ލ. ފޮނަދޫ، އެދުރުގޭ، އިސްމާއިލް ހަސަން 1975 ވަނަ އަހަރު މާލެ އައިސް އުޅުނީ ތައުލީމު ހާސިލު ކުރާށެވެ. ކޮންމެހެން ވަޒީފާއެއް އަދާ ކުރުމުގެ ވިސްނުމެއް އޭރު އޭނާ ނުގެންގުޅެ އެވެ. އެހެންނަަމަވެސް، ކުރީގެ ކަސްޓަމްސް ހުރި އިމާރާތުގެ ނޯޓިސް ބޯޑެއްގައި، ދިވެހި ސަރުކާރުގެ ޝިޕިން ލައިން މޯލްޑިވްސް ޝިޕިން ލިމިޓެޑް (އެމްއެސްއެލް)އަށް ބޯޓު ދަތުރު ކުރާ މީހުން ހޯދަން އިއުލާނުކޮށްފައި އޮތުމުން އެކަމަށް އޭނާގެ ޝައުގު ދަމައިގަތެވެ.

އެއީ އެމްއެސްއެލްގެ ރަން ޒަމާނެވެ. މުޅި މި ސަރަހައްދުގެ އެންމެ އުހުގައި ގުނާލެވޭ ޝިޕިން ކުންފުނިތަކުގެ ތެރޭގައި އެ ކުންފުނި ހިމެނެ އެވެ. ބޮމްބޭ، ކަރާޗީ، ކޮލަމްބޯގެ ބަނދަރުތަކާއި މައި ޝިޕިން ލައިނުތަކުގައި ދިވެހި ދިދަ ޖެހި އެމްއެސްއެލްގެ ބޯޓެއް ހަރަކާތްތެރި ނުވާ ދުވަހެއް އެ ދުވަސްވަރު ނުދާނެ އެވެ. އޭރު ދިވެހި ސީމަނުންނަކީ މަސައްކަތުގެ އަހުލާގު ރަނގަޅު ކަމަށް މަޝްހޫރު، ބައިނަލްއަގުވާމީ ކުންފުނިތަކުގެ ޑިމާންޑު ބޮޑު ބައެކެވެ.

އެފަދަ އަގުބޮޑު ދާއިރާއަކަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައި އޮތުމުން، ވާ ގޮތެއް ބަލާލަން ވަޒީފާއަށް ފޯމު ލާނަމޭ އިސްމާއިލް ހިތަށް އެރި އެވެ. ފޯމެއް ނަގައިގެން ނޮވެލްޓީ އިމާރާތުގެ ބޭރު ފާރުގައި ޖައްސައިގެން އޭތި ފުރާފައި، ވަޒީފާއަށް އެދި ހުށަހަޅާ ފޮއްޓަށް ފޯމު ވައްޓާލި އެވެ. އެކަން ކުރީ މަޖަލަކަށެވެ. މާ ބޮޑު އުންމީދެއްގައެއްވެސް ނޫނެވެ. ނަމަވެސް، ހީކުރި ގޮތާ މުޅިން ހިލާފަށް އޭނާއަށް ވަޒީފާ ހަމަޖެހުނެވެ. އެއާއެކު، ކިލާހަށް ދިޔުން ހުއްޓާލާފައި އިސްމާއިލް ހަޔާތުގެ މުޅިން އެހެން މަންޒިލަކަށް ދަތުރު ފެށި އެވެ.

އެމްއެސްއެލްއިން ފެށި ދަތުރު އިރާނާ ހަމައަށް

އިސްމާއިލް އެންމެ ފުރަތަމަ މަސައްކަތް ކުރީ، "މޯލްޑިވްސް ސީ" ކިޔާ އެމްއެސްއެލްގެ ބޯޓެއްގަ އެވެ. އެ ބޯޓަކީ ކޮލަމްބޯ، ކަރާޗީ އަދި ބޮމްބޭ ފަދަ ތަންތަނުން މުދާ ބަރުކޮށްގެން މެދުއިރުމަތީގެ ގައުމުތަކަށް ދަތުރު ކުރި ބޯޓެކެވެ. ހަސްތޭކަ ޓަނުގެ އެ ބޯޓުގައި އިސްމާއިލް މަސައްކަތް ކުރީ 150 ލަންކާ ރުޕީސް އަށެވެ. އެއީ އޭރުގެ އެންމެ 10 ޕައުންޑެވެ. އެ ބޯޓުގައި ހަތަރު އަހަރާއި ނުވަ މަސް ދުވަހު އޭނާ މަސައްކަތް ކުރި އެވެ.

