26 Apr 2020, 10:50
"މި ހާދިސާ ހިނގާފައި ވަނީ ނުބުއްވަތުގެ ދުވަސްވަރުގެ މަދަނީ ދައުރުގައި. އެ ދުވަސްވަރު ފަނޑިޔާރަކަށް ހުންނެވީ އެންމެ ހެޔޮ ސާހިބާ. ކީރިތި މާތް ނަބިއްޔާ. މާތް ރަސޫލާ ދުނިޔޭގައި ހުންނެވި. އެހެންކަމުން އޭރު އަދި ވަޙީގެ ސަމާވީ ރާބިޠާ ކެނޑިގެންނެއް ނުދޭ. އަޅުގަނޑުމެންގެ މި ވާހަކައިގެ ހާދިސާ ހިނގީ މަދީނަތުލްމުނައްވަރާގައި. އާދެ ނޫރުލެއްވިގެންވާ މަދީނާގައި. އެއީ ހިޖުރައިން ހަތަރުވަނަ އަހަރު. އެއީ މަދީނާގެ އަހުލުވެރީންނަށް ވަރަށް ތަދުމަޑުކަމެއް ޖެހި، އޭގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައި އޮތް ދުވަސްކޮޅެއް." ގާޒީ ޞަފިއްޔުއްދީނު ވާހަކައިގެ ފަސްމަންޒަރު ކިޔައިދެއްވިއެވެ.
"ހިނގާ ވާހަކައާއިގެން ކުރިޔަށް ދަމާ!" ގާޒީ ޞަފިއްޔުއްދީން ވިދާޅުވިއެވެ. އަދި ވާހަކަ ކިޔައިދެއްވާން ފެއްޓެވިއެވެ.
*****
"ޤަތާދާ! ޤަތާދާ! ފިރިޔާ! އަހަރެމެންގެ އެ އަވަށްޓެރީނަށް ﷲ ދެއްވާފައިވާ ރިޒުގުން ކޮންމެވެސް މިންވަރެއް އަހަރެމެންނަށް އެމީހުން ދޭތޯ ބަލާން އެމީހުން ގާތަށް ގޮސް ކާއެތިކޮޅަކަށް އެދޭންވީއެއް ނޫންތަ؟" ސުހައިލާ އޭނާގެ ފިރިމީހާއަށް ބުންޏެވެ.
"ސުހައިލާ! އެމީހުން ވެސް އަހަރެމެންނާ އެއްފަދަ. އެމީހުންގެ އަތުގައި ވެސް އެއްޗެއް ނެތް. އެމީހުންގެ އަތުގައި ކާއެއްޗެހި ހުރި ނަމަ، އެމީހުން އަހަރެމެންނާ ހިއްސާ ކުރީސް. ﷲ ގެ ރަސޫލާ އަހަރެމެންނަށް އިރުޝާދު ދެއްވާފައިވާ ފަދައިން." ޤަތާދާ ބުންޏެވެ.
"ޞައްލަ ﷲ ޢަލައިހި ވަސައްލަމް! އެކަމަކު ރޯކޮށްފައި އުނދުނުގެ މަތީން ތެއްޔެއް އަހަންނަށް އެބަ ފެނޭ." ސުހައިލާ ބުންޏެވެ.
"އޭގެ ތެރޭގައި ފެން ނޫން އެހެން އެއްވެސް އެއްޗެއް ނެތް." ޤަތާދާ އޭނާގެ އަނބިމީހާއަށް ކިޔައިދިނެވެ.
"ވިސްނިއްޖެ. އުނދުން މަތީގައި ތެލި ބަހައްޓައިގެން ފެން ކައްކަނީ ބަނޑުހައިވެފައި ތިބި ކުޑަކުދީންނަށް ތަސައްލީއެއް ދޭން. އޭރުން އެ ކުދީން ހީ ކުރާނީ ކާތަކެތި އެބަ ތައްޔާރު ވޭ ކަމަށް. އަދި ހިތްހަމަ ޖައްސާލައިގެން އިންތިޒާރުގައި ތިއްބައި އެކުދީންނަށް ނިދިދާނެ." ސުހައިލާ ބުންޏެވެ.
