25 Apr 2020, 17:02
އިނގިރޭސި ޕްރިމިއާ ލީގުގެ އައު ޗެއާމަނަކަށް ގެރީ ހޮފްމަން ހަމަޖައްސައިފި އެވެ.
ޕްރިމިއާ ލީގުގެ ސްޓޭކްހޯލްޑަރުންނާ އެކު އިއްޔެގެ ވަގުތެއްގައި އިނގިރޭސި ފުޓުބޯޅައިގެ އިދާރާއިން އިއްޔެގެ ވަގުތެއްގައި ވަނީ ސިއްރު ވީޑިއޯ ކޮންފަރެންސެއް ބާއްވާފަ އެވެ. މި ބައްދަލުވުމުގައި ނިންމި ނިންމުމާ އެކު ވަގުތީ ޗެއާމަނެއްގެ ގޮތުގައި މިވަގުތު ހުރި ކްލޯޑިއާ އާރނޭގެ ބަދަލުގައި މޮންޒޯ ބޭންކްގެ ޗެއާމަން، ހޮފްމަން ހަވާލުވާނީ ޖޫން އެއްވަނަ ދުވަހު އެވެ.
އުމުރުން 59 އަހަރުގެ ހޮފްމަން ވަނީ މީގެ ކުރިން އިނގިރޭސި ފުޓުބޯޅަ ފައުންޑޭޝަންގެ ޗެއާމަންކަމާއި، ކޮވެންޓްރީ ސިޓީގެ ވައިސް ޗެއާމަންކަމުގެ މަގާމު ފުރާފަ އެވެ.
"ފުޓުބޯޅައަކީ އަހަރެންގެ ހަޔާތުގައި އަބަދުވެސް ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ކަނޑައެޅިފައި އޮތް ކަމެއް. އަދި ހިންގުންތެރިއެއްގެ ގޮތުގަޔާއި، ވިޔަފާރީގެ ގޮތުން ވެސް ގުޅިފައި އޮންނަނީ ފުޓުބޯޅަޔާއި. އެހެން ކަމުން ޕްރިމިއާ ލީގުގެ ޗެއާމަންގެ މަގާމު ފުރުމަށް ފުރުސަތު ލިބުމަކީ ލިބުނު ބޮޑު ޝަރަފެއް،" ހޮފްމަން ބުންޏެވެ.
ހޮފްމަން ބުނީ ފުޓުބޯޅަ ފައުންޑޭޝަނުގައި އޭނާ މަސައްކަތް ކުރި އިރު ޕްރިމިއާ ލީގު ކުރިއަރައި ދިޔަގޮތް ވަރަށް ރަނގަޅަށް ފެނިގެން ދިޔަ ކަމަށެވެ. އަދި ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލައި، އެންމެ މަގުބޫލު ލީގުގެ ގޮތުގައި ޕްރިމިއާ ލީގު އޮތުމަށް އޭނަގެ ފަރާތުން އެހީތެރިކަން ލިބިފައިވާނެ ކަން ހޮފްމަން ވަނީ ފާހަގަ ކޮށްފަ އެވެ.
ހޮފްމަންއާއި އެންމެ ގާތުން ޕްރިމިއާ ލީގުގެ ޗީފް އެކްޒެކިއުޓިވްގެ ގޮތުގައި މަސައްކަތް ކުރާނީ މިދިޔަ ޑިސެމްބަރު މަހު އެމަގާމަށް އައްޔަން ކުރެވުނު ރިޗާޑް މާސްޓާސް އެވެ.
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާ އެކު އިނގިރޭސި ފުޓުބޯޅަ ހުއްޓުވުމަށް އައިސްފައި އޮންނަތާ މިހާރު ވަނީ ދޮޅު މަހެއް ވުރެން ގިނަ ދުވަސްވެފަ އެވެ. އަދި ލީގާއި އެނޫން ވެސް މުބާރާތްތައް ފެށޭނެ މާހައުލެއް ނެތް ނަމަ ލީގު ކެންސަލް ކުރަން އިނގިރޭސި ފުޓުބޯޅަ އިދާރާއިން މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.
ލީގުގެ ކުޅުން މެދުކަނޑާލި އިރު ބޮޑު ލީޑަކާ އެކު އެއްވަނައިގައި އޮތީ ލިވަޕޫލް އެވެ. ދެވަނަައިގައި މެންޗެސްޓާ ސިޓީ އޮތް އިރު ތިންވަނައިގައި އޮތީ ލެސްޓާ ސިޓީ އެވެ. އެކަމަކު ލީގު ކެންސަލް ކުރަން ޖެހިއްޖެ ނަމަ ޗެމްޕިއަނެއް ހޮވުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.