ރިޔާޟް (25 އެޕްރީލް 2020) : ކުށްވެރިންނަށް އަދަބެއްގެ ގޮތުގައި އިސްލާމީ ޝަރީއަތުގައި އޮންނަ ހައްދު ޖެހުން ހުއްޓާލުމަށް ސައޫދީ އަރަބިއްޔާއިން ނިންމައިފިއެވެ.

ސައޫދީގައި ހައްދުޖެހުން އެއްކޮށް ހުއްޓާލުމަށް ނިންމައި ސައޫދީ ސުޕްރީމް ކޯޓުން އެކުލަވާފައިވާ ޝަރުޢީ ވަޘީޤާ "ޖުޑިޝަލް ޑޮކިއުމެންޓް" އާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވަނީ ސައޫދީގައި މީގެފަހުން ހައްދު ޖެހުން އެއްކޮށް ހުއްޓާލި ކަމަށް އެ ޑޮކިއުމަންޓް ބުނާކަމަށާއި ހައްދު ޖަހަންޖެހޭ ހާލަތްތަކުގައި ހައްދު ޖެހުމުގެ ބަދަލުގައި ދެން ކޯޓުތަކުން ކަނޑައަޅާނީ އެއަދަބަކާ އެކަށޭނަ ވަރުގެ ޖަލު ހުކުމްތަކާއި ފައިސާގެ ޖޫރިމަނާތައް ކަމުގަ އެވެ.

މި ޑޮކިއުމަންޓަކީ ސައޫދީ ސްޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާފައިވާ ޝަރުއީ ނިންމުމެއް ކަމަށާއި އޭގައި އެކޯޓުގެ ހުރިހާ ފަނޑިޔާރުން ސޮއިކޮށްފައިވާ ކަމަށް ވެސް ރޮއިޓާސް ބުނެ އެވެ. ނަމަވެސް ހައްދު ޖެހުން ހުއްޓާލުމަށް ނިންމިކަން ރަސްމީ ސިފައެއްގައި ސައޫދީ ސަރުކާރުން އަދި އިޢުލާނުކޮށްފައެއް ނުވެ އެވެ. މިއާއެކު ވެސް ރޮއިޓާސްގެ މި ޚަބަރު ދޮގުކުރުމަށް ސައޫދީ ސަރުކާރުވަނީ ފަސްޖެހިފަ އެވެ.

ހައްދު ޖެހުން ހުއްޓާލުމަށް ސައޫދީގެ ޝަރުޢީ ދާއިރާއިން ނިންމާފައި މިވަނީ ސައޫދީ ޝާހީ އާއިލާއަށް ފާޑުކިޔުމުގެ ސަބަބުން 11 އަހަރަށް ޖަލަށް ލައި ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ އެގައުމުގެ ދީނީ އިލްމުވެރި އެއްކަމަށްވާ ޝައިޚް ޑރ. އަބްދުﷲ އަލްޙާމިދު ސައޫދީ ޖަލެއްގައި އަވަހާރަވުމާގުޅިގެން ބައިނަލްއަގްވާމީ ފާޑުކިޔުންތައް ސައޫދީ އިސްވެރިންނަށް އަމާޒުވަމުންދާ ދަނޑިވަޅެއްގަ އެވެ.

ރިޔާޒް ގައި ހުންނަ ސައޫދީ ކޯޓު

ޝައިޚް ޑރ. އަބްދުﷲ އަލްޙާމިދު އަވަހާރަވެފައިވަނީ ޖަލުގައި ހުންނަވަނިކޮށް ޖެހުނު ސްޓްރޯކެއްގައެވެ. ސްޓްރޯކް ޖެހުމުން ޑރ. އަބްދުﷲ އަލްޙާމިދު ހޮސްޕިޓަލަށް ނުގެންގޮސް ގަސްދުގައި 4 ގަޑީއިރު ލަސްކުރުމުން ކަމުގެ ތުހުމަތު އެގައުމުގެ އިދިކޮޅު އެކްޓިވިސްޓުންވަނީ ސައޫދީ ސަރުކާރުގެ މައްޗަށް ކޮށްފައެވެ. ހާމިދު ހޮސްޕިޓަލަށް ގެންދިޔުން ލަސްކުރީ އޭނާ އަވަހާރަކޮށްލުމުގެ ބޭނުމުގައި ކަމަށް ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ސައޫދީ އިދިކޮޅު ފަރާތްތަކުން ސައޫދީ އިސްމަސްއޫލުވެރިންގެ މައްޗަށްވަނީ ތުހުމަތުކޮށްފައެވެ.

ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގައި ސައޫދީ ނޫސްވެރިއެއްކަމަށްވާ ޖަމާލް އަލްޚާޝުގްޖީ 2018 ވަނަ އަހަރުގެ ފަހުކޮޅު ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލި ކަމުގެ ތުހުމަތު ވެސް ކުރެވިފައި ވަނީ ސައޫދީ އިސް މަސްއޫލުވެރިންގެ މައްޗަށެވެ.

ސައޫދީ އަކީ އިސްލާމީ ޝަރީއަތުގައި އޮންނަ ހައްދު ޖެހުމުގެ އަދަބު ހުއްޓާނުލައި ކުރިޔަށް ގެންދާ އިސްލާމީ މަދު ގައުމުތަކުގެ ތެރޭގައި ހިމެނުނު ގައުމެކެވެ. ހައްދު ޖެހުން ހުއްޓާނުލައި ކުރިޔަށް ގެންދާތީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާއި އިންސާނީ ހައްގުތަކުގެ ނަމުގައި ހަރަކާތްތެރިވާ ހުޅަނގުގެ ޖަމްޢިއްޔާތަކުގެ ފާޑުކިޔުންތައް ސައޫދީ އަށް އަމާޒުވެފައިވެ އެވެ. އަދި އެމައްސަލާގައި އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމުގެ ތުހުމަތު ވެސް އެފަރާތްތަކުން ސައޫދީގެ މައްޗަށް ކުރަމުން ގެންދެ އެވެ.

ސައޫދީ ސަރުކާރުން މިފަހަކަށް އައިސް ވަނީ އެގައުމުން ކުރިން މަނާކޮށްފައިވާ އެތައް ކަމެއް ކުރުމުގެ ހުއްދަ ދީފަ އެވެ. މީގެ ތެރޭގައި މިޔުޒިކީ ބޮޑެތި ހަފްލާތައް ބާއްވައިގެން ނެށުމާއި މިޔުޒިކް ކުޅުމުގެ ހުއްދަ ދިނުމާއި ސައޫދީ ބައެއް ބީޗްތަކުގައި ބިކިނީގައި އަންހެނުން އުޅުން ހުއްދަ ދިނުމުގެ އިތުރުން މިޔުޒިކް ދަސްކޮށްދޭ ސްކޫލްތައް ސަރުކާރުގެ ޚަރަދުގައި ހިންގަން ފެށުން ހިމެނެ އެވެ.

މީގެ އިތުރުން ހުޅަނގުގެ ގައުމުތަކުގައި އޮންނަ ބާވަތުގެ މިނިވަން ފަތުވެރިކަމުގެ ނިޒާމެއް ސައޫދީގައި ތަޢާރަފް ކުރުމަށް ވެސް އެގައުމުގެ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އަދި ފިރިހެނުންނާ އެކު ކުޅިވަރު ސްޓޭޑިޔަމްތަކަށް އަންހެނުން ދިޔުންވެސް ސައޫދީ ސަރުކާރުން މިދިޔަ އަހަރުވަނީ ހުއްދަކޮށްފައެވެ. (ރޮއިޓާސް)