"ކޮންމެ ޙާލެއްގައިމެ ﷲ އަށް ޙަމްދު ކުރަން. އެއިލާހު އަހަރެމެންނަށް ދެރަ ގޮތެއް މެދުވެރިއެއް ނުކުރައްވާނެ. އަހަރެމެންނަށް މި ވަގުތު މި ކުރިމަތިވެފައިވާ ދަތިކަމަކީ އެއަށް ވުރެ ބޮޑު ދަތިކަމަކާއި ނުރައްކަލަކުން ސަލާމަތް ކުރެއްވުމުގެ ގޮތުން ކުރިމަތި ކުރެއްވި މަގެއް ކަން ކަށަވަރު. މި ދުނިޔެއަކީ އަބަދީ ތަނެއް ނޫން. އީމާން ވެ، ޞާލިޙު ޢަމަލުކޮށް، ހައްގު ގޮތުގައި އުޅެ، ހައްގަށް ވަޞިއްޔަތްކޮށް، ކެތްތެރިވެ، ކެތްތެރިވުމަށް ވަޞިއްޔަތްކުރުން އަހަރެމެންނަށް އޮތީ. އޭރުން އާހިރަތުގައި އަހަރެމެންނަށް ފަލާހާއި ކާމިޔާބު ލިބޭނެ." ޤަތާދާ އޭނާގެ އަންހެނުންނަށް ހިތްވަރު ދިނުމުގެ ގޮތުންނާއި ހަނދާންކޮށް ދިނުމުގެ ގޮތުން ވާހަކަ ދެއްކިއެވެ.
"ޤަތާދާ! އަހަރެން އަޑުއެހިން ތިބާގެ ބޮޑުބޭބެ ރިފާޢުގެ އަތުގައި ވަރަށް ގިނައިން ކާބޯތަކެތި ހުރި ވާހަކަ. އަދި ދަގަނޑުން ވާ މޮޅު އައްޑަނައެއް ވެސް އޭނާއަށް ލިބުނު ވާހަކަ އަޑު އެހިން." ދިމާ ވެފައިވާ މައްސަލައަށް އެއްވެސް ހައްލެއް ލިބޭތޯ ސުހައިލާ އޭނާއަށް ލިބިފައި ހުރި އެކިއެކި މައުލޫމާތު އޭނާގެ ފިރިމީހާއާ ހިއްސާ ކުރަމުން ދިޔައެވެ.
"އާނ. އެ އައްޑަނައަކީ ﷲ ގެ ރަސޫލާ ބޮޑުބޭބެއަށް ދެއްވި އެއްޗެއް. އެއީ ޣަނީމާ މުދަލުގެ ތެރެއިން އެކަލޭގެފާނު ދެއްވި އެއްޗެއް. އެއްމެންގެ ކުރިމަތީގައި ދެއްވި އެއްޗެއް." ޤަތާދާ ބުންޏެވެ.
"އައްޑަނައިގެ ވާހަކަ އަހަންނަށް އެނގޭ. މި ވަގުތު އަހަންނަށް މުހިއްމީ ކާބޯތަކެތީގެ ވާހަަކަ." ސުހައިލާ ބުންޏެވެ.
"ބޮޑުބޭބެ ގާތަށް ގޮސް އެއްޗަކަށް ކިޔާން އަހަރެން ލަދު ގަނޭ." ޤަތާދާ ބުންޏެވެ.
"ކީއްވެ ލަދު ގަންނާންވީ؟ އެއީ އަމިއްލަ ބޮޑުބޭބެއެއް ނޫންތަ؟" ސުހައިލާ ބުންޏެވެ.
"ބޮޑުބޭބެގެ އަތުގައި ތިޔަ ހީ ކުރާ ވަރަށް ގިނައިން އެއްޗެހި ނުހުރެދާނެ." ޤަތާދާ ބުންޏެވެ.
