މި މަހުގެ ނިޔަލަށް މާލޭ ސަރަހައްދަށް އިއުލާންކޮށްފައިވާ ލޮކްޑައުން އަދި އުވާލެވޭނެ ހާލަތެއް ނެތް ކަމަށާއި އެ ލޮކްޑައުން އަދިވެސް އިތުރުކުރަން ޖެހިދާނެ ކަމުގެ އިޝާރާތް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިއަދު ދެއްވައިފި އެވެ.

މާލެއިން މި މަހުގެ 15 ދުވަހު ކޮވިޑް-19ގެ ކޭސްއެއް ފެނުމާއެކު 24 ގަޑިއިރަށް މާޅެ ސަރަހައްދު ލޮކްޑައުން ކުރި އެވެ. އެފަހުން ޖެހިގެން އައި ދުވަހު ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކުރި އެވެ. އެ މުއްދަތު ހަމަވަނީ، މިމަހު 30 ވަނަ ދުވަހަށެވެ.

ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އެންއައިއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ލޮކްޑައުންގެ ސަބަބުން ވަރަށް ބޮޑަށް ބަލި ކޮންޓްރޯލް ކުރުމަށް ފަސޭހަވެގެން ދިޔަ ކަމަަށެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އަދިވެސް މާލޭ ސަރަހައްދުގެ ލޮކްޑައުން އުވާލެވޭނެ ފަދަ ހާލަތެއް ނެތް ކަމަށް އަމީން ވިދާޅުވި އެވެ.

"ކުރިއަށް އޮތްތަނަށް އެއްޗެއް ދަންނަވާކަށް އެހާ ބޮޑަށް ބޭނުމެއް ނޫން. އެކަމަކު މިވަގުތު މިހާލަތު މިއޮތީ އަޅުގަނޑުމެނަށް ލޮކްޑައުންގެ ހާލަތުން ވީލަން ޖެހޭ ހިސާބެއްގައެއް ނޫން. މި ވަގުތު މި ހާލަތު މިއޮތީ އަޅުގަނޑުމެން އާންމު ހާލަތަށް ބަދަލުވާން ޖެހޭ ހާލަތުގައެއް ނޫން،" ލޮކްޑައުން އިތުރަށް ދިގުދަންމާފާންތޯ ސުވާލު ކުރުމުން އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަސްތެރޭވެސް ލޮކްޑައުންގެ އުވާލެވޭނެ ފަދަ ހާލަތަކަށް އައިސްދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި އާންމު ހާލަތައް އައިސްދާނެ ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށް އަމީން ވިދާޅުވި އެވެ.

"އެހެންވީމަ ހާލަތު ބަދަލުވާން ވަގުތު ނަގާނެ. މި ދަތިކަމުގެ ތެރޭގައި އިތުރު ދުވަހު އުޅެން ޖެހިދާނެ ކަމަށް ގަބޫލުކޮށްގެން އަޅުނޑުމެން ކުރިއަށް ދާން ޖެހޭނީ،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ލޮކްޑައުންގައި ބާއްވަން ޖެހެނީ، ވައިރަސް ކުއްލިއަކަށް ފެތުރުނަ ނުދީ ހިފެހެއްޓުމަށްޓަކައި ސިއްހީ ނިޒާމަކަށް ނުކަތާ ވަރަށް ބަލި މީހުން އިތުރު ވިޔަ ނުދިނުމަށް ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މިވަގުތު އިތުރު ހަރަކާތްތަކެއް ގެނެސްފި ނަމަ، ވައިރަސް މާ ބޮޑަށް މާލެ ތެރެއަށް ފެތުރިގެން ހިނގައިދާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ. އަދި މިވަގުތު އަޅާފައިވާ ފިޔަވަޅުތަކަށް އެންމެން އަމަލު ކުރާނަމަ، ބަލި ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެެވޭނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރު މަސައްކަތް ކުރަމުން މިދަނީ މާލެއާއި ރާއްޖޭގެ އެހެން ރަށްތަކުގައިވެސް ވައިރަސް ފެތުރިފައިވާ ކަމަށް ދެކިގެން ކަމަށެވެ. އެއާއެކު މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ވީހާ އަވަހަށް ބަލި ހުރި މީހުން ދެނެ ގަތުމަށްޓަކައި ޓެސްޓް ހަދައި މީހުން އެކަހެރިކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ލޮކްޑައުން ކުރުމުގެ އިތުރުން ޒަރޫރީ ބޭނުމެއް ނެތި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުންވެސް ވަނީ މަނާކޮށްފަ އެވެ. އަދި ރަށްތަކުގައި އާންމު އެއްވުންތަކާއި ދަތުރު ދިޔުން ފަދަ ކަންކަންވެސް ވަނީ މަނާކޮށްފަ އެވެ.

މިހާރު ރާއްޖެއިން ކޮރޯނާ ވައިރަސް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 137 މީހުންނަށް އަރާފަ އެވެ. އެގެ ތެރެއިން 17 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ. އެއީ 13 ބިދޭސީންނާއި ހަތަރު ދިވެހިންނެވެ.