މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތައް ގުޅިގެން އަންނަ ހުކުރު ދުވަހު މާލެ އާއި އަތޮޅުތަކުގައި ބާއްވާ "ބޮޑު މުޒާހަރާ"ގައި ކުޑަކުދިން ބައިވެރިނުކުރުމަށާއި ކުޑަކުދިން ބައިވެރިކުރުމަށް ބާރު ނޭޅުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން އިލްތިމާސްކޮށްފި އެވެ.

އެ ކޮމިޝަންގެ ރައީސް މަރިޔަމް އަޒުރާ އަހުމަދު ސޮއިކުރައްވައި އިއްޔެ އެ ކޮމިޝަނުން އާންމުކޮށްފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމާއި މުޒާހަރާ ކުރުމަކީ ރާއްޖޭގެ ގާނޫނު އަސާސީގެ 32 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށް ލިބިދީފައިވާ ހައްގެއް ކަމުގައި ވިއަސް، މުޒާހަރާތައް ފަދަ މީހުން ގިނައިން އެއްވެ، ހަލަބޮލިކަން އިތުރުވެދާނެ ފަދަ މާހައުލުތަކުގައި ކުޑަކުދިން ބައިވެރިކުރުމަކީ އެ ކުދިން ރައްކާތެރި ކުރުމަށް އާއިލާތަކާއި ދައުލަތަށް އޮތް ވާޖިބަށް ހުރަސްއެޅިދާނެ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ކުދިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮ ކަމަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އަޒުރާ މިއަދު ވިދާޅުވީ ހުކުރު ދުވަހު ބާއްވަން އުޅޭ މުޒާހަރާއަށް ކިރުބޯ ޅަ ދަރިން ވެސް ގޮވައިގެން ނުކުތުމަށް ބައެއް މީޑިއާތަކުގައި މުޒާހަރާ އިންތިޒާމް ކުރާ ބައެއް ފަރާތްތަކުން ފާޅުގައި ގޮވާލަމުންދާ ކަމަށާއި އެކަމަކީ އެ ކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"މުޒާހަރާގެ ވާހަކަ ފުރަތަމަކޮޅު ދެއްކި އިރު ވެސް ކުޑަކުދިން ނެރޭ ވާހަކަ ދައްކާފައިވޭ. އަދި އަޅުގަނޑުމެން އެކަންތައް އެގޮތަށް ނުކުރުމަށް ގޮވާލާ ބަޔާނެއް ނެރެން ޖެހުނީ އޭގެ ކުރިން ރޭ ވެސް ބައެއް މީޑިއާތަކުގައި ކިރުބޯ ޅަކުދިން ވެސް ގޮވައިގެން ނުކުންނާށޭ ބުނަމުން ގެންދާތީ، އެބޭފުޅުންގެ މަގުސަދެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އެކަމަކު ކުޑަކުދިން އެގޮތަށް ނެރުމުން އެކުދިންނަށް ލިބިދާނެ ގެއްލުމަކާ މެދު އަޅުގަނޑުމެން ކަންބޮޑުވޭ،" އަޒުރާ ވިދާޅުވި އެވެ.

މުޒާހަރާއަށް ނުކުންނަ ބައިވެރިން އެއްވެސް ފަރާތަކަށް ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ގެއްލުން ނުވާނެހެން އަމަލުތައް ބެހެއްޓެވުމަށާއި މީހުންގެ ގޯތި ގެދޮރަށަށާއި މުދަލަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް އެޗްއާރުސީއެމްގެ ސިޓީގައި ގޮވާލައިފައިވެ އެވެ.

މުޖާހަރާއަށް ނުކުންނަ ފަރާތްތަކުން އަމަން އަމާން ކަމަށް ގެއްލުންވާ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސަމާލުކަން ދިނުމަށާއި ސުލްހަވެރިކަން އިސްކުރުމަށް ހުރިހާ ފަރާތްތަކަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މުޖުތަމައުގައި ބައިބައިވުމާއި ފިތުނަ ފަސާދަ އިތުރުވެ ހަމަނުޖެހުން އުފެދޭ ފަދަ ގޮތަކަށް ކަންކަން އެނބުރިގެން ހިނގައިދާނެ ފަދަ ގޮތަކަށް އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުމަކީ ރާއްޖޭގައި ދިރިއުޅޭ އެންމެންގެ ހައްގުތަކަށް ނުރަނގަޅު އަސަރެއްކޮށްފާނެ ކަމަށް ވާތީ، ކަންކަން ހައްލުކުރުމުގައި އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކުގައި ހިފަހައްޓައި، މަޝްވަރާ އާއި ސުލްހަވެރިކަން އިސްކުރެއްވުމަށް އެ ކޮމިޝަނުން އެދިފައިވެ އެވެ.

"ގައުމުގައި ނުރައްކާތެރި ޖަރީމާތަކަށް މަގުފަހިވާ ފަދަ އަމަލުތަކާއި ދިވެހި މުޖުތަމައުގެ އަމަން އަމާންކަން ގެއްލޭ ފަދަ އަމަލްތަކަށް ޖާގަނުލިބޭނެހެން، ސުލްހަ މަސަލަސް ކަމަށް އިސްކަންދީގެން ގާނޫނު އަސާސީން ލިބިދޭ އެއްވެ އުޅުމުގެ ހައްގު ޒިންމާދާރުކަމާ އެކު އަދާކުރުމަށް މުޒާހަރާ އަށް ނުކުންނަ ފަރާތްތަކަށް އިލްތިމާސްކުރަމެވެ،"

ޑިސެންބަރު 23، ގައި ބާއްވާ " ބޮޑު މުޒާހަރާ" އަކީ ދީން ހިމާޔަތްކުރުމަށް ކަމަށް ބުނެ މަދަނީ ޖަމިއްޔާތަކުންނާއި ބައެއް ސިޔާސީ ޕާޓީތަކުން ބާއްވާ މުޒާހަރާ އެވެ. ހަމަ އެ ދުވަހު ސަރުކާރު ނިސްބަތްވާ އެމްޑީޕީން ވެސް ވަނީ އެ މުޒާހަރާއާ ދެކޮޅަށް މުޒާހަރާ އަށް ނުކުންނާނެ ކަމަށް ބުނެފަ އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Mariyam Azra (mp3)