"ކިތައްމެ މަދު އެތިކޮޅެއް ލިބުނަސް، މި ބަނޑުހައިހޫނުކަމަށް ވުރެން ރަނގަޅު ވާނެ." ސުހައިލާ ބުންޏެވެ.
"އެންމެ ރަނގަޅު. ފަޖުރުލުމުގެ ކުޑައިރުކޮޅެއް ކުރީން އަހަރެން އެ ގެއަށް ދާނަން. އެ ވަގުތު ބޮޑުބޭބެ އުޅޭނީ ހޭލައި. އަދި ކިޔައިދެވޭން އޮތް އެންމެ ރަނގަޅަކަށް އަހަރެމެންގެ ހާލަތު ބޮޑުބޭބެއަށް ކިޔައިދޭނަން. އެކަމަކު އެހާ ސީދާކޮށް ބުނާކަށް އަހަންނަކަށް ނުކެރޭނެ. އަހަރެން ބުނާނީ އާމްދަނީ ލިބޭ ކޮންމެވެސް މަސައްކަތެއް ނުލިބިގެންނޭ މި އުޅެނީ. އެހެން ބުނީމާ ބޮޑުބޭބެއަށް އެނގޭނެ އެހެން ބުނާނީ ދަތިވެގެންކަން." ޤަތާދާ ބުންޏެވެ.
"އަހަރެން ވެސް އެދެނީ ތިޔަ ގޮތް. ހެޔޮ ފަތިހަކަށް ހެއިލުމުގެ ތައުފީގު ދެއްވުން އެދި ދުއާ ކުރަން." ނިދުމަށް ތައްޔާރު ވުމުގެ ގޮތުން ސުހައިލާގެ ވާހަކަ ކުރުކޮށްލިއެވެ.
*****
"މި ހުރިހާ އެއްޗެއް ކީއް ކުރަން؟ ރާޙީލް. ކަދުރާއި މާމުޔާއި ކިރު!!! އެއް ވަގުތެއްގެ ކެއުމުގައި ބާވަތްތައް ގިނަ ކުރުމަކީ އިސްރާފެއް." ޒައިދު ބުންޏެވެ. ޒައިދަކީ މަދީނާގައި ދިރިއުޅޭ ޔަހޫދީންގެ ތެރެއިން މީހެކެވެ.
"މި ދަތި ދަނޑިވަޅުގައި ތިބާއަށް ވަނީ ތިބާގެ ވިޔަފާރީން ވަރަށް ބޮޑު ނަފާއެއް ލިބިފައި. މިއީ މޫސާގެފާނުގެ ވެރި އިލާހުގެ ބަރަކާތް." ޒައިދުގެ އަނބިމީހާ ރާޙީލް ބުންޏެވެ.
"އަހަރެންގެ ބައްޕަ އަބަދުވެސް ބުނެ އުޅުނު. ގިނައިން ކެއުމަކީ މުދާވެރިކަމަށާއި ދުޅަހެޔޮކަމަށް އޮތް ނުރައްކަލެއް ކަމަށް." ޒައިދު ބުންޏެވެ.
"އެހެންތަ؟ އެކަމަކު ބައްޕަ މަރުވީ ގިނައިން ކެއުމުގެ ސަބަބުން ފަލަވެ ނުހިނގިގެން ތަންމަތީގައި ވަރަށް ވޭނުގައި އުޅުމަށް ފަހުއެއް ނޫންތަ؟" މަލާމާތުގެ ރާގެއްގައި ރާޙީލް ބުންޏެވެ.
"ނޭނގޭ ވާހަކަ އަހަރެންގެ މަރުވެފައިވާ ބައްޕައާ ގުޅޭ ގޮތުން ނުދައްކާ! ބައްޕަ ފަލަވީކީ ނޫން. ބައްޕަައަށް ދުޅަ ބަލި ޖެހުނީ. އެއީ ފެންވިހަވެގެން ދިމާވި ކަމެއް. ބައްޕައަކީ އެއް އިރެއްގައި ވެސް ކެއުމުގައި އިސްރާފު ކުރި މީހެއް ނޫން." ޒައިދު ހުރީ އޭނާގެ އަނބިމީހާގެ ވާހަކަތަކާ މެދު ހިތްހަމަ ނުޖެހިފައެވެ.
