މާލެ ތެރެއަށް ކޮރޯނާވައިރަސް ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް ބެލެވޭތީ، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ވީހާ އަވަހަކަށް ބަލި ހުރި މީހުން ދެނެ ގަންނަން ޓެސްޓް ހަދައި އެ މީހުން އެކަހެރިކުރަން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިއަދު ދަރުބާރުގޭ، އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، މާލޭގައި ބަލި ފެތުރިފައިވާ ބައެއް ސަރަހައްދުތައް މިހާރުވެސް ފާހަގަވެފައިވާ ކަމަށެވެ. އަދި މިހާރު ޓެސްޓު ކުރުމުގެ ކަންކަން އިތުރު ކުރުމުގެ މަސައްކަތް ކުރުމަނުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސާވަޔަލަންސް ޓެސްޓްތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އޭގެ މާނައަކީ [ކޮމިއުނިޓީ ސާވަޔަލަންސް އަކީ] ޕޮޒިޓިވް ކޭސްއަކާ ގުޅުން ހުރި ކޭސްއެއް ފިޔަވާ، އެކި ސަރަހައްދުގައި ނުވަތަ އެކި ގުރޫޕުތަކުގައި މެދުގައި ޓެސްޓް ކުރުމަށް ކުރެވޭ މަސައްކަތް. މި ޓެސްޓްތައް އަތޮޅު ތެރެވޭވެސް ކުރެވޭނެ. މާލޭގެ އެކި ސަރަހައްދުތަކުގައިވެސް ކުރެވޭނެ،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެގޮތަށް ޓެސްޓް ކުރުމުގެ ބޭނުމަކީ، އަވަހަށް ބަލި ހުންނަށް މީހުންނާއި އެފަދަ ސަރަހައްދުތައް ވެސް ދެނެގަތުން ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން މިދިޔަ ދެ ދުވަހު ހެދި ޓެސްޓްތަކުން ކުރިން ބަލި ހުރިކަން ރޕޯޓުކޮށްފައި ނުުވާ މީހުން، އަދި ކުރިން ބަލި ހުރި ކަން ނޭނގޭ ސަރަހައްދުތައް ދެނގަނެވިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އަމީން އިތުރަށް ވިދާޅުވީ، މިހާރު ފެނިފައިވާ ކޭސްތަކުގެ އަދަދުތަކުން އަލާމަތް ހުންނަ މީހުން އަދި ބަލި ހުރި މީހުން ވެސް ގޭގައި ކަރަންޓީނު ކުރުމަށް ވެސް ވިސްނަން ޖެހިދާނެ ކަމަށެވެ. އަދި އެކަމަށް ތައްޔާރުވުމަށްވެސް މިނިސްޓަރު އަމީން އިލްތިމާސް ކުރެއްވި އެވެ. މީގެ އިތުރުން ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް ވުމުން ޑެންގޫ ފަދަ ބަލިތަކަށް ސަމާލުވުމަށް ވެސް މިނިސްޓަރު ވަނީ އިލްތިމާސްކޮށްފަ އެވެ.

މިނިސްޓަރު އަމީން ވަނީ، މިހާރު މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ލޮކްޑައުންވެސް ދިގު ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއްވެސް މިއަދު ދެއްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަސް ތެރޭވެސް ލޮކްޑައުން އުވާލެވޭނެ ހާލަތައް އައިސްދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

މިހާރު ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 137 މީހުންނަށް އަރާފަ އެވެ. އެގެ ތެރެއިން 17 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ. އަދި މާލެއިން ފެނުނު ކޭސްތައް ވަނީ 100އިން މައްޗަށް ގޮސްފަ އެވެ.