ރިޔާޟް (25 އެޕްރީލް 2020) : ކޮރޯނާވައިރަސް "ކޮވިޑް-19" އާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގެ ސަރުކާރުތަކުން މީޑިއާގެ މިނިވަންކަމަށް ހުރަސްއަޅަމުން ގެންދާކަމަށް އދ. ން ބުނެފިއެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ހައިކޮމިޝަނާ މިޝޭލް ބެޝެލެޓް ވިދާޅުވީ ކޮވިޑް-19 އާ ގުޅޭގޮތުން ދޮގު ޚަބަރު ފަތުރާކަމަށްބުނެ ދުނިޔޭގެ އެތަށް ގައުމެއްގެ ސަރުކާރުތަކުން މީޑިއާގެ މިނިވަންކަމަށް ހުރަސްއަޅަމުންދާކަމަށެވެ. މިގޮތުން ސަރުކާރުތަކަށް ފާޑުކިޔާ ނޫސްތަކާއި ޓީވީ އަދި ރޭޑިއޯ ފަދަ ޚަބަރުފަތުރާ ވަސީލަތްތައް ހުއްޓުވުމަށްޓަކައި ކޮވިޑް-19 އާ ގުޅޭގޮތުން ދޮގު ޚަބަރު ފަތުރާކަމުގެ ތުހުމަތު ނޫސްވެރިންނަށްކޮށް މި ޚުތޫރަތްތެރި ދަނޑިވަޅުގެ ނާޖާއިޒު ފައިދާ ސިޔާސީ ގޮތުން ނެގުމަށް ބައެއް ސަރުކާރުތަކުން މަސައްކަތް ކުރަމުން ގެންދާކަމުގައެވެ.

ބެޝެލެޓް ވިދާޅުވީ ކޮވިޑް-19 ދެކޮޅަށް ކުރާ ހަނގުރާމަ ކިތަންމެ އުދަނގޫވެފައި ދަތިނަމަވެސް ސަރުކާރުތަކުން ޚަބަރާ މައުލޫމާތު މިނިވަންކަމާ ކުޅެގެން ނުވާނެ ކަމަށެވެ. އަދި ޚަބަރާއި މައުލުމާތު ފެތުރުމަށް އެއްވެސް ވަރަކަށް ހުރަސްއަޅައިގެންވެސް ނުވާނެކަމަށެވެ. އަދި އެއްވެސް ބަހަނާ އެއް ދައްކައިގެން ނޫސްވެރިންނަށް ފިއްތުންތައް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަަމާއި އެކަން ކުރުމަކީ އިންސާނީ ހައްގުތަކަށް އަރައިގަތުންކަމަށް އެކަމަނާ ސިފަކުރެއްވިއެވެ.

ނަމަވެސް ދުނިޔޭގައި ޑިމޮކްރެޓިކް ގޮތުން އުފައްދާފައިވާ ސަރުކާރުތަކުންވެސް ކޮވިޑް-19 ގެ ހާލަތު ހަތިޔާރަކަށް ބޭނުންކޮށްގެން މިނިވަން ނޫސްވެރިކަމަށް ފިއްތުންތައް ކުރިމަތިކޮށް ހުރަސްއަޅަމުން ގެންދާކަމަށާ މިކަމުގައި ސަރުކާރުތަކުގެ މަގްސަދަކީ އިދިކޮޅު ފަރާތްތަކުން ކިޔާ ފާޑުކިއުންތަކުގެ އަޑު ކަނޑުވާލުންކަމަށް ބެޝެލެޓް ވިދާޅުވިއެވެ.

ކޮވިޑް-19 އާގުޅޭގޮތުން ސަރުކާރުތަކުން ނެރުނު ތަފާސް ހިސާބުތަކުގެ ސައްހަކަމާ މެދު ސުވާލު އުފެއްދި ބައެއް ނޫސްވެރިންނަށް ބައެއް ގައުމުތަކުގެ ސަރުކާރުތަކުން ބިރު ދައްކާފައިވާއިރު ކޮވިޑް-19 ގުޅޭ ކަންކަމުގައި ދޮގު މައުލޫމާތު ފެތުރިކަމަށްބުނެ ބައެއް ސަރުކާރުތަކުން ބައެއް ނޫސްވެރިން ހައްޔަރުކޮށް ބައެއް ނޫސްތައް ބަންދުކުރުންފަދަ ޖަރީމާތައް ހިންގާފައިވާކަން ބެޝެލެޓް ފާހަގަ ކުރެއްވިއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ދުނިޔޭގެ ގައުމުތަކުން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކާ ގުޅިގެން ގިނަ ބަޔަކު މަޖްބޫރީ ހާލަތުގައި ގެއިން ނުނުކުމެ ތިބެން ޖެހިފައިވާ މިދަނޑިވަޅުގައި މީޑިއާ ބަރޯސާވާންޖެހިފައިވާ މިންވަރު އާދަޔާ ޚިލާފަށް ބޮޑުކަން ބެޝެލެޓް ވަނީ ފާހަގަކުރައްވާފައެވެ.

އަނެއްކޮޅުން ދުނިޔޭގެ ފެންވަރުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ މަޝްހޫރު ޖަމްއިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" އިންވެސްވަނީ މިމޭރުމުން ވާހަކަ ދައްކައި ބަޔާނެއް ނެރެފައެވެ.

ކޮވިޑް-19 ގެ ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން ނޫސްވެރިންނާ ދެކޮޅަށް މިފަދަ ހަރުކަށި އަމަލުތައް ހިންގާ ގައުމުތަކުގެ ތެރޭގައި އޭޝިޔާއާއި އޭޝިއާ-ފެސިފިކް ސަރަހައްދުގެ ބައެއް ގައުމުތަކާއި އެފްރިކާގެ ބައެއް ގައުމުތަކުގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކާއި އެމެރިކާގެ ބައެއް ސްޓޭޓްތަކާއި ލެޓިން އެމެރިކާގެ ބައެއް ގައުމުތައް ޝާމިލްވާކަމަށް ބުނެ"ރިޕޯޓާސް ވިތައުޓް ބޯޑާސް" އިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. (ނޫސްއެޖެންސީތައް)