"އަހަރެން ހަގީގަތުގައި ބުނާން މި އުޅުނީ... އަހަރެމެން ކޮންމެ ދުވަހަކު ވެސް މަސައްކަތުގައި އެހާ ގިނަ އިރު ހޭދަކޮށް ރޭޭގަނޑު ވާ އިރު މި ތިބެނީ ވަރުބަލިވެ، ގައިގެ ވަރުދެރަވެފައޭ. އެހެންވީމާ ރަނގަޅު ކާއެއްޗަކުން އަޝާ ކުރުމަކީ ލާޒިމް ކަމެކޭ." ރާޙީލް އޭނާގެ ވާހަކައިގެ ރާގު ބަދަލުކޮށްފައި ބުންޏެވެ.
"އެކަމަކު މިހާ އިސްރާފު ބޮޑު ކޮށެއް ނޫން. ކިރާއި މާމުއި އެންމެ ރަނގަޅު. ނުވަތަ ކަދުރާއި ފެން. ނުވަތަ ކަދުރާއި ކިރު ވެސް މައްސަލައެއް ނެތް. ކަދުރާއި މާމުއި، މި ގޮތަށް ދެފޮނި އެއްކުރުމަކީ ކެއުމުގައި އިސްރާފެއް. މަދީނާގެ ގިނަ ގޭގޭގައި ކާނެ އެއްވެސް އެއްޗެއް ނެތިގެން އެ އުޅެނީ." ޒައިދު ބުންޏެވެ.
"އަހަރެމެން ކެއުމަށް ފަހު ބާކީވީ އެއްޗެއް އަވަށްޓެރީންނަށް ދޭންވީތަ؟" ރަޙީލް އެހިއެވެ.
"މޮޔަވީތަ؟ ރަޙީލް! އެމީހުންނަކީ މައްކާ މުޙައްމަދަށް ތަބާވާ މީހުން. އަހަރެމެން މަސައްކަތް ކޮށްގެން ހޯދާފައިވާ ތަކެތި މުޙައްމަދަށް ތަބާވާ މީހުންނަށް ދޭންވީތަ؟ ތިޔައީ ގޯސް ވިސްނުމެއް." ޒައިދު ބުންޏެވެ.
"އެމީހުންވެސް އަހަރެމެންނަށް ދަތިވެގެން އުޅުނު އިރު، ކާބޯތަކެތި ފޯރުކޮށް ދިނެެއް ނޫންތަ؟" ރަޙީލް ބުންޏެވެ.
"އެމީހުންގެ އަތުން އަހަރެމެން ހޯދުމުގައި މައްސަލައެއް ނެތް. އެކަމަކު އަހަރެމެންގެ އަތުން އެމީހުންނަށް އެއްޗެއް ލިބުމަކީ މުސްތަޙީލު ކަމެއް. ފައިސާ ހިފައިގެން އައީމާ ބޮޑު ނަފައެއް ލާފަައި ވިއްކާނީ. މި ނޫން ގޮތެއް ނޯންނާާނެ." ޒައިދު އޭނާގެ ވިސްނުން ހާމަ ކުރިއެވެ.
"އެންމެ ރަނގަޅު!" ރަޙީލް ބުނެލިއެވެ.
"މިހާރު އަހަރެމެންނަށް ފުދޭ ވަރަށް ކެވިއްޖެ. ކާނީ ބަނޑު ފުރާކަށް ނޫން. ކާނީ ގައިގެ ވަރު ޖެހޭ މިންވަރަށް. އެހެން ނޫނީ ހަޖަމަށް ބުރަ ބޮޑުވެ ސިއްހަތަށް ނުރައްކާ ވެދާނެ. މި ތަކެތި ހިނިފަނިސޫފި ނާރާ ގޮތަށް މާދަމާ ކެއުމަށް ބަހަޢްޓާން ޖެހޭނެ." ޒައިދު ބުންޏެވެ.
