20 Dec 2011, 14:16
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކަނޑާލި މުވައްޒަފުންގެ މައްސަލަ ޓްރައިބިއުނަލްގައި ކުރިޔަށް ދިއުން ލަސްވާތީ އެ މުވައްޒަފުން ޝަކުވާ ކުރަން ފަށައިފި އެވެ.
އެސްޓީއޯގެ މާކެޓިން ޑިޕާޓްމަންޓުގެ ބައެއް ކަންތައްތަކާ މެދު ހިތްހަމަނުޖެހިގެން އެކަންކަން ރަނގަޅުކޮށް ދިނުމަށް އެދި މެނޭޖްމަންޓަށް ހުށަހެޅި ޕެޓިޝަނެއްގައި ސޮއިކުރި އެޑިޕާޓްމަންޓުގެ ބައެއް މުވައްޒަފުންގެ ވަޒީފާ ދަށްކޮށް، އަދި ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅިތާ ހަތަރު މަސް ވެގެން ދިޔައިރު ވެސް ޓްރައިބިއުނަލުން ވަކި ގޮތެއް ނުނިންމާތީ އޭގެ ތެރެއިން ބައެއް މުވައްޒަފުން ބުނީ މައްސަލަ ލަސްވާތީ ޓްރައިބިއުނަލާ ވެސް ސުވާލުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން ބައެއް މީހުން ވަނީ މައްސަލަ ކުރިޔަށް ނުދާތީ ސަންއޮންލައިނާ ވެސް މިއަދު ވާހަކަ ހިއްސާކޮށްފަ އެވެ.
ވަޒީފާ އިން ވަކިކޮށްފައިވާ މާކެޓިން މެނޭޖަރު އިސްމާއިލް މުޚްތަބާ މިއަދު ވިދާޅުވީ، އެ މައްސަލަ އޭސީސީއަށާއި ޓްރައިބިއުނަލަށް ހުށަހަޅައިގެން އުޅޭތާ ހަތަރު މަސްވެގެން ދިޔައިރު ތާވަލު ކުރި ތިން އަޑު އެހުން ވެސް ކޮންމެވެސް އުޒުރެއް ދައްކައި ކެންސަލް ކޮށްފައިވާ ކަމަށެވެ. އަދި އެތަންތަނުން ވަކި ގޮތެއް ނިންމަންދެން ވަޒީފާއަކަށް ނުގޮސް ތިބެން ޖެހުމުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ މައްސަލަ ދިމާވީމަ އޭސީސީއަށާއި ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިގެން ހައްލެއް ލިބޭތޯ ހިނގާލަ، ހިނގާލަ ތިބެން ކިހާ އުނދގޫ ވާނެ. ކިހިނެތްތޯ އުޅޭނީ ހަތަރު މަސް ވަންދެން ލާރި ނުހޯދައި،" މުޚްތަބާ ވިދާޅުވި އެވެ.
އެސްޓީއޯގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައިވާއިރު އެ މައްސަލައިގައި އެސްޓީއޯގެ އަތެއްވާ ކަމަށާއި މައްސަލަ އޮއްބާލަން ޓްރައިބިއުނަލުން މަސައްކަތް ކުރާ ކަމަށް ވެސް މުޚްތަބާ ތުހުމަތު ކުރެ އެވެ.
އެހެންނަމަވެސް ޓްރައިބިއުނަލްގެ ބަހެއް މިކަމާ ގުޅިގެން ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މާކެޓިން ޑިޕާޓްމަންޓްގެ 13 މުވައްޒަފަކު ސޮއިކޮށް އެސްޓީއޯގެ މެނޭޖްމަންޓަށް މިދިޔަ ޖުލައި މަހު ހުށަހެޅި ޕެޓިޝަނެއްގައި ހަތް ކަމެއް ފާހަގަކޮށްފައިވެ އެވެ. އޭގެތެރޭގައި އެ ޑިޕާޓްމަންޓުގެ މުވައްޒަފުންގެ ހިޔާލާއި މަޝްވަރާ ނުހޯދައި "މަތިން" ގިނަ ނިންމުންތަކެއް ނިންމުމާއި އެއްވެސް އުސޫލެއް ނެތި ތަންތަނަށް ސޮޕްންސާ ދޭ މައްސަލަ އާއި މުވައްޒަފުންނާ ދޭތެރޭ ދެރަކޮށް ކަންތައް ކުރާ މައްސަލަ ފާހަގަކޮށްފައި ވެއެވެ.
ޕެޓިޝަނާ ގުޅިގެން އެސްޓީއޯގެ މުވައްޒަފުންތަކެއް ވަކިކުރި މައްސަލައިގައި އެ ކުންފުނީ މެނޭޖިން ޑައިރެކްޓާ ޝާހިދު އަލީ މީގެ ކުރިން ވިދާޅުވެފައި ވަނީ އެސްޓީއޯގެ އެއްވެސް މުވައްޒަފަކު ވަކިކުރި ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް، ކުންފުނީގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ ގުޅިގެން ބައެއް މުވައްޒަފުން އެހެން ވަޒީފާ ތަކަށް ބަދަލުކޮށް، އާ މަސައްކަތްތަކެއް ހަވާލުކޮށްފައިވާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.
އެހެންނަމަވެސް މުވައްޒަފުން ވަކި ކުރިތާ މާގިނަދުވަހެއްނުވެ، މިދިޔަ އޮކްޓޯބަރު މަހު އެސްޓީއޯއިން ވަނީ ސޭލްސް އެންޑް މާކެޓިންގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޯދުމަށް ހަތަރު އިއުލާނެއް ގެޒެޓްގައި ޝާއިއު ކޮށްފަ އެވެ.
ނަމަވެސް ޝާހިދު ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ އެކަމާ ގުޅޭގޮތުން ބަހެއް ލިބޭ ގޮތްނުވެފަ އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: