ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް ]އެޗްއާރުސީއެމް[ގެ ނާއިބު ރައީސް ކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި، އެ ކޮމިޝަންގެ މެންބަރު ހ. އައްޑޫގޭ އަހްމަދު ތޮލާލުގެ ނަންފުޅު ދިރާސާ ކުރުމަށް ކޮމިޓީ އަކަށް މިއަދު ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާޙިދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެ ނަންފުޅު އިއްލާން ކުރެއްވުމަށް ފަހު، އެ ނަންފުޅު ދިރާސާކުރެއްވުމަށް ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލުމަށް މެންބަރުންނަށް ފުރުސަތު ހުޅުވާލެއްވި އެވެ. އެ ފުރުސަތުގައި މެންބަރަކު ހުށަހެޅުއްވި ހަތް މެންބަރުންގެ ކޮމިޓީގައި ހިމެނިވަޑައިގަންނަ ވަނީ ދިއްދޫ ދާއިރާގެ މެންބަރު އަހްމަދު ސަމީރާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ކެލާ ދާއިރާގެ މެންބަރު އަބުދުﷲ މައުސޫމާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފާއި ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދާއި މާވަށު ދާއިރާގެ މެންބަރު އަބުދުލް އަޒީޒު ޖަމާލް އަބޫބަކުރެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން އެ ކޮމިޓީ ފާސްކޮށްފައި ވަނީ ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން 66 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނަމަވެސް އެ ކޮމިޓީ ފާސްކުރަން ނުފެންނަ ކަމަށް ދެ މެންބަރުން ވޯޓު ދެއްވި އެވެ.
ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ރައީސަކު އައްޔަން ކުރައްވާފައިވީ ނަމަވެސް އެ ކޮމިޝަނަށް ނާއިބު ރައީސަކު އައްޔަން ނުކޮށް ގިނަ ދުވަސްތަކެއް ވޭތުވެފައި ވާތީ ބައެއް ފަރާތްތަކުން ފާޑުކިޔަމުންގޮސްފައިވެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުންގެ ތެރެއިން އެ ކޮމިޝަންގެ ރައީސް ކަމަށް އައްޔަން ކުރައްވާފައި ވަނީ މަރިޔަމް އަޒްރާ އެވެ.