*****
"އާހ... ތާޒާ ކިރުގެ ވަހާއި މާމުއިގެ ވަސް ވެސް އަހަންނަށް އެބަ ދުވާ." ޠުޢުމާ އޭނާގެ އެކުވެރީންނަށް ބުންޏެވެ.
"ތިޔަ ކާއެއްޗެހީގެ ވަސް އެ އަންނަނީ ކަލޭގެ އަވަށްޓެރި ޔަހޫދީ ޒައިދުގެ ގެއިން. އެ ފަދަ ނުބައި އަވަށްޓެރީންގެ ނުބައިކަމުން ﷲ އަހަރެމެން ސަލާމަތް ކުރައްވާާށި!" ޠުޢުމާާގެ އެކުވެރިޔާ ބުންޏެވެ.
"އަހަރެންގެ އަޚުންނޭ! މީހުން ނެތް ތަންތާނގައި އެމީހުންގެ ވާހަކަ ދެއްކުމުން ހިނގާ ދުރުހެލިވަމާ! އަދި ކޮންމެވެސް ހެޔޮކަމަކާ ބެހޭ ގޮތުން ވާހަކަ ދައްކަމާ!" އަނެއް އެކުވެރިޔާ ބުންޏެވެ.
"ކަންބަޅިއެއް ފިހެލުމާ މެދު ވާހަކަ ދެއްކުން ކިހިނެއް؟" ޠުޢުމާ ބުންޏެވެ.
"ކާބޯތަކެތި ނޫން އެއްޗެއްގެ ވާހަކަ ކަލޭގެ ދޫ މައްޗަށް ނާންނަނީތަ އެކުވެރިޔާ." އެކުވެރިޔާ ބުންޏެވެ.
"އެހެން ވެގެންކަން ނޭނގޭ، އަހަރެމެންގެ އެކުވެރިޔާ ބަޝީރުގެ ނަމުގެ ގޮތުގައި ޠުޢުމާ މި ނަން މީހުންގެ ތެރޭގައި މަޝްހޫރުވެފައި ވަނީ." ކުރީން ވާހަކަ ދެއްކި އެކުވެރިޔާ ބުންޏެވެ.
"އޭ އަހަރެންގެ އަޚުންނޭ. އަހަރެމެންނަށް ކުރިމަތިވެފަައި މިވާ ބަނޑުހައިހޫނުކަމަކީ ﷲ އަހަރެމެންނާ ކުރިމަތި ކުރެއްވި އިމްތިޙާނެއް. އަހަރެމެން އީމާންވާ މިންވަރު ހާމަކޮށް ދެއްކެވުމަށް. ވަރަށް އަވަސް މުސްތަގުބަލެއްގައި އަހަރެމެންނަށް ހެޔޮ ގޮތްތައް ފެންނާން ފަށާނެ." އެކުވެރިޔާ ބުންޏެވެ.
"ހެޔޮކަމޭ! ކޮން ހެޔޮކަމެއް އަންނާނީ. ޚަޒްރަޖު ވަންހައިގެ ސާހިބުން ކުރެ އަހަރެން ފަދަ މީހެއްގެ އަތުގައި ބަނޑުފުރާނަ މުއްތިކޮށްލާނެ ކުޑަކުޑަ ރޮށިފަޅިއެއް ވެސް ނެތިގެން އުޅޭ އިރު، ކޮން ހެޔޮކަމެއްގެ ވާހަކަ ތިޔަ ދައްކަނީ." ޠުޢުމާ ބުންޏެވެ. އެ ވަގުތު ކޮންމެވެސް ކަމެއް ހަނދާން ވެގެން ނުވަތަ ކޮންމެވެސް މޮޅު ޚިޔާލެއް އައިސްގެން ޠުޢުމާގެ ލޯ ބޮޑު ވެގެން ދިޔައެވެ. އަދި މޫނު މައްޗަށް ހިނިތުންވުމެއްް ވެރިވިއެވެ.
