ށ. ނަރުދޫއިން ކޮރޯނާވައިރަސް، ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ނަރުދޫއިން ޕޮޒިޓިވްވެފައި ވަނީ، މާލެ ދަތުރު ކުރާ ނަރުދޫ "އަމާޒު" ބޯޓްގެ ކައްޕިއަކަށް މަސައްކަތް ކުރާ ދިވެއްސެކެވެ. އެ ބޯޓް މާލެއިން އެ ރަށަށް ގޮސްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އެއީ މާލެ ލޮކްޑައުންކޮށް މާލެއަށް އަރައި ފުރުން މަނާކުރި ދުވަހެވެ.

އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވި މީހާ އައިސޮލޭޝަނަށް ގެންދިޔުމުގެ މަސައްކަތް އެޗްޕީއޭގެ ޓީމެއް އެ ރަށަށް ގޮސް މިހާރު ވަނީ ފަށައިފަ އެވެ.

އެ ބޯޓުން 150 އެއްހާ މީހަކު ދަތުރުކުރި ކަމުގެ މައުލޫމާތު ސަންއަށް ވަނީ ލިބިފަ އެވެ. އަދި އެ ބޯޓް ނ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކުރާކަން ވެސް އެނގިފައިވެ އެވެ.

މިއަދު ޕޮޒިޓިވްވި މީހާ ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކީ ނަރުދޫ ސިއްހީ މަރުކަޒަށެވެ. އަދި ކޮވިޑްގެ އަލާމާތްތަކެއް ފެންނާތީ ސިއްހީ މަރުކަޒުން އެދިގެން އޭނާގެ ސާމްޕަލް ނެގުނީ އޭގެ ދުވަސްކޮޅެއް ފަހުންކަން ވެސް އެނގިފައިވެ އެވެ.

ބޯޓްގެ ކައްޕި ޕޮޒިޓިވްވިވުމާ އެކު އަމާޒު ބޯޓްގެ ފަޅުވެރިން ވެސް މިހާރު ވަނީ އެކަހެރިކޮށްފަ އެވެ.

މީގެ ކުރިން މާލެއިން ބޭރުން ކޮވިޑް ޖެހިފައިވާ މީހަކު ފެނިފައި ވަނީ، ހއ. އުލިގަމުންނެވެ. އެ މީހާ އަކީވެސް، މާލެއަށް ދަތުރުކޮށްފައި ދިޔަ ފަހުން ކޮވިޑްގެ އަލާމާތްތައް ފެނިގެން ޓެސްޓް ކުރުމުން ބައްޔަށް ޕޮޒިޓިވްވި މީހެކެވެ.

މިއަދު އެންއޯއީސީގައި ބޭއްވި ޕްރެސްކޮންފަރެންސެއްގައި ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ، މާލެ ލޮކްޑައުން ކުރުމުގެ ކުރިން މާލެއިން ގިނަ ބަޔަކު ފުރައިގެން ވެސް ގޮސްފައިވާތީ، ބަލި ހުރި މީހުން މިހާރު އަތޮޅުތަކުގެ ރަށްރަށުގައި ވެސް ތިބުން ވަރަށް އެކަށީގެންވާ ކަމަށެވެ. އަދި މާލޭގައި މިވަގުތު ހުރި އެއްވެސް މީހަކު މާލެއިން ބޭރަށް ފުރައިގެން ދިޔުމަކީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މާލޭގައި ހުރި ކޮންމެ މީހަކީ ބަލީގެ ރިސްކު ވަރަށް ބޮޑަށް އޮތް މީހެއް. އެހެން ވީމާ، މާލެއިން ފުރައިގެން އެހެން ރަށްރަށަށް މީހުން ދިޔުމަކަށް އަޅުގަނޑުމެންނަކަށް އެއްވެސް ހުއްދައެއް ނުދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެޗްޕީއޭއިން މީގެ ކުރިން އަންގާފައި ވަނީ، މިފަހުން މާލެއިން ރަށްރަށަށް ދަތުރުކުރި މީހުން އެ މީހުންގެ ގޭގޭގައި 14 ދުވަސް ވަންދެން ސެލްފް އައިސޮލޭޓްވުމަށެވެ. އަދި ކިރިޔާ ވެސް އަލާމާތެއް ފެނިއްޖެ ނަމަ ވަގުތުން ރިޕޯޓް ކުރުމަށް ވެސް އެދިފައިވެ އެވެ.

މިއަދުވެސް ރާއްޖެއިން ވަނީ ކޮވިޑް19 ޖެހިފައިވާ އަށް ދިވެއްސަކު ފެނިފަ އެވެ. އެއާ އެކު ރާއްޖެއިން އެބަލި ފެނުނު މީހުންގެ އަދަދު މިހާރުވަނީ، 137 އަކަށް އަރާފަ އެވެ.

އިއްޔެ އެކަނި މާލެއިން ކޮވިޑަށް 13 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މާލެއިން އެންމެ ފުރަތަމަ ބަލީގެ ޕޮޒިޓިވް ކޭހެއް ފެނުނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.