ޗުއްޓީއެއް ނެގުމަށް ފަހު އިސްމާއިލް ދެން މަސައްކަތް ކުރީ މޯލްޑިވްސް އިމޭޖް ކިޔާ ބޯޓެއްގަ އެވެ. އެއްހާސްދުއިސައްތަ ޓަނުގެ އެ ބޯޓުގައި މަސައްކަތް ކުރީ ދޮޅު އަހަރެވެ. އެ ބޯޓުގައި މަސައްކަތް ކުރުން ހުއްޓާލީ އެ ބޯޓު ޔަމަނުގެ މުކައްލާ ފަރަށް އަރައި ހަލާކުވުމުންނެވެ. އެއީ މުޅިން އެހެން ވާހަކައެކެވެ.

މޯލްޑިވްސް އިމޭޖުގެ ހާދިސާއަށް ފަހު އެމްއެސްއެލް ދޫކޮށްލަން އިސްމާއިލް ނިންމި އެވެ. ދިވެހި އެޖެންޓެއް މެދުވެރިކޮށް، ގްރީސްގެ ކުންފުންޏަކުން އޭނާ ވަޒީފާ ހޯދިއެވެ. އެއީ ކްލިކޯ އޮރިއެންޓަލް ލައިން ކިޔާ ކުންފުންޏެކެވެ. އެ ކުންފުނީގެ މުސާރައަކީ 150 ޑޮލަރެވެ. އޭނާ މަސައްކަތް ކުރީ އެ ކުންފުނީގެ 1500 ޓަނުގެ ބޯޓެއްގަ އެވެ. ނަމަވެސް، މާ ގިނަ ދުވަސްތަކެއް ނުވަނީސް އެ ބޯޓު ރޯމޭނިއާގެ ކޮންސްޓެންޓާގައި އޮއްވާ ކުންފުނި ބަނގުރޫޓުވީ އެވެ. އިސްމާއިލްއާއި އެ ބޯޓުގައި ތިބި އެހެން ދިވެހީންނަށް އަނބުރާ ރާއްޖެ އާދެވުނީ ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް ފެކްސްކޮށްގެން، އެޖެންޓުގެ އެހީ ހޯދައިގެންނެވެ.

ބޯޓު ދަތުރު ކުރުމުގެ ކެރިއަރުގައި އިސްމާއިލް އިރާނުގެ ގައުމީ ޝިޕިން ލައިން، އިސްލާމިކް ރިޕަބްލިކް އޮފް އިރާން ޝިޕިން ލައިންގެ ދެ ބޯޓެއްގައި މަސައްކަތް ކުރި އެވެ. އޭނާ އެ ކުންފުންޏަށް މަސައްކަތް ކުރީ 1980 ވަނަ އަހަރު ފެށުނު އިރާނު އިރާގު ހަނގުރާމައިގެ ތެރޭގަ އެވެ. އޭނާގެ ހަޔާތުގައި ދިމާވި އެންމެ ބިރުވެރި އެއް ހާދިސާ ހިނގީ އެ ކުންފުނީގެ އީރާން ރިޝާދަތު ކިޔުނު ބޯޓެއްގައި މަސައްކަތް ކުރަނިކޮށެވެ.

