއްސާރަ މޫސުމާ މި ބައްދަލުކުރަނީ. ވިއްސާރަ އައުމާއެކީގައި ޑެންގީގެ ކަންކަން ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެގެންދާނެ. އެއީ ކުރިން ވެސް ލަފާކުރެވިފައި އޮތް ކަމެއް... މިހާރު، ހާއްސަކޮށް މާލޭގައި ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ، ޑެންގީ އިތުރުވެގެން ހިނގައިދާނެކަމާ ދޭތެރޭގައި. އެ ހާލަތަށް ގޮސްފިނަމަ ސިއްހީ ނުރައްކަލުގެ މި ހާލަތުގެ ތެރެއިން ބުރަކަމެއް އިތުރުވެގެންދާނެ. " މިނިސްޓަރު ވިދާޅުވި އެވެ.
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ، މިރޭ 8:20 އިން ފެށިގެން ދަންވަރު 1:00 އަށް މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާ ކުރާ ގޮތް:
ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ގުގުރުން އެކަށީގެން ވޭ.
- ވައިޖެހޭނީ، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި.
- ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވޭ.
- ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ.