25 Apr 2020, 09:17
ކޮވިޑް 19 އާއެކު އަޅާފައިވާ ގައިދުރުކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބަލި ފެތުރޭ މިންވަރު ދަށްކުރެވިފައިވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވަނީ މިހާރު ރާއްޖޭގައި ބަލީގެ ހާލަތު އޮތް ގޮތާއި، ބަލި ފެތުރެން ފެށުމާއެކު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބަލި ފެތުރުން ކޮންޓްރޯލު ކުރެވޭނެކަމަށް ލަފާކޮށް ހަދާފައިވާ އަންދާޒާތަކާއި އެ ފިޔަވަޅުތައް ނާޅާ އޮތްނަމަ ބަލީގެ ހާލަތު މިހާރު ރާއްޖޭގައި އޮންނާނެ ސިނާރިއޯ އެއް ހިމެނޭ ގްރާފެއް ހިއްސާ ކުރައްވައިފަ އެވެ.
އެގޮތުން ގައިދުރުކުރުމުގެ ފިޔަވަޅުތަކަށް 75 ޕަސެންޓް ރައްޔިތުން ތަބާވާ ނަމަ ދުވާލެއްގެ މައްޗަށް ބަލިޖެހޭނެ ކަމަށް ލަފާކޮށްފައިވާ އަދަދާއި މިހާރު، ދުވާލެއްގެ މައްޗަށް ބަލި ޖެހެމުންދާ މީހުންގެ އަދަދު ވަނީ ގާތްގަނޑަކަށް އެއްވަރުވެފަ އެވެ.

މިރޭ މަބްރޫކު ހިއްސާކުރެއްވި ގްރާފު
މަތީގައިވާ ފޮޓޯގައިވާ ގްރާފުގެ ރަތް ރޮނގަކީ މިހާރު އަޅާފައިވާ ގައިދުރުކުރުމުގެ ފިޔަވަޅުތައް ނާޅާނަމަ ރާއްޖޭގައި ބަލީގެ ހާލަތު އޮންނާނެ ސިނާރިއޯ އެވެ. ހުދު ރޮޮނގަކީ ފިޔަވަޅުތަކާއެކު މިހާރު އޮތް ހާލަތެވެ. ނޫ ރޮނގަކީ 75 ޕަސެންޓް ކޮމްޕްލަޔަންސާއެކު ފިޔަވަޅުތައް އެޅުމުން ހާލަތު އޮންނާނެ ކަމަށް ލަފާކުރި ސިނާރިއޯ އެވެ.
ކޮވިޑް19 އާއި ގުޅޭގޮތުން މީގެ ކުރިން ރާއްޖޭގައި ހެދި ދިރާސާ ދައްކާގޮތުން ގައިދުރުކުރުމާއި ގޭގައި މަޑުނުކުރުން ފަދަ ކަންކަން ކުރާ ނަމަ ރާއްޖެއިން ބަލީގައި މަރުވާ މީހުންގެ އަދަދު ހުންނާނީ 2000ގަ އެވެ.
ރާއްޖެއިން މިހާތަނަށް 128 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ. މިމަހުގެ 15 ވަނަ ދުވަހު މާލެއިން ބަލީގެ މީހެއް ފެނި މާލެ ސަރަހައްދު ލޮކްޑައުންކުރި ފަހުން މާލެއިން 107 ކޭސް ފެނިފައިވެ އެވެ.
ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 60 ދިވެހިންނާއި 68 ބިދޭސިންނެވެ. މިހާތަނަށް 17 މީހަކު ވަނީ ރާއްޖޭގައި ބަލިން ރަނގަޅުވެފަ އެވެ.