ރިޝާދަތު ބޯޓަށް ދިން ހަމަލާ

އިރާނު އިރާގު ހަނގުރާމަ ފެށުނީ 1980 ވަނަ އަހަރު އިރާގުން އިރާނު ފަތަހަ ކުރަން އެގައުމަށް ހަތިޔާރާއެކު އެރުމުންނެވެ. ހަނގުރާމަ ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ދެ ގައުމުން ވޯ ޒޯންތައް ނުވަތަ ހަނގުރާމައިގެ ސަރަހައްދުތައް އިއުލާނު ކުރި އެވެ. ގަލްފުގެ ބޮޑު ބައެއް ދެ ގައުމުން ކަނޑައެޅި ވޯ ޒޯންގެ ތެރޭގައި ހިމެނެ އެެވެ. ހަނގުރާމައިގެ ފުރަތަމަ ކޮޅު އިރާގުން އިރާނުގެ އުތުރު ބަނދަރުތަކުން ދަތުރު ކުރާ ބޯޓުތަކަށާއިި، އެތަންތަނަށް ދަތުރު ކުރާ ބޯޓުތަކަށް ވައިގެ ހަމަލާ ދިނެވެ. އަމާޒަކަށްވީ ސަޕްލައި ހުއްޓުވައި އިރާނު އިނދަޖައްސާލުމެވެ. ހަނގުރާމައިގެ ކުރީ ކޮޅު ހާއްސަކޮށް އިރާޏުގެ ބަނދަރު ހޮމެއިނީއަށާއި އިރާނުން ތެޔޮ އެކްސްޕޯޓު ކުރަން ބޭނުން ކުރާ ބަނދަރެއް ކަމަށްވާ ކާކްއަށް ދިޔަ ބޯޓުތަކަށް ހަމަލާ ދިނެވެ.

އިރާގުން ބޯޓުތަކަށް ހަމަލާ ދިނީ މިގް23 މަތިންތާބޯޓުތަކުންނާއި، މިރާޖް އެފް-1 މަތިންދާބޯޓުތަކުންނާއި، ސުޕާ ފްރޮލޮން ހެލިކޮޕްޓަރުތަކުންނެވެ. ފުރަތަމަ ކޮޅު ހަމަލާ ދިނީ ސުޕާ ފްރޮލޮން ހެލިކޮޕްޓަރުތަކުންނެވެ. ހަމަލާދޭން އިރާގުން ބޭނުން ކުރީ ފަރަންސޭސި އެކްސޮސެޓް އެންޓި-ޝިޕް މިސައިލެވެ. އެކްސޮސެޓް މިސައިކަލަކީ ކަނޑުގެ ލޮނުގަނޑުގެ ދެތިން ފޫޓު މަތިން ދަތުރު ކުރާ، ބޯޓުތަކަށް ހަމަލާދޭން ހާއްސަ މިސައިލެވެ.

އިސްމާއިލް 1981 ވަނަ އަހަރު މަސައްކަތް ކުރަމުން ދިޔައީ އިރާން ރިޝާދަތު ކިޔުނު ބޯޓެއްގަ އެވެ. ހަނގުރާމައިގެ އެންމެ ވަރުގަދަ ދުވަސްވަރު ކަމުން ބޯޓުގައި މަސައްކަތް ކުރެވުނީ ދިމާވާ ނުރައްކަލަކުން ލިބޭ ގެއްލުމެއްގެ ޒިންމާ ކުންފުނިން ނުނަގާ ގޮތަށް އެއްބަސްވެގެންނެވެ. އޭރުވެސް އިރާގުން ދިޔައީ ކޮންމެ ދެތިން ދުވަހަކު ކަހަލަ ގޮތަކަށް އިރާނުގެ ބޯޓުތަކަށް ހަމަލާދެމުންނެވެ.

އެ ދުވަސްވަރު ބޯޓު ބަނދަރު އައްބާސްއިން ބަނދަރު ހޮމެއިނީއަށް ދަތުރު ކުރަން ހަމަޖެހުނެވެ. އެ ދަތުރުގައި އިރާގުގެ ހަމަލާތަކުގެ ނުރައްކާ އޮތުމުން މަންޒިލަށް ދަތުރު ކުރީ 15 ބޯޓު އެއްކޮށްގެން ފަހަރަކު ބޯޓެއް ލައިނަކަށް ފޮނުވާ ގޮތަށެވެ. ރިޝާދަތު ބޯޓު އޮތީ އެ ލައިނުގެ 12 ވަނަ އަށެވެ.

