26 Apr 2020, 17:41
'ރޯދަ ސުންބުލި' ގެ ދެވަނަ އެޕިސޯޑުގައި މިއަދު އަހަރެމެން މި ބަލާލަނީ ގަޟާ ކުރަންޖެހޭ ރޯދައަށެވެ. ބައެއް ފަރާތްތަކަކީ ޝަރުއީގޮތުން ރޯދަ ދޫކޮށްލުން ހުއްދަ ބައެއް ކަމުގައިވީ ނަމަވެސް އެ ރޯދަތަކަކީ އަނެއް އަހަރުގެ ރޯދަ މަހުގެ ކުރިން ގަޟާ ކުރަންޖެހޭ ރޯދަތަކެކެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ކޮންމެވެސް ސަބަބަކާއިހެދިހުރެ އެ ރޯދަތައް ގަޟާ ނުކުރެވި ހުރިނަމަ އަމަލުކުރަންޖެހޭ ވަކި ގޮތްތަކެއްވެސް ވަނީ ކަނޑައެޅިފަ އެވެ.
މި ސުވާލުގެ ޖަވާބުވެސް ދެއްވާފައިވަނީ އުސްތާޒާ ސާމިޔާ ޒަކަރިއްޔާ އެވެ.
ސ: މިދިޔަ ރޯދަމަހުގެ ރޯދަތައް ގަޟާނުކުރެވެނީސް މިއަހަރުގެ ރޯދަމަސް ލައިގަނެއްޖެ.ދެން ރޯދަ ގަޟާކުރާނީ ކިހިނެއް؟
ޖ:ރޯދަ މަހުގެ ރޯދަތައް ނުހިފާ ދޫކޮށްލަންޖެހޭ ހާލަތުގައި ރަނގަޅު ގޮތަކީ އަނެއް އަހަރުގެ ރޯދަމަސް އައުމުގެ ކުރިން އެ ރޯދަތައް ގަޟާކުރުމެވެ. ނަމަވެސް ބައެއް ކަހަލަ އުޒުރުތަކާއި ހެދި ނުވަތަ ފަރުވާ ކުޑަކުރެވުމުގެ ސަބަބުންވެސް ބައެއް ފަހަރު ރޯދަތައް ގަޟާނުކުރެވި ހުރެދާނެއެވެ. އެހެންނަމަވެސް މިއީ ރޯދަ ގަޟާކުރުމުގެ ވާޖިބު އެމީހާގެ ކިބައިން ކެނޑިގެންދާ ކަމެއް ނޫނެވެ.
އެހެންކަމުން އާ ރޯދަމަހެއް ފެށޭއިރު ކުރީ ރޯދަމަހުގެ ރޯދަތައް ގަޟާނުކުރެވިހުރިނަމަ އެ ރޯދަތައްވެސް ގަޟާކުރުމާއެކު އިލްމުވެރިން ވިދާޅުވަނީ ކޮންމެ ރޯދައަކަށް މިސްކީނަކަަށް ފިދުޔަ ދޭށެވެ. ނުވަތަ ކާންދޭން ޖެހޭނެ ކަމުގައެވެ. ނުވަތަ ކެއުމަށްވާ ފައިސާ ސަދަގާތްކުރުމަށެވެ. އެއީ އޭނާ ފާއިތުވީތީއެވެ.
އަދި ހަމަ އެހެންމެ ފާއިތުވެ ގިނަ އަހަރުތަކެއް ވެއްޖެނަމަ ކޮންމެ އަހަރަކަށްވެސް އިތުރަށް އޭނާ ފިދުޔަ ދޭންޖެހޭ ކަމަށް އުސްތާޒާ ސާމިޔާ ޒަކަރިއްޔާ ވިދާޅުވިއެވެ.