ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ސަފީރު ގ. އުތުރުގެ އާގެ މުހައްމަދު ހަލީލް، ބަންލަދޭޝްގައި ހުންނަވާ ސަފީރުކަމަށް ހަމަޖައްސަވައި، ބަންގްލާދޭޝް އަށް ކަނޑައަޅާފައި ހުންނެވި މ. ވެސްޓް ސައިޑް އަހްމަދު ސަރީރު އެމެރިކާގައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

ގައުމެއްގެ ސަފީރުކަމަށް ބޭފުޅަކު އައްޔަން ކުރައްވާ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވާތީ، މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފޮނުއްވެވި އެ ދެ ނަންފުޅުގެ ތެރެއިން ސަރީރު އެމެރިކާގައި ހުންނަވާ ދިވެހި ސަފީރުކަމަށް ހަމަޖެއްސެވުމަށް ވޯޓު ދެއްވާފައި ވަނީ ޖަލްސާގައި ތިއްބެވި 73މެންބަރުންގެ ތެރެއިން 65 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.

އަދި މުހައްމަދު ހަލީލް، ބަންލަދޭޝްގައި ހުންނަވާ ސަފީރުކަމަށް ހަމަޖައްސެވުމަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން 62 މެންބަރުންނެވެ. އަދި އޭނާ އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ހަތަރު މެންބަރުން ވޯޓު ދެއްވި އެވެ.

އެ ދެ މައްސަލައާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި އިދިކޮޅު މެންބަރުން ވިދާޅުވީ، ގިނަ ގައުމުތަކަށް ސަފީރުންތަކެއް ހަމަޖެއްސި ނަމަވެސް އެކަމުގެ ފައިދާ ދިވެހިންނަށް ފެންނަމުން ނުދާ ކަމަށެވެ. އަދި ސަރުކާރުން އެކަމުގައި ސިޔާސީ ފައިދާ ނަގަމުންދާ ކަމަށް ވެސް އެ މެންބަރުން ތުހުމަތު ކުރެއްވި އެވެ.

އިދިކޮޅު ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނާއިބު ރައީސް ކެލާ ދާއިރާގެ މެންބަރު އަބުދުﷲ މައުސޫމު ވިދާޅުވީ އޮއްވަޅުގޮނޑި ކުލޭހެން އިރުއިރުކޮޅާ ސަފީރުން ބަދަލު ކުރުމުން ރައްޔިތުންގެ ޖީބުން ނަގާ ޓެކްސްގެ ފައިސާ އާއި ވިޔަފާރިތަކުގެ ވަތްގަނޑުން ޓެކްސްގެ ގޮތުގައި ނަގާ ވިކުރާ ފައިސާ ބޭކާރުވެގެންދާ ކަމަށެވެ. އަދި އެމްބަސީތަކަށް މީހުން ފޮނުވައިގެން ސިޔާސީ މަންފާތަކެއް ނެގުމަށް ރައްޔިތުންގެ ފައިސާ ހަރަދު ކުރާ ނަމަ އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވެސް މައުސޫމު ވިދާޅުވި އެވެ.

"އިންޑިޔާގައި ތިއްބަވާ ދިވެހި އާއިލާތަކަށް، އިންޑިޔާ ސަރުކާރުން ވިސާ ޕޮލިސީއަށް ގެނައި ބަދަލުގެ ދިވެހި އެމްބަސީން ]ސަމާލުކަން[ދީފައި ނުވާތީ އެތައް ދިވެހިންނަކަށް އެދަނީ އުނދަގޫ ވަމުން. ސިޔާސީ ގޮތުން އެމްބަސީ ހުޅުވަން ޖެހޭ ގައުމުތަކުގައި ހުޅުވަން ޖެހޭ. ނަމަވެސް އެކަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާވާން ޖެހޭނެ. ސިޔާސީ ގޮތުން އެ ބޭފުޅުންގެ ފައިދާ ނުނަންގަވައި ރައްޔިތުންނަށް ފައިދާ ހުރި ގޮތެއްގައި އެމްބަސީތަކުގެ ބޭނުން ހިފަންޖެހުމާ މެދު ސަރުކާރުން ވިސްނަން ޖެހޭނެ،" މައުސޫމު ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ވިދާޅުވީ، ކުރީގެ ސަރުކާރުން އެކި ގައުމުތަކުގައި އެމްބަސީ ހުޅުވައި ސަފީރުން އައްޔަން ކުރުން އިތުރުވަމުން ދާތީ ފާޑުކިޔަމުން ދިޔަ ބަޔަކު ސަރުކާރަށް އައިސް ހަމަ އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ވަމުން ނުދާތީ އެހެން ގައުމުތަކުގައި ތިބި ދިވެހިންނަށް މާޔޫސްކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި ދިއްދޫ ދާއިރާގެ މެންބަރު އަހްމަދު ސަމީރު ވިދާޅުވީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން އެފަދަ ބަދަލުތައް ގެންނަން ޖެހޭ ވަގުތުތަކުގައި އެ ބަދަލުތައް ގެންނަން ޖެހޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާ ނަންތައް އަނބުރާ ފޮނުވާ ލުމުގެ ބަދަލުގައި އެނަންތައް މަޖިލީހުން ފާސްކޮށްދީގެ އެ ފަރާތްތަކަށް ފުރުސަތު ދެއްވުމަކީ މުހިއްމުކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.