އިރާނުގެ އުތުރު ބަނދަރެއް ކަމަށްވާ ބަނދަރު ހޮމެއިނީ --

ބަނދަރު ހޮމެއިނީއާ ދިމާލަށް ދަތުރު ކުރި އިރު ބޯޓުގައި ތިބި ފަޅުވެރިން ހަމަލާއެއް އަންނާނެ ކަމަށް ބަލައި ކުއްލި ހާލަތަށް ތައްޔާރުވެގެން ތިބެން އޮތީ އަންގައިފަ އެވެ. އެ ބޯޓުގައި އިސްމާއިލްގެ އިތުރުން 13 ވަރަކަށް ދިވެހިން މަސައްކަތް ކުރި އެވެ.

"އެނގޭ ދެން ގޮއްވާލާނެކަންވެސް. އަންގާފައި އޮތީ ހުރިހާ މީހުންވެސް ލައިފް ޖެކެޓު އަޅައި، ޕާސްޕޯޓު ފެން ނުވަންނަ ގޮތް ހަދައި، އަތުގައި ހުރި ލާރިއެއް ފެން ނުވަންނަ ގޮތް ހަދައިގެން ތިބެން،" އިސްމާއިލް ކިޔައިދިނެވެ.

ހަމަލާއެއް އައުމުގެ ނުރައްކާ އެންމެ ބޮޑު ސަރަހައްދާ އަރާ ހަމަވާން އޮތީ އެ ދުވަހުގެ ހެނދުނުގެ ހަތެއް ޖަހާކަންހާއިރު އެވެ. ފަޅުވެރިން ތިބީ އެ ވަގުތުކޮޅުގެ ތެރޭގައި ހަމަލާއެއް ނާންނަ ނަމަ، އެ ސަލާމަތްވީ ކަމަށް ބަލަންގެންނެވެ. އެ ވަގުތަށް އެންމެން ތިބީ ލައިފް ޖެކެޓު އަޅައި ތައްޔާރުވެގެން ބޯޓުގެ އެއް އަރިމަތީގަ އެވެ. އެއީ މިސައިލް އަންނަންޏާ އަންނާނީ އިރާގު އޮންނަ ކޮޅުން ކަމަށް ބަލާފަ އެވެ.

ނުރައްކާ ސަރަހައްދާ އަރާ ހަމަވިތާ މާ ގިނަ އިރުތަކެއް ނުވަނީސް އިރާގުން ރިޝާދަތު ބޯޓަށް އަމާޒުކޮށް މިސައިލު ހަމަލާއެއް ފޮނުވާލި އެވެ.

"ހަތެއް ޖަހައި ފަސް މިނެޓު އޮއްވާ މިސައިލް ފޮނުވާލީ،" އިސްމާއިލް ކިޔައިދިނެވެ. "މިސައިލް އައީ ގާތްގަނޑަކަށް ދެ ފޫޓު ތިން ފޫޓުހާ މަތިން. ވާހައަކީ ކަނޑުގެ މަލަފައްގަނޑުގައި ޖެހެމުންނޭ އައީ،"

އިސްމާއިލް ބުނި ގޮތުގައި މިސައިލު ދިޔަ ގޮތަށް ބޯޓުގެ އަރިމަތި ފޫ އަޅުވާލާފައި ގޮސް އެތެރެއަށް ގޮވީ އެވެ. އޭތި ވަނީ ކޮންޓްރޯލު ރޫމް ހުންނަ ދިމާލަށް ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ބިރުގަތް. ބޯޓު ތުރުތުރު އަޅައިގެން ދިޔައީ،" އިސްމާއިލް ކިޔައިދިނެވެ.

ބޯޓުގެ އެއް އަރިމަތިން ބޮޑު ބާގަނޑެއް ހެދުނަސް ބޯޓު މަޑެއް ނުޖެހެ އެވެ. ބޯޓު ބާރު ދުވެލީގައި ކުރިއަށް ދިޔައެ ވެ. ބޯޓު ހުރި ގޮތަށް ކުރިއަށް ދަނިކޮށް، ފަޅުވެރިން ލައިފް ބޯޓަށް އަރައި އޭތި ތިރި ކުރަން މަސައްކަތް ކުރި އެވެ. އެކަމަކު ގިނަ މީހުން ތިބީ ލައިފް ބޯޓުގެ ދިރުބާކޮޅުގައި ކަމުން، ފެނުގައި ޖެހުނު ގޮތަށް ލައިފް ބޯޓުގެ ދިރުބާކޮޅު އަޑިއަށް ގޮސް އެ ބޯޓު އަޑިއަށް ދިޔައީ އެވެ.