*****
ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވުމުގެ ކުޑައިރުކޮޅެއް ކުރީން ޤަތާދާ އޭނާގެ ގެއިން ނުކުމެގެން ބޮޑުބޭބެ ރިފާޢުގެ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. އެ ވަގުތު ޠުޢުމާ ވެސް ދިޔައީ ރިފާޢުމެންގެ ގެއާ ދިމާއަށެވެ. ޠުޢުމާ ގޮސް އެގޭގެ ބިތްދޮށުގައި މަޑުކޮށްލިއެވެ. އަދި ރަނގަޅަށް ފާރަށް ނަޒަރު ހިންގާލުމަށް ފަހުގައި އޭނާ ފާހަގަކޮށްފައި ހުރި ތަނެއްގެ ކައިރީގައި މަޑުކޮށްލިއެވެ. އަދި ހިތާހިތުން ބުނެލިއެވެ. "އަހަންނަށް ހީވަނީ މިއީ ރަނގަޅު ނުގުތާ ހެން." އަދި އެއާ އެކު ފާރުން ގާތައް ނައްޓާން ފެށިއެވެ. ފާރުން ބޮޑު ބާގަނޑެއް ހެދުމަށް ފަހު އެ ތަނުން އަތް ވެއްދުމަށް ފަހު ދަމައި ނެރުނީ ގޯންޏެކެވެ. އަދި އަވަސްއަވަހަށް އެ ގޯނި ކޮނޑަށް ލައިގެން އޭނާ ހިނގައިގަތެވެ.
ޚަޒްރަޖު ވަންހައިގެ މީހުން އިސްލާމް ވުމުން އޭގެ ތެރޭގައި ޠުޢުމާ ވެސް އިސްލާމް ވިއެވެ. އެހެންނަމަވެސް ވައްކަން ކުރުމުގެ އާދަ އޭނާގެ ކިބައިން ފިލައިގެނެއް ނުދެއެވެެ.
ޠުޢުމާ އެ ގޯނި ކޮނޑަށް ލައިގެން ހިނގައިގަތް ވަގުތަކީ ޤަތާދާ ވެސް އައިސް އެ ދިމާޔަށް ނުކުތް ވަގުތެވެ. އެ ވަގުތު ޤަތާދާ ގޮވާލިއެވެ.
"އައްސަލާމު ޢަލައިކުމް!"
ޠުޢުމާ ޖަވާބެއްް ނުދިނެވެ. އަދި އޭނާގެ ފިޔަވަޅުތައް އަވަސްކޮށްލިއެވެ. އެހެންނަމަވެސް ޤަތާާދާއަށް އެއީ ޠުޢުމާކަން އެނގުނެވެ. އެހެންވެ އޭނާއަށް ނަމުން ގޮވައިލިއެވެ.
"ޠުޢުމާ!"
މި ފަހަރު ވެސް ޠުޢުމާ ޖަވާބެއް ނުދިނެވެ. އެ ވަގުތު ޠުއުމާާ ހިތާހިތުން ސުވާލު ކޮށްލިއެވެ. "މި ވަގުތު މި ތަނަށް ޤަތާދާ އައީ ކޮން ކަމަކު ބާ؟ އަނެއްކާ އޭނާ ވެސް އެއައީ މި އަގުހުރި ދަހަނާތައް ހުރި ގޯނި ވަގަށް ނަގާާން ބާ!"
"ޚަޒްރަޖު ވަންހައިގެ ޠުޢުމާ ކީއްވެ ބާ އަހަރެން ސަލާން ގޮވުމުން ސަލާން ބަލައި ނުގަތީ އަދި ނަމުން ގޮވައިލުމުން ވެސް ޖަވާބެއް ނުދިނީ!" ޤަތާދާގެ ހިތުގައި ސުވާލު އުފެދުނެވެ.
