މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ކުލަބަށް ޖެހިފައިވާ މާލީ ދަތިތަކުން އަރައިގަތުމަށާއި، އެހެނިހެން ފަރާތްތަކަށް އެހީވުމުގެ ގޮތުން ކުޅުންތެރިންގެ މުސާރައިން ނުކެނޑުމަށް ޗެލްސީއިން ނިންމައިފި އެވެ.

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ސަބަބުން މުޅި ޔޫރަޕުގެ ފުޓުބޯޅަ ހުއްޓުމަކަށް އައިސްފައިވާ އިރު މިވަގުތ ގައުމުތަކަށާއި، ކުލަބުތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން ސަލާމަތް ވުމުގެ ގޮތުން ގިނަ ކުލަބުތަކުން ދަނީ އެ ޓީމުތަކުގެ ކުޅުންތެރިންގެ މުސާރަތައް ކުޑަކޮށް ޙަރަދު ކުޑަކުރަމުންނެވެ.

އެގޮތުން ބަލާއިރު އިޓަލީގެ ރޯމާގެ ކުޅުންތެރިންނާއި ކޯޗު ވަނީ ކުރިއަށް އޮތް ހަތަރު މަހުގެ މުސާރަ ނުނަގަން ނިންމާފަ އެވެ. އަދި ސްޕެއިނުގެ ބާސެލޯނާ ކުޅުންތެރިންގެ މުސާރައިގެ 70 އިންސައްތަ ނުނަގަން ނިންމާފައިވާ އިރު ރެއާލް މެޑްރިޑާއި، އިނގިރޭސިވިލާތުގެ ބައެއް ކުލަބުތަކުން ވެސް ވަނީ މިކަމުގައި މިސާލު ދައްކާފަ އެވެ.

އެކަމަކު ޕްރިމިއާ ލީގުގެ ގަދަ ބާރެއް ކަމަށްވާ ޗެލްސީން ވަނީ ކުޅުންތެރިންގެ މުސާރައިން ބައެއް އުނިކުރުމަށް އެދިފައިވާ އެދުމާ ދެކޮޅު ހަދައި، އެއްވެސް ކުޅުންތެރިއެއްގެ މުސާރައިން ނުކެނޑުމަށް ނިންމާފަ އެވެ.

"މި ދަނޑިވަޅުގައި ކުލަބުގެ މާލީ ދަތިކަމުން އަރައިގަތުމަށް ކުޅުންތެރިންގެ މުސާރައިން ވަކި އިންސައްތައެއް ކެނޑުމަށް ކުރިން ވާހަކަ ދެކެވުނު ނަމަވެސް އެގޮތަށް ނުހެދުމަށް ވަނީ ނިންމާފަ،" ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެކަމަކު ވަކި ވަކި ކުޅުންތެރިން ބޭނުންވާ ނަމަ ޗެރިޓީ ފައުންޑޭޝަންތަކާއި، ނޭޝަނަލް ހެލްތު ސާވިސްގައި މަސައްކަތް ކުރާ ފަރާތްތަކަށް ވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުޅުންތެރިން ގާތު އެދިފައިވާނެ ކަމަށް ޗެލްސީން ވަނީ ބުނެފަ އެވެ.

"ކުޅުންތެރިންގެ އަމިއްލަ ގައުމުތަކުގައި މިވަގުތު ތިބެގެން އެގައުމެއްގައި އެހީތެރިކަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެހީވަމުންދާކަމީ ކުލަބުން އުފަލާ އެކު ފާހަގަ ކުރާ ކަމެއް."

ޗެލްސީއިން މިގޮތަށް ނިންމާފައިވަނީ އެ ޓީމުތަކުގައި ތިބި ގިނަ ކުޅުންތެރިންނަކީ އިނގިރޭސިވިލާތުން ބޭރު ކުޅުންތެރިންނަށް ވާތީ އެވެ. ވުމާ އެކު އެކުޅުންތެރިން މި ދަނޑިވަޅުގައި އެންމެ އެހީވާން ބޭނުންވާނީ އެކުޅުންތެރިއެއްގެ ގައުމަށް ކަމަށާއި، ޗެލްސީން ކުޅުންތެރިންނަށް އެފުރުސަތު ދިނީ އެހެންވެ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.