ރާއްޖޭގެ އިގްތިސޯދު މިހާރު ވެއްޓިފައިވާ އަޑިގަނޑުން ނަގައި ކޮޅަށް ޖެހެން އަންނަނީ ވީހާވެސް އަވަހަކަށް ރާއްޖޭގައި ތިބި އެންމެން ކޮވިޑް19 އަށް ޓެސްޓުކޮށްގެން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޣައްސާން މައުމޫން ވިދާޅުވީ މިވަގުތު ރާއްޖެ އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި އިގްތިސޯދު ވެސް އޮތީ ވާނުވާއެއް ނޭނގޭ ހާލަތަކަށް އައިސްފައި ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ.

އެހެންކަމުން މި ހާލަތުން އަރައިގަތުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށް ޣައްސާން ވިދާޅުވިއެވެ. ޣައްސާން ވިދާޅުވީ އަލުންް އިގްތިސޯދު ހުޅުވާލެވެން އަންނަނީ ފުދުންތެރިކަން އިތުރުކޮށްގެން ނުވަތަ އިގްތިސޯދުގެ ތެރެއަށް އަލުން ބޭރު ފައިސާ ވަންނާނެ ގޮތެއް ހޯދިގެން ކަމަށެވެ.

"އެއީ ހަގީގީ ހައްލަކީ. އެކަން ކުރެވޭނީ އިގްތިސޯދު ހުޅުވާލައިގެން. އިގްތިސޯދު ބަންދުވެފައި މިއޮތީ ނުރައްކާތެރި ވައިރަސް އެއް ފެތުރޭތީ. އިގްތިސޯދު ހުޅުވާލެވޭނީ މި ވައިރަސްގެ ކިބައިން ސަލާމަތްވެގެން،" ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވަނީ ވައިރަހުން ސަލާމަތްވުމަށް ސަރުކާރަކަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ބައްޔަށް ޓެސްޓުކުރުން އިތުރުކުރުން ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާތަކުން ވެސް ބުނަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން ރާއްޖޭގެ ސަރުކާރުން ކޮވިޑް19 ޓެސްޓު ކިޓުތަކަށް އިންވެސްޓުކުރަން ޖެހޭ ކަމަށް މެމްބަަރު ވިދާޅުވިއެވެ.

"މިސާލަކަށް ފަސް ލައްކަ ޓެސްޓު، މިސާލަކަށް 15 ޑޮލަރުގެ ރޭޓުން ވިޔަސް 7.5 މިލިއަން ޑޮލަރަށް ލިބޭނެ. ރާއްޖޭގައި ބަލި ފެތުރޭ މިންވަރު ދެނެގަނެވޭނީ އެންމެން ވީހާވެސް އަވަހަކަށް ޓެސްޓު ކުރެވިގެން. މިކަން ކޮށްފަ އަޅުގަނޑުމެންނަށް އިގްތިސޯދު ހުޅުވާލުމާ ދޭތެރޭ ވިސްނޭނީ. އިގްތިސޯދު ހުޅުވާލެވިގެން ބޭރު ފައިސާ ވަންނާނީ،" މެމްބަރު ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ރައްޔިތުންނަށް ދެވޭ ދިވެހި ފައިސާގެ އަގެއް ހުންނާނީ އިގްތިސޯދުގެ ތެރެއަށް ބޭރު ފައިސާ ވަދެގެން ކަމަށެވެ. އަލުން ފައިސާ ޗާޕު ނުކުރި ނަމަވެސް، އެމްއެމްއޭއން ކުރިން ޗާޕުކޮށްފައި ހުރި ފައިސާ ރޯލް ކުރަން ފަށައިފިނަމަ، ނުކުންނާނީ ފައިސާ ޗާޕުކުރުމުން ވެސް ނުކުންނާނެ ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މިހާރު ސަރުކާރުން އެދިފައިވާ ގޮތަށް 4.2 ބިލިއަން ރުފިޔާ މަރުކަޒީ ބޭންކުން ދިނުމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށް ޣައްސާން ވިދާޅުވިއެވެ.

"ބޭރު ފައިސާ ވަދެގެން ރައްޔިތުންނަށް ދެވޭ ދިވެހި ފައިސާގެ އަގެއް ހުންނާނީ، އެހެން ނޫނީ ފައިސާ ޗާޕުކޮށްފައި ހުރި ކަރުދާހުގެ އަގު ވެސް ނުޖެހޭ އެއްޗެއް ދީގެން މަސް ދުވަސް، ދެ މަސް ދުވަހު މުދާ ގަނެވިދާނެ. ދެން ބޭރުން މުދާ ގަންނަން ޖެހޭ ހިސާބުން ކިހިނެތްތޯ ހަދާނީ؟،" ޣައްސާން ވިދާޅުވިއެވެ.

އެހެންކަމުން ފިނޭންސް މިނިސްޓަރު އެދިވަޑައިގެންފައިވާ އިސްތިސްނާއަކީ ވަރަށް ވިސްނާފައި ނޫނީ ދެވިގެން ވާނެ އިސްތިސްނާއެއް ނޫން ކަމަށާއި، މިކަމުގައި ގައުމު އެންމެ އިސްކުރުމަށް ޣައްސާން ވަނީ އިލްތިމާސްކުރައްވައިފައެވެ.

"އަޅުގަނޑުމެން މި ތިބީ ގައުމަށް ފައިދާހުރު ކޮންމެ ކަމަކަށް އެއްބާރުލުން ދޭން. އެހެން ނަމަވެސް މިއީ ގައުމަށް ފައިދާހުރި ކަމެއް ކަމަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ޣައްސާންް ވިދާޅުވިއެވެ.

ކޮވިޑް19 އާ ގުޅިގެން ދިމާވެފައިވާ އިގްތިސޯދީ އަޑިގަނޑުން އަރައިގަތުމަށް ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މުހިންމުކަން ވެސް ޣައްސާން މިއަދު ފާހަގަކުރެއްވިއެވެ. އަދި އެކަމަށް މަގުފަހިކުރުމަށް، ކޮރޯނަވައިރަހުގެ ދަތިކަމުން ސަލާމަތްވަންދެން ސިޔާސީ މީހުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އުނިކުރުމަށް ވެސް ޣައްސާން މިއަދު ހުށަހެޅުއްވިއެވެ.