*****
"ބަލާބަލަ ދަރިފުޅާ ޤަތާދާ! މީހަކު މިހިރީ އަހަރެންގެ ގޭގެ ފާރުން ގާތައް ނައްޓައިގެން ވައްކަން ކޮށްފަ. އެންމެ ފަހުން ޣަނީމާ މުދަލުގެ ތެރެއިން ﷲ ގެ ރަސޫލާ ދެއްވި އައްޑަނަ ވެސް ވަގަށް ގެންގޮސްފި." ރިފާޢު ޤަތާދާއަށް ބުންޏެވެ.
"ލާޙައުލަ ޥަލާ ޤުއްވަތަ އިއްލާ ބި ﷲ އަލްޢަލިއްޔިލް ޢަޡީމް." ޤަތާދާ ވެސް ހުރީ ހައިރާން ވެފައެވެ.
"ހަމަޖެހިލާ ބޮޑުބޭބޭ." ޤަތާދާ އޭނާގެ ބޮޑުބޭބެއަށް ބުންޏެވެ.
"އަގުހުރި އެތަކެއްޗެއް ވަނީ މިރޭ ވަގަށް ގެންގޮސްފަ. ޔަގީން މި ވައްކަން ކުރާނީ ޚަޒްރަަޖު ވަންހައިގެ މީހަކު ކަން ޔަގީން." ރިފާޢު ބުންޏެވެ.
"ބޮޑުބޭބޭ ތިޔަ ގޮތަށް ނުވިސްނާ. ﷲ ގެ ރަސޫލާ ވަނީ އަހަރެމެން އައުސް ވަންހައިގެ މީހުންނާއި ޚަޒްރަޖު ވަންހައިގެ މީހުންނާ ދެމެދު އޮތް ފިތުނަވެރިކަމަށް ނިމުމެއް ގެންނަވައި ގަބީލީ ހަނގުރާމައާއި ތަޅައިފޮޅުމުގެ ނުބައިކަމުން އަހަރެމެންގެ ދެ ވަންހައިގެ މީހުން ދުރު ކުރައްވައި، ސުލްހަވެރި ކުރައްވާފައި." ޤަތާދާ ބުންޏެވެ.
"އެހެންވިއްޔާ ވައްކަން ކުރީ ކާކުބާ؟" ރިފާޢު ސުވާލު ކުރިއެވެ.
އެ ވަގުތު ޤަތާދާ ހިތަށް އެރިއެވެ. "ދެންމެ އަހަންނަށް މި ހިސާބުން ޠުޢުމާ ފެނުނު ވާހަކަ ބޮޑުބޭބެގެ ގާތުގައި ބުނުން ވާނީ ގޯހަކަށެވެ. ޚަޒްރަޖު ވަންހައާއި އައުސު ވަންހައާ ދެމެދު އަނެއްކާ ވެސް ފިތުނައިގެ އިތުރު އަލިފާންގަނޑެއް ރޯވުން ނޫން އެހެން ނަތީޖާއެއް ނުނުކުންނާނެއެވެ. އެންމެ ރަނގަޅު ވާނީ ﷲ ގެ ރަސޫލާގެ އަރިހަށް ދިއުމެވެ." އެހެން ހިތަށް އެރުމާ އެކު ޤަތާދާ ހިނގައިގެންފިއެވެ.
"ޤަތާދާ ދަރިފުޅާ މި ވަގުތު ކޮންތާކަށް ތިޔަ ދަނީ؟" ރިފާޢު އެހިއެވެ.
"އަހަރެން މި ދަނީ މި ވާހަކަ ﷲ ގެ ރަސޫލާއަށް ދަންނަވާން. މި މައްސަލަ ބެއްލެވޭނީ އެކަލޭގެފާނަށް." ޤަތާދާ ބުންޏެވެ.
"އަހަރެން ވެސް ދާނަން." ރިފާޢު ބުންޏެވެ.
- ނުނިމޭ -