"ލައިފް ބޯޓު ނައްޓާލި އިރު، [ރިޝާދަތު ބޯޓު]ދުވާލެއް ބާރު ކަމުން، ގޮއްވާލިއަކަސް އަދި ބޯޓެއް ނުހުއްޓޭނެތާ ދޯ. ކުރީ ކޮޅު ގަނބައިގެން ދިޔަ ގޮތަށް ގޮސް ލައިފް ބޯޓު ފީނާލީ،" އިސްމާއިލް ކިޔައިދިނެވެ.

ލ. ފޮނަދޫ، އެދުރުގޭ، އިސްމާއިލް ހަސަން ބޯޓު ދަތުރު ކުރި އިރުގެ ވާހަކަތައް "ސަން"އަށް ކިިޔައިދެނީ -- ސަން ފޮޓޯ

ލައިފް ބޯޓު އަޑިއަށް ދިޔުމުން އެ ފަޅުވެރިން ތިބެން ޖެހުނީ ކަނޑުމަތީގަ އެވެ. ނަސީބަކުން ކަނޑު އޮތީ ވަރަށް މަޑުކޮށެވެ. ކަނޑުމަތީގައި އެއް ގަޑިއިރުވި ފަހުން އިރާނުގެ ޓަގްބޯޓެއް އައިސް އެ މީހުން ސަލާމަތްކޮށްގެން ބަނދަރު ހޮމެއިނީއަށް ގެންދިޔަ އެވެ. އަދި ނޭވީ މީހުން ޓަގްތަކުގައި ގޮސް ރިޝާދަތު ބޯޓުގެ އަލިފާންގަނޑު ނިއްވާލައި އެ ބޯޓުގައި ހުރި މުދާ ސަލާމަތް ކުރި ކަމަށް އިސްމާއިލް ބުންޏެވެ.

ފަޅުވެރިންގެ ތެރެއިން ޗީފް އިންޖިއަނަރާއި، ރޭޑިއޯ އޮފިސަރާއި ކުޑަ ކައްކާއަށް ފަތަން ނޭނގޭ ކަަމަށް އިސްމާއިލް ބުންޏެވެ. އޭގެ ތެރެއިން ކުޑަ ކައްކާ އެ ހާދިސާގައި ކަނޑުމަތީގައި މަރުވީ އެވެ.

ރިޝާދަތު ބޯޓު ބަނދަރު ހޮމެއިނީއަށް ދަތުރު ކުރީ ހަތިޔާރު ބަރުކޮށްގެންކަން ބޯޓު ފުރި އިރު އިސްމާއިލްމެންނަކަށް ނޭނގެ އެވެ. އެކަން އެނގުނީ ދަތުރު މަތީގައި ހަލާކުވެފައި ހުރި ކޮންޓެއިނަރުތައް ބެލުމުގެ ތެރޭގަ އެވެ.

"ގޮއްވާލާނެތާ، އޭގައި ހުރީ ހުސް ހަނގުރާމަ ހަތިޔާރު. އަހަރެމެންނަށް އެނގުނީ ބޯޓު ފުރި ފަހުން، ކަނޑު ގަދަވެގެން ކޮންޓެއިނަރުތައް ހަލާކުވެގެން ހުޅުވައިގެން ބަލާލި އިރު މަތިންދާބޯޓުން އަޅާ ވައްތަރު ބޮން މިހުންނަނީނުންދޯ، އޭގެ އެއްޗެހިވެސް ހުރި،" އިސްމާއިލް ކިޔައިދިނެވެ.

ބަނދަރު ހޮމެއިނީގައިވެސް އިސްމާއިލްމެން ތިބެން ޖެހުނީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އެތަނުގައި އެންމެން އުޅުނީ ހަމަލާއެއް ދީފާނެތީ ބޮކިތައް ނިވައިގެންނެވެ. އެ މީހުންނަށް އަނބުރާ ރާއްޖެ އާދެވުނީ ބަނދަރު ހޮމެއިނީ އިން ފުރި އެހެން ކުންފުންޏެއްގެ ބޯޓަކަށް އަރައިގެންނެވެ.

އިރާނު އިރާގު ހަނގުރާމައިގެ ތެރޭގައި ދެ ގައުމުންވެސް ގަލްފުގައި ދަތުރު ކުރި ކާގޯ ބޯޓުތަކަށާއި ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނެވެ. އިރާނުގައި އޭރު އެންޓި-ޝިޕް މިސައިލު ނެތަސް އެ މީހުންވެސް އިރާގުގެ ސަޕްލައި ހުއްޓުވަން އެހެން ބާވަތްތަކުގެ މިސައިލްތައް ބޭނުން ކުރި އެވެ. އެ ދުވަސްވަރު މަޝްހޫރުވެފައި ވަނީ "ޓޭންކާ ވޯ" ނުވަތަ ޓޭންކަރުގެ ހަނގުރާމައިގެ ގޮތުގައި އެވެ. ހަނގުރާމަ ނިމިގެން ދިޔަ އިރު 32 ގައުމެއްގެ ބޯޓުތަކަށް ހަމަލާ ލިބުނެވެ. އަދި އެކި ގައުމުތަކުން 400އެއްހާ ސީމަނުން މަރުވި އެވެ.

އީރާނު އިރާގު ހަނގުރާމައިގެ ދުވަސްވަރު ސިންގަޕޫރުގެ ބޯޓަކަށް އިރާނުން ހަމަލާ ދިނުމުން ބޯޓުގައި ރޯވެފައި -- ފޮޓޯ/ ގެޓީ އިމޭޖަސް

ރިޝާދަތު ބޯޓުގެ ހާދިސާއަށް ފަހުވެސް އިސްމާއިލް އިރާނުގެ ގައުމީ ޝިޕިން ލައިނަށް މަސައްކަތް ކުރި އެވެ. ފަހުން މަސައްކަތް ކުރީ އިރާނު ޓައިފޫރީ ކިޔާ 1500 ޓަނުގެ ބޯޓެއްގަ އެވެ. އެ ބޯޓަކީ އޭނާގެ ކެރިއަރުގައި މަސައްކަތް ކުރި އެންމެ ފުރިހަމަ އެއް ބޯޓު ކަމަށް އޭނާ ބުންޏެވެ. އެ ބޯޓުގައި އެންމެ އާދައިގެ މުވައްޒަފަށްވެސް ކޮޓަރިއެއް ހުއްޓެވެ. ކޮންމެ ކޮޓަރިއެއްގައި ޑަބްލް ބެޑަކާއި ފާހާނާއެއް ހުއްޓެވެ. އަދި ސްވިމިން ޕޫލެއްވެސް ހުއްޓެވެ. އޭގެ އިތުރުން ލިބުނު 350 ޑޮލަރުގެ މުސާރައަކީ އޭރާ އަޅާ ބަލާއިރު ބޮޑު މުސާރައެކެވެ.

އިސްމާއިލް ބޯޓު ދަތުރު ކުރުން ހުއްޓާލީ 1984 ވަނަ އަހަރު އެވެ. އޭރު އޭނާއަށް ހުރީ ދެ ދަރިން ލިބިފަ އެވެ. އޭނާ ބުނި ގޮތުގައި ބޯޓު ދަތުރުކުރުން ހުއްޓާލީ އަނބިދަރިން ގާތުގައި ހުރުމަށެވެ. ސަމާސާގޮތަކަށް އޭނާ ބުނީ އޭރު އަނބުރާ ރަށަށް އަންނަ އިރު ދަރިންނަށް އޭނާ އަކީ ކާކުކަންވެސް ނޭނގޭ ކަމަށެވެ. ރަށަށް އާދެވެނީ އެހާ ގިނަ ދުވަސްފަހުންނެވެ. މިހާރު އިސްމާއިލްގެ ބޮޑުވެފައި ތިބި ފަސް ދަރިން އެބަ ތިއްބެވެ. އޭނާ އުޅެނީ ފޮނަދޫގަ އެވެ. މިއީ އޭނާގެ ހަޔާތުގެ އެންމެ ޗާލާކީ ދުވަސްވަރުގެ ވާހަކަ އެވެ.